ރައީސް މުހައްމަދު ނަޝީދު

އަފްގާނިސްތާން ފެއިލްވީ ޕާޓީތައް ބާރުވެރިކުރުވާފައި ނެތުމުން: ނަޝީދު

އަފްޣާނިސްތާނުގައި އެމެރިކާއިން ފެއިލްވެގެން ދިއުމާއި ސިޔާސީ ޕާޓީތަކާ ގުޅުން އެބަހުރި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހައެއް ފަހެއްގައި ދިން ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރުފަރުވާ ހޯއްދެވުމުމަށް އިނގިރޭސިވިލާތުގައި ހުންނަވައި އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަފްޣާނިސްތާނު އަލުން އާރާސްތުކޮށް އެތަން ބިނާކުުރުމަށް ހުރަސް އެޅުނީ ސަބަބުތަކެއް ހުރެގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އޭގެން އެއް ސަބަބަކީ ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނުގައި ސިޔާސީ ޕާޓީތައް ހަރުދާނާކޮށް ހިންގަން މަސައްކަތް ނުކުރުމުން." ރައީސް ނަޝީދުގެ ޓުވީޓުގައިވެ އެވެ.

އެ ޓުވީޓުގައި އަފްޣާނިސްތާނުގެ މަޝްހޫރު ލިޔުންތެރިޔާ ހާލިދު ހޮސައިނީ ލިޔުއްވި ވާހަކަ "ކައިޓް ރަނާ"ގެ ކަވާ ފޮޓޯވެސް ރައީސް ނަޝީދު ހިމެނުއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަފްޣާނިސްތާން އަލުން ބިނާކުރުމަށް އެ ވާހަކަ ވަރަށް މުހިއްމު ދައުރެއް އަދާކުރި ކަަމަަށާއި ނަމަވެސް އެކަން އެންމެން މިހާރު ހަނދާން ނެތިފައިވާ ކަމަށެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ހިފައި މުޅި އަފްގާނިސްތާނު އިއްޔެ ވަނީ ތަލިބާނުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި ރިޔާސީ ގަނޑުވަރުވެސް މިހާރު އޮތީ އެމީހުން ބާރުގެ ދަށުގަ އެވެ.

އަފްގާނިސްތާނުގެ 20 އަހަރުވީ ހަނގުރާ ނިމުނުކަން ތަލިބާނުން އިއްޔެ އިއުލާންކޮށްފައިވާ އިރު އެ ޖަމާއަތުން މިހާރު ގެންދަނީ އާންމުންގެ އަތުން ހަތިޔާރު އަތުލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި ތަލިބާނުން އެގައުމު ހިފިޔަސް ގައުމު އޮތީ ހަމަހިމޭންކޮށެވެ. ނަމަަވެސް ކާބުލްގެ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަމަނުޖެހުން ވަރަށް ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ އެތައް ބަޔަކު ތަލިބާނުންގެ ކިބައިން ސަލާމަތްވާތް ވެގެން ބޯޓުތަކަށް އަރަން މަސައްކަތް ކުރަމުންދާތީ އެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ޑިޕްލޮމެޓިކް މިޝަންތަކުގެ މީހުން އެގައުމުން ބޭލުމުގެ މަސައްކަތް އެކި ގައުމުތަކުން މިހާރު ދަނީ ކުރަމުންނެވެ.