ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ކަސްޓަމްސް އޮފީސް ބަންދުކުރީ އެތަނުން ހިދުމަތް ނުހޯދާތީ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ތުލުސްދޫގައި ހުރި ކަސްޓަމްސްގެ އޮފީސް ބަންދުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. ކަސްޓަމްސް އިން ބުނީ ތުލުސްދޫގައި ކަސްޓަމްސްގެ ހިދުމަތް ގާއިމް ކުރީ އެރަށުގައި ހިކިމަސް ރައްކާކުރުމާއި ބަންދުކުރުމަށްފަހު ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ގިނަ ބަޔަކު ކުރަމުންދިއުމާއި ގުޅިގެން، މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ކަސްޓަމްސްގެ ހިދުމަތް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ކަސްޓަމްސްގެ ރަސްމީ ބަނދަރުތައް ކަމުގައިވާ މާލޭ ކޮމާޝަލް ހާބަރު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ދެމުންދާ ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެ ތަރައްގީ ކުރެވިފައިވުމާއެކު، މާލެއާއި ކައިރި ސަރަހައްދުތަކުން މުދާ އެކްސްޕޯޓް ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ ރަސްމީ ބަނދަރުތަކުން ހިދުމަތް ހޯދާ މީހުން އިތުރުވި ނަމަވެސް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ތުލުސްދޫގައި ގާއިމްކޮށްފައިވާ އޮފީހުން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކުން އެއްގޮތަކަށް ވެސް ހިދުމަތް ނުހޯދާ ކަމަށެވެ. އެހެންކަމުން އެރަށުގައި ގާއިމްކޮށްފައިވާ އޮފީހުގެ އޮޕަރޭޝަންތައް ފާއިތުވި އަހަރުތަކުގައި ހުއްޓިފައިވާ ކަމަށް ބުންޏެވެ.
ތުލުސްދޫ ކަސްޓަމްސް އުވާލައިފައި ވަނީ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހުގައި ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.
އެކްސްޕޯޓް ކްލިއަރެންސް މަރުހަލާގައި ހަރަކާތްތެރިވާ އެހެނިހެން ކަމާގުޅޭ ރަސްމީ އިދާރާތައް ވެސް މިހާރު ތުލުސްދޫގައި ހިދުމަތް ދިނުމުގެ ބަދަލުގައި އެހެން ސެކްޝަންތަކަށް ވަނީ ބަދަލުކޮށްފަ އެވެ.
ތުލުސްދޫ ކަސްޓަމްސްގައި މަސައްކަތްކުރަމުން އައި އޮފިސަރުން އެހެން އޮފީސްތަކަށް ވެސް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.