ހަބަރު

މާލޭގެ ހަނި ގޯޅިތަކަށް ދުއްވާ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ބަންދުކުރަނީ

މާލޭގެ ހަނި ގޯޅިތަކަށް ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ހަދަން ސަރުކާރުން ނިންމައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ރޭ ރާޅުގަނޑުގައި ބޭއްވި ހަފްލާގައި އެކަން އިއުލާން ކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ މާލެ އަކީ ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް އުޅެވޭނެ ހިތް ފަސޭހަ ތަނަކަށް ހެދުމަށް ޓަކައި އެ މީހުންނަށް ކުޅިވަރު ކުޅެ ހިތްހަމަ ޖައްސައިލެވޭނެ ޖާގަ އޮންނަން ޖެހޭ ކަމަށެވެ. އަދި ހަނި ގޯޅިގަނޑުތަކުގެ ދެ ފަރާތުގައި މީހުން ދިރިއުޅޭ ވަރަށް ގިނަ ގެތައް މާލޭގައި އެފަދަ ސަރަހައްދުތަކަށް ދުއްވާ އެއްޗިއްސަށް ވަދެވޭ ގޮތަށް އޮތުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ދުއްވާ އެއްޗިހި އެ ގޯޅިތަކަށް ވަނުން މަނާކުރުމެވެ.

"އަޅުގަނޑުމެންނަށް އާދަވެފައި މި ހުރީ އަޅުގަނޑުމެންގެ ގޭގެ ކުރިމަތީގައި ސައިކަލް ކާރު ޕާކްކޮށްލާފައި ގެއަށް ވަންނަން. އެކަމަކު މިއީ އަޅުގަނޑުމެންގެ މައުސޫމް ކުޑަކުދިންގެ ހައްގުގައި މިކަން އޮންނަން ޖެހޭ ގޮތެއް ނޫން. ގޭ ކުރިމަތީގައި ވެހިކަލްތައް ޕާކް ނުކޮށް ދުރުގައި ޕާކްކޮށްފައި ވެސް ކޮންމެވެސް ވަރަކަށް ދަތި އުފުލައިގެން ވެސް ކުޑަކުދިންގެ ހައްގުގައި އެކަން ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެގޮތަށް ބަންދު ކުރާ މަގުތައް ކުރިއަށް މި އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން އިއުލާން ކުރާނެ އެވެ. ރައީސް ވިދާޅުވި ގޮތުގައި ހެންވޭރާއި މާފަންނު އަދި މާލޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެގޮތަށް ބަންދު ކުރެވޭނެ ގޯޅިތައް ވަރަށް ވެސް ގިނަ އެވެ. އަދި އެގޮތަށް ހަމަޖެއްސުމުން މާލެ ތޮއްޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅެއް އުޅުމަށް މަގުފަހިވާނެ އެވެ.

"އޭރުން މި ބަންދު ކުރާ ސަރަހައްދުތަކުގައި ކުޑަކުދިންނަށް ކުޅިވަރު ކުޅެލާ ހެދޭނެ. ގޭ ކުރިމަތީގައި އޮންނަ ގޯޅިން ދުއްވާ އެއްޗެއް ނުދަންޏާ ކޮން ތުއްތު ކުއްޖެއްތޯ ކުޅިވަރު ކުޅެލާ ހިތްހަމަ ޖައްސާލަން ނުނިކުންނާނީ،" ރައީސް ވިދާޅުވި އެވެ.