ސީސީސީސީ

30 މަސް ދުވަހުގެ ތެރޭގައި ބްރިޖް އަޅައި ނިންމަން އެއްބަސްވެއްޖެ

ރާއްޖެއާ ޗައިނާގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ރާއްޖޭގައި އަޅާ ބްރިޖް މަޝްރޫއުގެ ފައިނަލް މުއްދަތަކަށް 30 މަސް ކަނޑައަޅައި ރަސްމީ އެއްބަސް ވުމުގައި ސޮއިކޮށްފި އެވެ.

ރާއްޖޭގައި ބްރިޖް އަޅާނެ ކޮންޓްރެކްޓަރު ހަމަޖައްސައި ޗައިނާގެ ސީސީސީސީ އާ އެކު އެއްބަސްވުމުގައި ދެގައުމުން ސޮއިކުރީ މީގެ ދެހަފުތާއެއްހައި ދުވަސް ކުރިންނެވެ.
ޗައިނާގެ އެންމެ ބިޔަ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންއާ ހުޅުލެ-މާލެ ބްރިޖްގެ މަސައްކަތް ހަވާލުކުރީ، އެ މަސައްކަތް ކުރަން ޝޯޓްލިސްޓްވި ތިން ކުންފުނީގެ ބީލަންތައް އިވެލުއޭޓްކުރަން އެކުލަވާލި ޗައިނާގެ ކަމާ ގުޅޭ 11 މާހިރުންގެ ޓީމަކުންނެވެ.

ބްރިޖްގެ މަޝްރޫއަކީ ޗައިނާ ސަރުކާރުން ބޮޑު ބައެއް ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން ޕްރޮޖެކްޓްގެ ބަޖެޓަށް ލަފާކޮށްފައިވާ 250 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު ހަރަދުކުރާނީ ޗައިނާ ސަރުކާރުންނެވެ. މަސައްކަތް މުޅިން ނިންމަން 250 އެއްހައި މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ މަސައްކަތް ކުރަން ހަމަޖެއްސި ސީސީސީސީ އިން 200 މިލިއަން ޑޮލަރަށް ބްރިޖް އަޅައިދޭން ހުށަހެޅި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ބްރިޖް މަޝްރޫއާ ގުޅޭ ރަސްމީ އެއްބަސްވުންތަކުގައި މިހާރު ސޮއިކޮށް ނިމިފައިވާއިރު، ބްރިޖް އެޅުމަށްޓަކައި އަމަލީގޮތުން ކުރަންޖެހޭ ތައްޔާރީ މަސައްކަތްތައް ހައުސިން މިނިސްޓްރީން ވަނީ ކުރަން ފަށާފަ އެވެ. އެގޮތުން ސުނާމީ ބިނާ ހުރިތަނުން ނެގުމަށްފަހު އަންނަ ބުދަ ދުވަހު އެ ސަރަހައްދު ބަންދުކުރަން އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ބްރިޖްގެ މަސައްކަތް މުޅިން ނިންމަން އެއްބަސްވެފައިވަނީ 30 މަސް ދުވަހުގެ ތެރޭގައެވެ. އެހެންކަމުން 2018 ގެ މެދަކާ ހަމަޔަށް ދާއިރު ބްރިޖްގެ ހުރިހާ މަސައްކަތެއް ނިމި ބްރިޖް ހުޅުވައިލާނެ އެވެ.