ކުޅިވަރު

ޗެލްސީ ދޫކޮށް އަބްރަހަމް ރޯމާއަށް

ޗެލްސީ ދޫކޮށް ޓަމީ އަބްރަހަމް ރޯމާ އަށް ބަދަލުވެއްޖެ އެވެ.

ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި އަބްރަހަމް ރޯމާއަށް ބަދަލުވީ 40 މިލިއަން ޑޮލަރަށެވެ.

އުމުރުން 23 އަހަރުގެ އިންގްލެންޑް ސްޓްރައިކަރު އިޓަލީގެ ރޯމާގައި މިއަދު މެޑިކަލް ހަދާނެ އެވެ. ރޯމާގައި އަބްރަހަމް ކުޅޭނީ ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުންނެވެ. މިއީ ރޯމާގައި އަބްރާހަމް ކުރިއަރާ ދާން ލިބޭނެ އިތުރު ފަސޭހަ އެކެވެ.

އަބްރަހަމް ބުނީ ރޯމާއިން އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. އެހެންކަމުން ބޮޑެތި މުބާރާތްތައް ކާމިޔާބު ކުރުމުގައި އޭނާއަށް ލިބިފައިވާ ތަޖުރިބާގެ ބޭނުން ހިފައި ރޯމާ އަށް ކާމިޔާބީ ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޓީމުގެ ނުވަ ނަންބަރު ޖާޒީ ލިބުމުން އެކަމާ އޭނާ ވަރަށް އުފާވާ ކަމަށްވެސް އަބްރަހަމް ބުންޏެވެ.

އަބްރަހަމް އަކީ ޗެލްސީގެ އެކަޑަމީން ވިދާލި ކުޅުންތެރިއެކެވެ. އޭނާ ވަނީ ޗެލްސީ ޓީމަށް 82 މެޗު ކުޅެދީފަ އެވެ.