ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އުޅޭކަމުގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސްކަމުން ވަކިކުރަން އުޅޭކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފި އެވެ.

ޖަނަވާރުންގެ ސިއްހަތާ ބެހޭ ބިލްގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވުމަކީ ކަންބޮޑުވާން ޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ބޭރުގައި ހުންނެވުމާއި ފޮރިން މިނިސްޓަރު އެހެން ގައުމެއްގައި ހުންނެވުމަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަމަށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު މިދައްކަނީ ރައްޔިތުންގެ އެއް ބާރުގެ ވާހަކަ. އެ ވެރިޔާ އެވިދާޅުވަނީ ރައްޔިތުންނަށް ސިޓީއެއް ފޮނުއްވާފައި އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަމެއް ނެތޭ. ކޮބައިތޯ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ކޮބައިތޯ އުއްތަމަ ފަނޑިޔާރު. އަޅުގަނޑު ހަމްދަރުދީވަން އެމަނިކުފާނުގެ ހާލުކޮޅަށްޓަކައި،" ސައީދު ވިދާޅުވި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ސިއްހީ ހާލުކޮޅާއި އެމަނިކުފާނުގެ ކަންބޮޑުުވުން ކޮންމެހެންވެސް ބަލަން ޖެހޭނެ ކަމަށެވެ. އޭގެފަހުގައި ވިދާޅުވީ މަޖިލީހހެ ރައީސް ކަމުން ނަޝީދު ވަކިކުރަން އުޅޭ ވާހަކަ އެވެ.

"މި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހަމަ މަޖިލިސްގެ ތެރެއިން ނަގަން މަސައްކަތް އެބަކުރޭ. އަޅުގަނޑުމެން ކަންބޮޑުވަނީ ދައުލަތް އެފުށް މިފުށަށް ޖަހަން އުޅޭތީ. އަޅުގަނޑުމެން ކަންބޮޑުވަނީ އިދިކޮޅުގައި އޮންނަން ޖެހޭތީއެއް ނޫން." ސައީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭކަމަށް ސައީދު ތުހުމަތުކުރެއްވި އިރު ރައީސް ސޯލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް ދެރައެއް ލިބޭ ގޮތަށް އެއްވެސް ކަމެއް ކުރައްވާނެ ކަމަކަށް ވިދާޅުވެފައެއް ނުވެ އެވެ.