މާލޭ ސިޓީ ކައުންސިލް

ޕާކިން ސްލޮޓްތައް ގަރާޖުގެ ގޮތުގައި ވިއްކާލަނީ

މާލޭ ސިޓީ ކައުންސިލުންދޭ ޕާކިން ސްލޮޓްތައް ވެހިކަލް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލާއި އެކު އެއްބަސްވުމެއް ހަދައިގެން ޕާކިން ސްލޮޓްތައް ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ގަރާޖުގެ ގޮތުގައި ޕާކިން ސްލޮޓްތައް ވިއްކާނީ އަހަރަކަށް 25،000 ރުފިޔާގެ ރޭޓުން ކަމަށް ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މާލެ އިން ވިއްކާ ސްލޮޓްތައް ލިބޭނީ ވެހިކަލްގެ އުމުރަށް ބަލައިގެންނެވެ. އަދި އެއްވެސް މަޝްރޫއަކާއި ހުރެ އެތަން ނަގަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެހެން ތަނަކުން ސްލޮޓް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ގަރާޖުގެ ގޮތުގައި ޕާކިން ސްލޮޓް ދޫކުރުމަށްޓަކައި މާލޭގައި ހުރި 20 ފޫޓަށް ވުރެ ފުޅާ މަގުތަކުން ޖާގަ ނަގާނެކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އަމީނީ މަގުގެ ދެކުނަށް ހުރި ޖާގައިގެ ތަނަވަސްކަން ހުރި ތަންތަން މިހާރުވެސް ބަލަމުންދާ ކަމަށެވެ. އަދި މި ސްލޮޓްތައް ކަނޑައަޅައި އެތަންތަން ކުރެހުމަށްފަހު ސްލޮޓްތައް ބޭނުންވާ ފަަރާތްތަކަށް ފުރުސަތު ހުޅުވާލާނެ ކަމުގައި ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ސްލޮޓްތަކެއް ކުއްޔަށް ދޫކުރުމާއި އެކު މާލޭގައި ގަރާޖެއް ނެތި އޮންނަ ވެހިކަލްތައް މަދުވެގެންދާނެ އެވެ. އަދި ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ބޭނުން ނުވާ ފަރާތްތަކަށް ވެސް ޕާކިން ސްލޮޓްތަކަށް އެދުމުގެ ފުރުސަތު އެބައޮތެވެ. މި ފުރުސަތަށް އެދެވޭނީ މިއަދުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރެވިފައިވާ ވެހިކަލް ތަކަށް އެކަންޏެވެ.

މާލެ ސަރަހައްދުގައި މިހާރު ގަރާޖުތައް ހޯދަން ޖެހެނީ ބޮޑު އަގުދީފަ އެވެ. އަދި ގިނަ ފަހަރަށް މިފަދަ ތަންތަން އޮންނަނީ ވެހިކަލް ޕާކު ކުރެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. މިތަންތަން ބޭނުން ކުރަމުން ދަނީ ކޮންމެވެސް އެހެން މަސައްކަތެއް ކުރުމަށެވެ.