ރާއްޖޭގެ އެސެޓްސް ރަހުނުކޮށްފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ގޮތަކަށް އަމަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިހެން ވިދާޅުވީ ރާއްޖޭގެ ގިނަ އެސެޓްތަކެއް ރަހުނުކޮށް ދަރަނި ނަގަމުންދާ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި ދައުލަތަށް ފައިސާ ހޯދުމުގެ ގޮތުން އެންމެ ފަހުން ރަހުނު ކުރި ތަންތަނުގެ ތެރޭގައި ރާއްޖޭގެ ނުވަ ސްކޫލު ހިމެނެ އެވެ. ނަމަވެސް އަމީރު ވިދާޅުވީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެެވެ.
މިނިސްޓަރު ވިދާޅުވީ ފައިނޭންޝިއަލް ސެކްޓާ ތަރައްގީކުރަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަަމަށާއި އަދި އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހަދަން އަމާޒު ހިފައިފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ބޭންކު އުފެދުނީއްސުރެ ރާއްޖޭގެ އެތެރޭގެ ޑޮމެސްޓިކް މާކެޓްގައި ވެސް އިސްލާމިކް އިންސްޓްރޫމަންޓެއް އިޝޫކުރުމަކީ އެކިއެކި އަހަރުތަކުގައިވެސް ސެންޓްރަލް ބޭންކުންވެސް އަދި ބައެއް ބޭންކު ތަކުންވެސް ބޭނުންވާ ކަމެއް ކަމަށާއި އެ މަސައްކަތް ކުރިންވެސް ކުރަމުން ދިޔަ ކަމަށެވެ. އަދި ޝަރިއާއާ އެއްގޮތަށް އިސްލާމިކް ފައިނޭންސް އިތުރުކުރުމުގެ މަސައްކަތް ކުރާއިރު އަންޑަލައިން އެސެޓެއް ބޭނުންކުރެވޭނެ ކަމަށާއި އެއީ އެއްވެސް ގޮތަަކަށް ރަހުނުކުރުން ނޫން ކަމަށެވެ.
"އޭގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެކިއެކި މަރުހަލާތަކުގައިވެސް އަޅުގަނޑުމެންނަށް ވަރަށް ގިނައިން މި ސުވާލުތައް އެބައާދޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަކިޔައިދެން އެެއްވެސް ވަރަަކަށް ރަހުނު ނުކުރެވޭކަން. އެހެންވީމާ އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް ހުރިހާ ރައްޔިތުންނަށް ދަންނަވަން ބޭނުން އަޅުގަނޑުމެން އެއްވެސް ވިސްނުމެއް ނެތް ހަގީގަތުގައި ރާއްޖޭގެ އެސެޓްސް ރަހުނުކޮށްގެން ދަރަންޏަށް ފައިސާ ނެގުމުގެ އެއްވެސް ވިސްނުމެއް ނެތް." އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ދެގޮތަކަށް ފައިނޭންސް އިތުުރު ކުރެވިދާނެ ކަމަށެވެ. އެގޮތުން ކުރިންވެސް އަމަލުކުރާ ގޮތަށް ޓްރެޝަރީ ބޮންޑު ވިއްކައިގެން ފައިނޭސް އިތުރުކުރުން ނުވަތަ އިސްލާމިކް ސުކޫކް ވިއްކައިގެން އިސްލާމިކް ފައިނޭންސް މެދުވެރިކޮށްވެސް ފައިނޭންސް އިތުރު ކުރެވިދާނެ ކަމަށެވެ.
ބަޖެޓުގައި ޖަހާ އަދަދަށް ވުރެ ލިބޭ ފައިިސާ ކުޑަވާނަމަ އެބައި ފޫބައްދަން ފައިނޭންސް އިތުރުކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ހިލޭ އެހީ ހޯދުމާއި މާކެޓަށް ގޮސްގެން ވެސް ފައިނޭންސް އިތުރުކުރަން ޖެހޭ ކަަމަށެވެ. އަދި މީގެ ކުރިން ކޮންވެންޝަނަލް ފައިނޭންސްގެ ދަށުން ރަހުނުކޮށްގެން ފައިސާ ހޯދާ ކަމަށާއި ނަމަވެސް ފަހުގެ ސަރުކާރުތަކުން އެގޮތަށް އަމަލުނުކުރާ ކަމަށެވެ. އެެހެންކަމުން އެސެޓްތައް ރަހުނު ކޮށްގެން ފައިނޭންސް އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.