ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް: ގައުމީ ޓީމުގައި ހުސް ދިވެހިން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ނިކުންނާނީ ހުސް ދިވެހިންނާއި އެކުގަ އެވެ.

މީގެ ކުރިން ރާއްޖެ ޓީމުގައި ކޯޗުންގެ ގޮތުގައި ބިދޭސީން ހިމަނާފައިވީ ނަމަވެސް، މިފަހަރު ކޯޗުންނާއި ހުރިހާ އޮފިޝަލުންގެ ގޮތުގައިވެސް ހަމަޖައްސާފައި ވަނީ ދިވެހީންނެވެ.

ރާއްޖެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި މާޓިން ކޫޕްމަން އާއި އެކު ހަދާފައިވާ އެއްބަސްވުން މީގެ ދުވަސްކޮޅެއް ކުރިން އެފްއޭއެމް އިން ވަނީ އުވާލާފަ އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނިކުންނަ އިރު އޮފިޝަލުންގެ ގޮތުގައި ހުސް ދިވެހީން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެއީ މުބާރާތް ކުޑަތަން ވެފައި އޮތުމުން ބޭރުން ކޯޗުން ގެނެސް އާ ކަންތައްތަކެއް ތަޖުރިބާ ކުރަން ވަގުތު ނެތުމުންނެވެ.

ބައްސާމު އިޝާރާތް ކުރެއްވި ގޮތަށް ގައުމީ ޓީމުގެ އާ ކޯޗަކަށް ހަމަޖައްސާފައިވަނީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރަމުން އައި ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭން އެވެ.

މިފަހުން ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް ވެސް ހަމަޖައްސާފައިވާ ސުޒޭން ވަނީ ފުޓްބޯޅައިގެ ކޯޗެއްގެ ގޮތުގައި 11 ތަށި ހޯދާފަ އެވެ. އަދި ވިކްޓްރީ އާއި މާޒިޔާއާއަށް ވެސް ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައިވާ ސުޒޭން ވަނީ 2005 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.

ސުޒޭން ހެޑް ކޯޗަކަށް ހަމަޖެއްސި އިރު، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ މަގާމަށް މިފަހަރު ހަމަޖައްސާފައި ވަނީ އިސްމާއިލް މަހްފޫޒް (އިންމަ) އާއި ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު އެވެ. އިމްރަން ވަނީ މުހައްމަދު އަސްލަމް އަބްދުލްރަހީމް އާއި އެކު ގޯލު ކީޕަރު ކޯޗެއްގެ ގޮތުގައިވެސް ހިމަނާފަ އެވެ. ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި ހުންނާނީ އަބްދުﷲ ރިފާއު އެވެ.

ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ މިއަންނަ އޮކްޓޫބަރު މަހުގެ އެކަކުން 13 ވަނަ ދުވަހަށް މާލޭގެ ގަލޮޅު ދަނޑާއި ހުޅުމާލޭގައި ހަދަމުންދާ ދަނޑުގަ އެވެ. އޭގެ ފަހުން 23 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފިކޭޝަން މެޗުތައް އޮންނާނި އޮކްޓޫބަރު 23 އިން 31 އަށެވެ.