ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަމްޝިޕަގައި ބޫޓާން ވާދަ ނުކުރަން ނިންމައިފި

އަންނަ އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ވާދަނުކުރަން ނިންމައިފި އެވެ.

ބޫޓާނުން މިއަހަރުގެ މުބާރާތުގައި ބައިވެރި ނުވަން ނިންމައި އެކަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އަށް އަންގައިފި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޫޓާނުން މިގޮތަށް ނިންމާފައި ވަނީ އެ ގައުމުގެ ކޮވިޑްގެ ހާލަތު ގޯސްވެ ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ކަންކަމުގައި ގައުމުން ބޭރަށް ދިއުން މަނާކޮށްފައި ވާތީ އެވެ.

މިއީ 2003 ވަނަ އަހަރުގެ ފަހުން ބޫޓާން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރި ނުވާން ނިންމި ފުރަތަމަ ފަހަރެވެ. ބޫޓާނުން ވަނީ 2003 ވަނަ އަހަރުން ފެށިގެން ބޭއްވި ހުރިހާ ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި ބައިވެރިވެފަ އެވެ.

ބޫޓާންގެ އިތުރުން މިފަހަރުގެ މުބާރާތުގައި ޕާކިސްތާނަށް ވެސް ބައިވެރި ނުވެވޭނެ އެވެ. ޕާކިސްތާނު މިހާރު އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

އެހެން ކަމުން މިފަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާ މުބާރާތުގައި ވާދަކުރާނީ ފަސް ޓީމެކެވެ. އެއީ ރާއްޖެ، އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި އަފްގާނިސްތާނެވެ. އެކަމަކު އަފްޣާނިސްތާންގައި ރައްޔިތުންގެ ސަރުކާރުގެ ގޮތުގައި އޮތް ސަރުކާރު ބަދަލުވެ ތާލިބާނުން އެ ގައުމުގެ ހިންގުމާ ހަވާލުވުމާ ގުޅިގެން އަފްޣާނިސްތާންގެ ޓީމު ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވެދާނެ ކަމާ ދޭތެރޭ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މީގެ ކުރިން މުބާރާތް ބާއްވަމުން އައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ދެ ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓިމެއް ސެމީ ކުޅުމަށް ފަހު މޮޅުވާ ދެޓީމު ފައިނަލް ކުޅޭ ގޮތަށެވެ. ނަމަވެސް މިފަހަރު ބޫޓާނާއި ޕާކިސްތާނަށް މުބާރާތުގައި ބައިވެރި ނުވެވޭތީ މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ ލީގު އުސޫލުންނެވެ. ލީގު އުސޫލުން ހުރިހާ ޓީމެއް ހުރިހާ ޓީމަކާއި ބައްދަލު ކުރުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެއް ފައިނަލުގައި ވާދަކުރާނެ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާނީ ރާއްޖޭގަ އެވެ. މެޗުތައް ކުޅޭނީ ގަލޮޅު ދަނޑާއި ހުޅުމާލޭ ސްޓޭޑިއަމްގަ އެވެ. މުބާރާތް ކުރިއަށް ދާނީ އޮކްޓޫބަރު އެކަކުން ފެށިގެން 13 އަށެވެ.