ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވާ ފޯމްގައި ފިންގާ ޕްރިންޓު ޖަހަން ނުޖެހޭގޮތަށް އޮތް ދުވަސްވަރު ހުށަހެޅި ފޯމްތަކުގައި ފިންގާ ޕްރިންޓު ޖަހަން އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެމްޑީޕީ އާއި ޑީއާރްޕީން ސިވިލް ކޯޓަށް ހިނގައްޖެ އެވެ.
އެމްޑީޕީން ބުނީ ސިޔާސީ ޕާޓީތައް އުފެއްދުމާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ މާއްދާ އިލެކްޝަންސް ކޮމިޝަނުން ނުބައިކޮށް މާނަކޮށްފައިވާ ކަމަށާއި އެމްޑީޕީއާއި ޑީއާރްޕީއާ އެހެނިހެން ޕާޓީތަކަކީ ވެސް މީގެކުރިން އަމަލުކުރަމުން އައި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރެވިގެން ހިންގަމުން އަންނަ ސިޔާސީ ޕާޓީތަކެއް ކަމަށެވެ.
އަދި ވިދާޅުވީ އެއީ ސައްޚަ ގަވާއިދެއް ކަމަށާއި އެ ގަވާއިދަށް އަމަލުކުރުން ހުއްޓުނީ އެ ގަވާއިދަކީ ބާތިލް ގަވާއިދެއް ކަމަށް އެއްވެސް ކޯޓަކުން ކަނޑަނާޅަނީސް އޭގެ ބަދަލުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ކަމަށެވެ.