ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާތާ ދޮޅު އަހަރު ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފި އެވެ.
ގާސިމް އިބްރާހީމް މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވި ކަން މަޖިލީހުގެ އިދާރާއިންނާއި ބައެއް މެންބަރުން ވެސް ވަނީ އަވަސް އަށް ޔަގީންކޮށްދެއްވާފަ އެވެ. މިއަދު ފެށުނު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި ނަމަވެސް ޖަލްސާގައި ވާހަކަދައްކަވާފައެއް ނުވެ އެވެ.
ގާސިމް އިބްރާހީމާ އެކު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތީ ޖުމްލަ 45 މެންބަރުންނެވެ. އެއް މެންބަރަކު ސަލާމްގައި ހުންނެވިއިރު އެއް މެންބަރަކު ހުންނެވީ ކަރަންޓީނުގަ އެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ސިއްހީ ފަރުވާ އަކަށް އިނގިރޭސިވިލާތުގަ އެވެ. ސިއްހީ ފަރުވާ އަށް އިތުރު ބޭފުޅަކު މިވަގުތު ސަލާމުގައި ހުންނެވި ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައެއް ނުވެ އެވެ.
މަޖިލީހުގެ މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކާއި މިއަހަރުގެ ފުރަތަމަ ދެ ދައުރުގެ ޖަލްސާތަކުގައި ވެސް ގާސިމް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ގާސިމް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަންނަވާތީ މީގެކުރިން އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.
އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ގާސިމް މާލެ ވަޑައިނުގެން މަޖިލީހުގެ ޖަލްސާތަކަށް ސަލާމް ވިދާޅުވެފައިވަނީ މާލޭގައި ކޮވިޑުގެ ހާލަތު މީގެކުރިން އޮތްގޮތުން އެންމެ ރައްކާތެރި ގޮތަކީ ކޮވިޑް ނެތް ސަރަހައްދެއްގައި ހުންނެވުން ކަމަށްވާތީ ކަމަށެވެ. ކޮވިޑު ނެތް ސަރަހައްދެއްގައި ހުންނެވުމަށްފަހު ކޮވިޑް އޮތް ސަރަހައްދަކަށް ވަޑައިގަތުމުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުރުމުން ގާަސިމަށް ވެސް އަދި އެހެން މީހުންނަށް ވެސް އެންމެ ރައްކާތެރި އަދި އެންމެ ހެޔޮގޮތަކީ އެމީހަކު ހުރި ތަނެއްގައި ހުރުން ކަމަށް ގަބޫލުކުރައްވާތީ ގާސިމްގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑްގައި މަޑުކުރައްވައިގެން އެމަނިކުފާނު ހުންނެވީ ކަމަށްވެސް ޖޭޕީން ބުނެފައިވެ އެވެ.
"މިއީ ސިއްހީ ގޮތުން ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ ވަގުތެއް ކަމުން ގާސިމް ބައްލަވަމުން ގެންދަވަނީ އެންމެނަށް ވެކްސިން ލިބި ގައުމުގެ ހާލަތު އާދައިގެ ހާލަތަކަށް ބަދަލުވެ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ހުރަސްތަކަށް ލުއި ލިބޭނޭ ދުވަހަކަށް. އުންމީދަކީ ވީހާވެސް އަވަހަށް ހާލަތު ބަދަލުވުން،" ފާޑުކިޔުންތަކާ ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ.
ގާސިމް މާލެއިން ބޭރުގައި ހުންނެވި ދުވަސްވަރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ އިތުރު ކައިވެންޏެއް ވެސް ކުރައްވާފަ އެވެ.
މަޖިލީހުގެ މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކާއި މިއަހަރުގެ ފުރަތަމަ ދެ ދައުރުގެ ޖަލްސާތަކުގައި ގާސިމް އިބްރާހީމް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް އޭގެކުރިން ގާސިމް އިބްރާހީމަކީ މަޖިލީހުގެ ހާޒިރީ އަށް ޖުމްލަކޮށް ރަނގަޅު ބޭފުޅެކެވެ.