ޖުމްހޫރީ ޕާޓީން ވަނީ ސިޔާސީ މަޝްރަހަށް ބޭނުންވާ ކޮލިޓީ ހުރި ލީޑަރުން އުފައްދާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމުހޫރީ ޕާޓީން ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ޕްރޮގްރާމް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ޖުމްހޫރީ ޕާޓީ، ބަލައިގަންނަ ކަމަށާއި ޕާޓީން ގައުމީ މަސްލަހަތު އިސްކޮށް އަބަދުވެސް މަސައްކަތް ކުރަމުންދާނީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޕާޓންީ ވަކިވެ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި މިހާރު ވަނީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައި ކުރިޔަށް ދާން އެ ބޭފުޅުން ނިންމެވުމަކީ އެއީ ލިބުނު ނިކަމެތިކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ވަރަށް އުފާ ކުރައްވާ ކަމަށެވެ.
"އެ ބޭފުޅުންކީ އެއީ ޖޭޕީން އުފައްދާފައި ތިބޭ މީހުން. އެ ތަރުބިއްޔަތާއި، އެ ޖޯޝާއި ފޯރި ޖޭޕީގެ ކޮންމެ މީހެއްގައި ވެސް ހުންނާނެ،" ގާސިމް ވިދާޅުވި އެވެ.
ޖޭޕީން އުފައްދަނީ ލީޑަރުން ކަމަށާއި އެ މީހުންނަކީ ކޮންމެ ތަނަކު ތިއްބެވި ނަމަވެސް ކޮލިޓީގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ. އަދި އެ ބޭފުޅުންނަކީ ބޭނުންހާ ގޮތަކަށް "ފޮޅާލެވޭނެ" ބައެއް ނޫން ކަމަށާއި އެހެންވަނީ ހުނަރާއި ގާބިލްކަން ހުރުމުން ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު އޮތީ ޖޭޕީގެ ތެރެއިންކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެއް ކަމަށެވެ. އަދި އެކަން ދިވެހި ކޮންމެ ރައްޔިތަކު ވެސް ގަބޫލުކުރާނެ ކަމަށެވެ.
ގާސިމް އިބްރާހީމް އަލުން ޖޭޕީގެ މަސައްކަތްތައް ވަރުގަދަކޮށް އެޕާޓީގެ ހަރަކާތްތައް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާފައި މިވަނީ ދޮޅު އަހަރު ދުވަހު މާލެއިން ބޭރުގައި ހުންނެވުމަށްފަހު އެވެ.