މާލޭ ސިޓީ ކައުންސިލް

ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅަން ހުއްދައަށް އެދިއްޖެ

Aug 17, 2021
1

މާލޭގެ ބޮޑެތި ހުރިހާ މަގެއް ތާރުއަޅައިގެން ހެދުމުގެ ހުއްދަ ހޯދުމަށް ސަރުކާރުގައި އެދިފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަޝްރޫއުގެ ދަށުން މިއަދު ހެންވޭރުގެ ބައެއް މަގުތަކާއި ގޯޅިތައް ހަދަން ފަށާނެ ކަމަށެވެ.

އަދި ތާރުއަޅައިގެން މާލޭގެ ބޮޑެތި ހުރިހާ މަގެއް ހެދުމުގެ ހުއްދައަށް ސަރުކާރުގައި އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ އުއްމީދަކީ ވީހާވެސް އަވަހަށް އެކަމަށް ހުއްދަ ލިބުން ކަމަށެވެ.

އެ ޓްވީޓާއެކު މިއަދު ހެންވޭރުގައި ހަދަން ފަށާ މަގުތަކާއި ގޯޅިތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ހެންވޭރުގެ 12 މަގަކާއި ގޯޅި ހަދާނެ އެވެ. މި މަސައްކަތް ނިންމަން 217 ދުވަސް ނަގާނެ އެވެ. އަދި 1.97 ކިލޯމީޓަރުގެ މި މަގުތައް ހެދުމަށް 36.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ވެސް ގެންދަނީ މާލޭގެ މާފަންނު ހުޅަނގު ދާއިރާގައި ހިމެނޭ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.