މާލޭ ސިޓީ

މާލެ އާއި ވިލިމާލެ ދެން ސާފުކުރާނީ ސިޓީ ކައުންސިލުން

މާލެ އާއި ވިލިމާލޭގެ އާންމު ސަރަހައްދުތައް މިއަދުން ފެށިގެން ކުނިކަހާ ސާފުކޮށް ބެލެހެއްޓުން މާލެ ސިޓީ ކައުންސިލުން އަމިއްލައަށް ކުރަން ފަށައިފި އެވެ.

ވެމްކޯއިން މިއަދު ނެރުނު ނޫސްްބަޔާނެއްގައި ބުނެފައިވަނީ، މާލެ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމާ ގުޅޭ އެއްވެސް މަސައްކަތެއް ދެން ވެމްކޯގެ ބެލުމުގެ ދަށުން ކުރިއަށް ނުގެންދާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިއަދު ހަމަވިއިރު، މިދިޔަ ސެޕްޓެމްބަރި މަހު މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ، އެ އެއްބަސްވުން ދެން އާނުކުރުމަށެވެ.

މިއަދުން ފެށިގެން މާލެ އާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުގައި އުފެދޭ ކުނި އުކާލާނީ މާލެ ސިޓީ ކައުންސިލުން ކަމަށް އެ ކައުންސިލުން ކުރިން ބުނެފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ވެމްކޯ އިން ކުނި ނަގާ ސާފުކޮށް އުކުމުގެ މަސައްކަތް ކުރަމުން ނުދެ އެވެ. މާލޭގެ އާންމު ތަންތަނުގައި އުފެދޭ ކުނި ސިޓީ ކައުންސިލްގެ މުވައްޒަފުން ނިކުމެ ނަގައި، އުކާލަން ވެމްކޯގެ ސައިޓަށް ދިއުމުން ސިޓީ ކައުންސިލްގެ ޕިކަޕަށް ފައިސާ ނަގާ ކަމަށްވެސް ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ސާފުކުރުުގެ ޒިންމާއާ މިއަދުން ފެށިގެން ހަވާލުވުމުން، ދެން މާލެ އަދި ވިލިމާލޭގެ މަގުތަކާއި ގޯޅިތައް، ޕާކުތައް އަދި މައިޒާންތަކާއި މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ސާފުކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރާނީ މާލެ ސިޓީ ކައުންސިލުންނެވެ.

މާލެސިޓީ ކައުންސިލުން ވަނީ މިކަމަށް މުވައްޒަފުންތަކެއް ހޯދަން އިއުލާންވެސް ކޮށްފަ އެވެ. ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަން ފެށުމުން އެ މަސައްކަތް ރަނގަޅަށް މޮނީޓާ ކުރެވިގެންދާނެ ކަމަށްވެސް ކައުންސިލުން ގަބޫލުކުރާ ކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.