މާލޭ ސިޓީ ކައުންސިލް

ބޭރަށް ކުނި ނުނެރެން ނިންމީ ވެމްކޯއާ މަޝްވަރާކޮށްފައި: ސިޓީ ކައުންސިލް

މަގުމައްޗަށް ކުނިނެރުން ހުއްޓާލައި ގޭތެރެއިން ކުނި ނެރުމަށް ނިންމީ ވެމްކޯއާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ވެމްކޯއާއި އެކީ މީގެކުރިން ބައްދަލުވުންތަކެއް ބޭއްވި ކަމަށާއި ކައުންސިލްގެ އެ ނިންމުމަށް އެއްބާރުލުން ދޭނެ ކަމަށް އެކުންފުނިން ބުނި ކަމަށެވެ. ނަމަވެސް މީޑިއާގައި އެކުންފުނިން ދައްކާފައި ހުރި ވާހަކަތަކަކީ ދެފަރާތުން އެއްބަސްވެވުނު ގޮތާ ހިލާފަށް ދެއްކި ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކަށް ވަދެ ކުނި ނަގަން ނިންމާފައިވާ ކަމަށް އެންގީ މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒު ވިދާޅުވެފައި ވަނީ ކުރީންވެސް އަމަލު ކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފަށަން ޖެހޭ ކަމަަށާއި އަދި އެކަމާއި ގުޅޭގޮތުން ވެމްކޯއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ވެމްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުން އޭޕްރީލް 16، 2020 އިން ފެށިގެން މާލެ ސަރަހައްދުގައި ކުނި ނަގާ އުސޫލު ބަދަލުކޮށްފައިވާއިރު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުނި ނަގާ އުސޫލަށް ބަދަލު ގެންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

ނަރީޝް މިއަދު ވިދާޅުވީ ކޮވިޑާ ގުޅިގެން ނިއު ނޯމަލްއަކަށް ގައުމު ހުޅުވާލައި، ވަރަށް ގިނަ ލުއިތައް ދިންއިރު ބަދަލުނުވެ އޮތް ހަމައެކަނި ކަމަކީ މާލޭގެ މަގުމައްޗަށް ކުނި ނެރުން އެކަނި ކަމަށެވެ.

"ކެފޭތަކަށް ބޭނުން ވަގުތަކު ބޭނުން މީހަކަށް ދެވޭ. ބޭނުން ރަށަކަށް ފުރައިގެން ދެވޭ. ހަމައެކަނި ބަދަލުނުވެ އޮތް ކަމަކީ ބޭރަށް ނެރޭ ކުނި މަގުމައްޗަށް ނެރުން. އަޅުގަނޑުމެން މި އެދެނީ ގޭގެއަށް ވަދެ ކުނި ކޮތަޅު ނެރެން. ނިއު ނޯމަލްއަކަށް ހުޅުވާލާފަ މިއޮތީ. އެހެންވީމަ އެޗްޕީއޭގެ އެއްވެސް ގައިޑްލައިނަކާ ހިލާފުވާނެ ތަނެއް ނެތް،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ މަތުތަކާއި ފަޅުތެރެ ސާފުކުރަން ސިޓީ ކައުންސިލުން ވެމްކޯއާއި ދެމެދު އެގްރިމެންޓެއް ހަދާފައިވާ ކަމަށާއި އެކަމަށް ތިން މިލިއަނަށްވުރެ ގިނަ ފައިސާ މަހެއްގެ މައްޗަށް ކައުންސިލުން ހަރަދުކުރާ ކަމަށެވެ. ކައުންސިލުން ޑިމާންޑްކުރާ ކަންކަން ވެމްކޯއިން ނުކުރާނަމަ އެގްރިމެންޓް ބާތިލްކުރުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ގޭގެއިން ކުނި ނެގުމަކީ ގޭބިސީތަކުން ވެމްކޯގައި ރަޖިސްޓާ ވެގެން ކުރާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ ހިޔާލު ހޯދަން ބައްދަލުވުންތައް ބާއްވަމުން އަންނައިރު އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ މަގުމައްޗަށް ކުނި އަޅާ މައްސަލަ ކަމަށާއި ސިއްހީ ގޮތުން ވެސް މިއީ ރަގަޅު ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މަގު ހިނގާ މީހުންނަށް ވެސް އެކަމުން އުނދަގޫވާ ކަމަށާއި ބުޅާ ފަދަ އެއްޗެހި އަރައި ކުނި ކޮތަޅުތައް ފަޅައި، މުޅިތަނަށް ކުނިތައް އެޅިފައި އޮންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ 21 ވަނަ ދުވަހުން ފެށިގެން ވެމްކޯއަށް އެކަން ކުރެވެން ނެތް ކަމަށް ވަންޏާ ދޭށޭ އެކަން ފެށޭނެ ޑޭޓެއް. އަޅުގަނޑުމެންނާ އެކީ ވަރަށް ޕޮޒިޓިވްކޮށް ވާހަކަދައްކާފަ އަނެއް ދުވަހު މީޑިއާގަ މުޅިން އެހެން ވާހަކައެއް މި ދައްކަނީ. އެކަން ކުރެވިދާނެތޯ އާއި ހުރި ދަތިތަކަކީ ކޮބައިތޯ އަޅުގަނޑުމެން ވެމްކޯގެ މެނޭޖްމެންޓްގައި އެހިން. ވެމްކޯއިން އެދުވަހު ތަކުރާރުކޮށް އަޅުގަނޑުމެންނަށް ދެންނެވީ ކައުންސިލުން އެފަދަ ނިންމުމެއް ނިންމައިފިނަމަ ވެމްކޯއިން އެކަންކަން އިމްޕްލިމެންޓް ކުރާނަމޭ އަދި ތިބި މުވައްޒަފުންތަކެއް ލައިގެން އެކަން އޮޕަރޭޓް ކުރެވޭނެއޭ،" ނަރީޝް ވިދާޅުވި އެވެ.

ގޭގެއަށް ވަދެ ކުނި ނެރެން ކައުންސިލުން ނިންމުމާއި ގުޅިގެން ވެމްކޯއިން ބުނެފައި ވަނީ މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުން ދިއުމާއި ގުޅިގެން މިކަމަށް ރިއާޔަތްކޮށް އެ ކޯޕަރޭޝަނުން ގޭބީސީތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބަދަލު ގެނައުމަށް އެޗްޕީއޭ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފަހު އެކަން އިއުލާނު ކުރާނެ ކަމަށެވެ.

ގޭގެއިން ބޭރަށް ކުނި ނެރެން އެންގީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށްވީ ނަމަވެސް އެކަމުގެ ސަބަބުން ބައެއް މައްސަލަތައް ވެސް ދިމާވި އެވެ. ކުނި ނުނެގި ގިނަ ވަގުތުތަކަކު މަގުމަތީ ހުންނާތީ އެތައް ބަޔަކަށް އެކަމުން އުނދަގޫވެ އެވެ. އަދި މަގުތައްވެސް ހަޑިވާތީ ޝަކުވާ އޮވެ އެވެ.