ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 16 ޓަވަރުގެ ތެރެއިން ދެ ޓަވަރަށް މިއަދު ދާއިމީކޮށް ކަރަންޓު ދޭން ފަށައިިފި އެވެ.
އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެޗް15 އަދި އެޗް16 ޓަވަރަށް ދާއިމީކޮށް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ހުރިހާ ޓަވަރަކަށް ދާއިމީކޮށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިތުރު މައްސަލައެއް ދިމާނުވާނަމަ އެ ޓަވަރުތަކަށް މާދަމާ ދާއިމީ ކަރަންޓު ފޯރުކޮށްދޭނެ ކަމަށެވެ.
ގިނަ ފަރާތްތަކުން ފްލެޓަށް ބަދަލުވުުގެ އަމަލީ މަސައްކަތް ފަށާއިރު، މިކަމަށް ބޭނުންވާ ތަކެތި އުފުލުމަށް ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓްތަކުގެ ތެރެއިން 16 އެޕާޓްމެންޓެއްގެ ޓަވަރެއްގައިވާ ތިން ލިފްޓުގެ ތެރެއިން ދެ ލިފްޓް ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން 20 އެޕާޓްމެންޓްގެ ޓަވަރެއްގައިވާ ހަތަރު ލިފްޓުގެ ތެރެއިން ތިން ލިފްޓް ބޭނުން ކުރެވޭނެ އެވެ. އެ ކޯޕަރޭޝަންގެ މުވައްޒަފުން ޓަވަރުތަކުގެ މަސައްކަތްތައް ބަލައި މިކަމާ ގުޅޭ އިރުޝާދުތައް ދެމުން ދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ފްލެޓްތަކަށް ކަރަންޓު ސަޕްލައިކޮށްފައި ވަނީ ޗައިނާގެ ސީއެމްއީސީ ކުންފުނިންނެވެ. އެ ކުންފުނިން އެ މަސައްކަތް ނިންމުމަށްފަހު އެޗްޑީސީއާއި ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ. ހިޔާ ފްލެޓްތަކުގައި ސީއެމްއީސީން ސްމާޓް މީޓަރުތަކެއް ބަހައްޓާފައިވާއިރު، އެ މީޓަރުތަކުން ކަރަންޓަށް ރިއަލް ޓައިމްގައި ކުރާ ހޭދަ އާއި އަދި ކަނޑައަޅާ ލިމިޓަށްވުރެ އިތުރަށް ހަރަދު ކުރާނަމަ އެކަން ވެސް އެނގޭނެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވެފައިވަނީ ފްލެޓްތަކުގެ ދާއިމީ ކަރަންޓު ގުޅައިލުމުން ފްލެޓްތަކަށް ވަނުމަށް ހުޅުވައިލާނެ ކަމަށެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށެގެން ޑިސެމްބަރު މަހުގެ ނިޔަލަށް ފިނިޝިންގެ މަސައްކަތް ނިންމާ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ. އެ މުއްދަތުގައި ކުލި ދައްކާކަށް ނުޖެހޭނެ އެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓް ގުޅާ ނިމުމުން ކޮމާޝަލް ޔުނިޓްތައް ހަދަން ފެށޭނެ ކަމަށާއި އެހެންކަމުން ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާތާ، ގިނަ ދުވަސްތަކެއް ނުވެ އަސާސީ ހިދުމަތްތައް ދެވަނަ ފިޔަވަހިން ލިބޭނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފަ އެވެ.