ސިވިލްސާވިސް ކޮމިޝަން

ޕާކިސްތާނުން ސިއެސްސީއަށް އަގުބޮޑު ހަދިޔާތަކެއް

ޕާކިސްތާނު ހައިކޮމިޝަނުގެ ފަރާތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ގޮތުގައި އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކޮށްފި އެވެ.

މި އިކިއުޕްމެންޓްތައް ޕާކިސްތާނުގެ ފަރާތުން ސީއެސްސީއާ ހަވާލުކުރީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތުހަރު މުހްތާރު އެވެ. ސީއެސްސީގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު އެވެ.

ޕާކިސްތާނުން ސީއެސްސީ އަށް ހަދިޔާ ކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ 75 ސްމާޓް ޓީވީ، 16 ކޮމްޕިއުޓަާ ސިސްޓަމް، ހަ މޮނިޓާ އަދި ތިން ލެޕްޓޮޕެވެ.

ތަކެތި ހަވާލުކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވަނީ ރާއްޖެ އާއި ޕާކިސްތާނާ އޮންނަ ގާތްގުޅުމަށް އަލިއަޅުވާލައްވައި ޕާކިސްތާނު ސަރުކާރާއި ޕާކިސްތާނު ހައިކޮމިޝަނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސީއެސްސީއާ އެކު ޕާކިސްތާނު ހައިކޮމިޝަނުން ބާއްވާ ގާތްގުޅުން ފާހަގަކުރައްވި އެވެ.

ހަދިޔާ ކުރެއްވި ތަކެތީގެ ސަބަބުން ސިވިލް ސާވިސް އަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަތީ ފެންވަރެއްގެ ހިދުމަތްތަކެއް ފޯރުކޮށްދޭ ސާވިސްއަކަށް ހެދުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަޑް ވެސް ނާސިހު ވިދާޅުވި އެވެ.

މީގެ އިތުރުން، ޕާކިސްތާނު ހައިކޮމިޝަނުން ހަދިޔާ ކުރި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސީއެސްސީން ދެމުން ގެންދާ ހިދުމަތްތައް ސިވިލް ސާވިސް އިދާރާތަކުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށާއި ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ

ޕާކިސްތާނު ސަރުކާރުން މިއަދު ހަވާލުކުރެއްވި ތަކެއްޗަކީ ސިވިލް ސާވިސް ކޮމިޝަނުން، ދިވެހި ސިވިލް ސާވިސް އިތުރަށް ތަރައްގީކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ދިން ހަދިޔާ އެކެވެ.