ރާއްޖެއިން މިއަހަރުގެ ނޮވެމްބަރު މަހު މުދާ އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު 32 ޕަސަންޓް އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދާ (އެފްއޯބީ އަގު) 216 މިލިއަން ރުފިޔާއަށް އަރަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކްސްޕޯޓްކޮށްފައިވަނީ 165 މިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަ މަހެވެ. އެގޮތުން 148 މިލިއަން ރުފިޔާގެ ކަޅުބިސް އެކްސްޕޯޓްކޮށްފައިވެ އެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. އެކްސްޕޯޓްގެ 56 ޕަސަންޓަކީ ތައިލެންޑަށް ބޭރުކުރި މުދަލެވެ.
އެކްސްޕޯޓް އިތުރުވި ނަމަވެސް މިއަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު ދެ ޕަސަންޓް ދަށަށް ގޮސްފަ އެވެ.
ރާއްޖެއަށް މިއަހަރުގެ ނޮވެމްބަރު މަހު 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި އަދަދު ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ.
ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޔޫއޭއީ އިންނެވެ. އެގައުމުން 664 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު އިންޑިއާއިން 651 މިލިއަން ރުފިޔާގެ އެތެރެކޮށްފައިވެ އެވެ.
މީގެ އިތުރުން އޮމާން އިން 513 މިލިއަން ރުފިޔާގެ މުދާ، ސިންގަޕޫރުން 421 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 420 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އިމްޕޯޓްކޮށްފައިވެ އެވެ.
އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް 429 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު 355 މިލިއަން ރުފިޔާއަށްވުރެ 21 ޕަސަންޓް އިތުރު މިންވަރެކެވެ.