މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި ނެގުމަށް ވެމްކޯ އާއި އެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން އާނުކުރަން އެ ކައުންސިލުން ފާސްކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޑިސެމްބަރު 26، 2016 ގައި ނިމިދިޔަ ކައުންސިލުން ސޮއިކުރި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ހަމަވުމުން އެއްބަސްވުން އާނުކުރަން ނިންމީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގަ އެވެ.
އެއްބަސްވުން އާނުކޮށް މާލެއިން ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަމިއްލައަށް ކުރާ ގޮތަށް ހަމަޖެއްސުމަށް ކައުންސިލަށް މިއަދު ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ. މި ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދެއްވި 12 މެންބަރުން އިއްތިފާގުންނެވެ.
މިބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ސައިފް ފާތިހު ވަނީ އެއްބަސްވުމާ މެދު ކައުންސިލުން ގޮތްތަކެއް ނިންމުމުގެ ކުރިން ވެމްކޯއާ މަޝްވަރާކުރުމަށްފަހު ގޮތްތަކެއް ނިންމުމަށް ހުށަހަޅުއްވައިފަ އެވެ. މިހުށަހެޅުމަށް ގަލޮޅު ހުޅަނގު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު މަރިޔަމް ނާޒިމާ ތާއީދުކުރެއްވި ނަމަވެސް މި އިސްލާހު ފާސްކުރަން ކައުންސިލްގެ އަގުލަބިއްޔަތެއް ނުލިބުނެވެ.
މިބައްދަލުވުމުގައި ގޮތްތަކެއް ނިންމުމުގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޖުތަބާ ޖަލީލް ވަނީ ވެމްކޯގެ އެއްބަސްވުން މިހާރު އޮތް ގޮތުން ކައުންސިލަށް ދިމާވާ މައްސަލަތަކާއި ލިބޭ ގެއްލުންތަކާއި އަދި ކައުންސިލުން އަމިއްލައަށް ކުނި އުކާލަން ފެށުމުން ލިބޭނެ ފަސޭހައާއި ފައިދާތައް އޮޅުން ފިލުއްވައިދެއްވާފަ އެވެ.
އެގޮތުން މުޖުތަބާ ވިދާޅުވީ ވެމްކޯއާ އެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ވެމްކޯ އިން ކުނި އުކާލަމުން ނުދާތީ ކައުންސިލަށް އާންމުންގެ ޝަކުވާ ލިބޭ ކަމަށެވެ. އަދި ކިތަންމެ ބައިވަރު ކުންޏެއް މަގުމަތީގައި ހުއްޓަސް ވެމްކޯ އިން ނަގަނީ ވަކި ގޮތަކަށް ބަންދުކޮށްފައި ހުންނަ ކުނި އެކަނި ކަމުގައި ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވީ ވެމްކޯގެ ޒިންމާ ރަނގަޅަށް އަދާ ނުކުރާތީ ކައުންސިލްގެ މުވައްޒަފުން ނިކުމެ ކުނި ނަގައި، ކުނި އުކާލަން ވެމްކޯގެ ސައިޓަށް ދިއުމުން ސިޓީ ކައުންސިލްގެ ޕިކަޕަށް ފައިސާ ވެސް ނަގާ ކަމަށެވެ.
މުޖުތަބާ ވިދާޅުވީ ސިޓީ ކައުންސިލްގައި މިވަގުތު ތިއްބެވި ކައުންސިލަރުން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާރު މިއޮތް ކައުންސިލަށް ބިލްކޮށް ވެމްކޯ އިން 45.6 މިލިއަން ރުފިޔާގެ ބިލް ފޮނުވާފައިވާ ކަމަށާއި 38.7 މިލިއަން ރުފިޔާގެ ފައިސާ ދައްކާފައިވާ ކަމަށެވެ.
ވެމްކޯ އިން މާލެ ސިޓީ ކައުންސިލާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މާލޭގައި ކުނި ނަގައި އުކާލުމަށް 150 މުވައްޒަފުން އަދި ވިލިމާލޭގައި 30 މުވައްޒަފުން ގެންގުޅޭ ކަންވެސް މުޖުތަބާ ފާހަގަކުރެއްވި އެވެ. އަދި އެ މުވައްޒަފުންގެ އެވްރެޖު މުސާރައަކީ 8،000 ރުފިޔާ ކަމުގައި ވިދާޅުވި އެވެ. ކައުންސިލުން އަމިއްލައަށް ކުނި ނަގާނަމަ ވެމްކޯ އިން މާލޭގައި މިހާރު ބޭނުންކުރާ 150 މުވައްޒަފުންގެ ތެރެއަށް އިތުރު 85 މުވައްޒަފުން އަދި ވިލިމާލެއަށް އިތުރު 15 މުވައްޒަފުން އިތުރުކޮށްގެން ކޮންމެ މުވައްޒަފަކަށް އެވްރެޖުކޮށް 10،000 ރުފިޔާގެ މުސާރައެއް ދީގެން ކައުންސިލަށް ފައިދާއާ އެކު މާރަނގަޅަށް ކުނި އުކާލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ދެ ފަރާތުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުނި އުކާލުމުގެ މަސައްކަތުގައި ވެމްކޯ އިން ތިން އުޅަނދު މިވަގުތު ބޭނުންކުރި ނަމަވެސް ކައުންސިލުން އެ މަސައްކަތުގައި ބޮޑު ފަސް ޕިކަޕާއި ނުވަ ކުޑަ ޕިކަޕް ބޭނުންކުރެވިދާނެ ކަމަށެވެ.
ވެމްކޯއާ އެކު މާލެ ސިޓީ ކައުންސިލުން ހަދާފައި އޮތް އެއްބަސްވުން އާނުކުރަން މިބައްދަލުވުމުގައި ބައިވެރިވި ޕީޕީއެމްގެ މެންބަރުންނާއި އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވާހަކަދެއްކެވި އެވެ.
ވެމްކޯ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމި ނަމަވެސް ކައުންސިލުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނީ ސަރުކާރުން އެއްބާރުލުން ދީގެން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.