(15 އޯގަސްޓް 2021 އާ ގުޅޭ)
"އައި ހޭވް ޓު ގޯ." ނީރާގެ އަތުން އީހާން ދޫކޮށްނުލުމުން ބުނެލިއެވެ.
ހިނިއައިސްފަ އީހާން ބަލާލީ ނީރާ ބުނި އެއްޗެއް އަޑު ނީވޭކަމަށް ހަދާފައެވެ. ލަމްހާއާއި ސުޖާއުގެ ކުރިމަތީ އަޑުގަދަކޮށް ޒުވާބެއް ފެށުމަކީ ނީރާ ނުކުރާނެ ކަމެކެވެ. އެކަން އީހާނަށް އެނގެއެވެ. އޭނާ ދޫނުދޭނެހެން ހީވެ ނީރާ ބަލާލީ ލަމްހާއަށެވެ. އެކުވެރީންނާއެކު ތިރިއަށް ގޮސްފައި އަންނާނަން ކަމުގައި ނީރާ ބުނެލިއެވެ.
"މަންމަ ހުރީ ކޭކުކޮޅެއް ވެސް އެކުދީންނަށް ދީފަ ފޮނުވަން."
ލަމްހާ ދެއްކި ވާހަކައަށް ރައްދު ދިނުމުގެ ބަދަލުގައި ނީރާ ބެލީ އަވަހަށް ނުކުމެވޭތޯއެވެ. އީހާނު ބަލަބަލާ އިންދާ ނީރާ ނުކުމެގެން ހިނގައްޖެއެވެ. އެހިނދު ލަމްހާ ހިފާލީ ކައިރީގަ އިން ފިރިހެން ދަރިފުޅުގެ އަތުގައެވެ.
"ސަމާސާއެއް ކުރީތަ؟ ނީރާއާއެކު އެހާ ގާތް ގުޅުމެއް އުފެދުނީ ކޮންއިރަކު؟" ލަމްހާއަށް އަދިވެސް ގަބޫލުނުކުރަން ދަތިވަނީއެވެ. އޭނާއަކީ އަބަދު ގޭގަ އިންނަ މަންމައެކެވެ. ނީރާއާއި އީހާނުގެ ދެމެދުގައި އޮތް އޮންނަ ގުޅުން އޭނާއަށް ފެނެއެވެ. އެހެންނަމަވެސް ކައިވެންޏަކާ ހަމައަށް ދާންޖެހޭވަރުގެ ގާތްކަމެއް އޮންނަތަން ލަމްހާ ނުދެކެވެ. އޭނާއަށް ނޭނގި އެ ދެކުދީންގެ ދެމެދުގައި އެހެން ގުޅުމެއް ފެށުނީ ހެއްޔެވެ. ފިކުރު ހިންގި ވަރަކަށް ލަމްހާގެ ހަނދާންތަކުން ބައެއް ހެކި ތިލަވާން ފެށިއެވެ. މިހާރަކަށް އައިސް އާދަޔާ ހިލާފަށް ނީރާއާ ދޭތެރޭ އީހާނު ސަމާލުކަން ދޭ މިންވަރު އިތުރުވެއްޖެ ކަމެވެ. ނީރާ އެކަނިވާނޭ ވަގުތު ނުދޭން އީހާން ކުރާ މަސައްކަތެވެ. އީހާން ކުރިއަށްވުރެ ރުޅިގަދަވެއްޖެކަމެވެ. ނީރާއާ ދެބަސްވާލެއް ގިނަވެއްޖެކަމެވެ. މި ހިޔާލުތަކާއެކު ލުއި ހިނިތުންވުމެއް ލަމްހާގެ ތުންފަތަށް ވެރިވިއެވެ. އޭނާގެ ދަރިފުޅަށް ނީރާދެކެ ލޯބިވެވުނީކަން ލަމްހާގެ ހިތް ބުނެލިއެވެ.
"އިޓްސް ނޮޓް އަ ޖޯކް... ސީރިއަސް ވާހަކައެއް. ހުރިހާ ސުވާލަކަށް ޖަވާބެއް ނުދެވޭނެ. މަންމަ ހެޕީއެއްނޫންތަ؟ މިހާރުދެން ސީރިއަސް ކަމެއް ވެސް ކުރަންވެއްޖެއެއްނު. ދޯ... ނީރާއަށްވުރެ ރަނގަޅު ކުއްޖަކު ކޮބާ." ބޯކަހާލަމުން މޮޔަ ހިންޏެއް އައިސްފަ އިނދެ އީހާން ވާހަކަދެއްކިއެވެ. ލަމްހާއަށް ހީނލެވުނީ ތަންކޮޅެއް ބާރަށެވެ. އޭނާއާ ޖެހިގެން އިން ސުޖާއު ވެސް އިނީ ނިކަން ހިނިއައިސްފައެވެ.
"ނީރާ، ޝީ އިޒް ޕާފެކްޓް." ސުޖާއު ގަބޫލުކަން އަންގާލިއެވެ.
"ނީރާ ނުބުނާށޭ ބުނެފަ އޮއްވަތަ އެންމެން ކައިރީ ތިބުނީ. އެކުއްޖާ ހުރީ ބުނާނޭ އެއްޗެއް ނޭނގިފައިކަން އެނގޭ." ނީރާއަށް ވެފައި ހުރި ގޮތް ސިފަކުރަމުން ލަމްހާ ހީނލިއެވެ.
"މިހާރު ވެސް ލަސްވެއްޖެ. މަޑުކުރާކަށް ބޭނުމެއްނޫން... އަވަހަށް މެރީކުރަން ބޭނުމީ. މަންމާ ޕްލީޒް! ނީރާ ކައިރީ ބުނައްޗޭ މަންމަ ގަބޫލޭ." އީހާންގެ ވާހަކައިގަ ހުރީ ކެތްތެރިކަން ކުޑަވެފައިވާ ކަމުގެ އަސަރެވެ. ލަމްހާ ވަގުތުން ބޯޖަހާލީއެވެ.
ލިފްޓުގެ ދޮރު ހުޅުވުމާއެކު ނީރާ ދުއްވައިގަތެވެ. ޔަމާނާއެކު ރިދާއާއި އުޝާ މަގުމައްޗަށް ނުކުމެ ތިއްބެވެ. ލައިޒަލް ފެންނާކަށް ނެތެވެ. ނީރާ އައިސް އެމީހުންގެ ކައިރީ މަޑުކުރިއެވެ.
"ހާދަ އަވަހަށް ދަނީ. ލައިޒަލް ދިޔައީތަ؟" ނީރާއަށް އަހާލެވުނެވެ.
"ލައިޒަލްއާ ދެއްކީ ކޮންވާހަކައެއް؟" އުޝާ ވަގުތުން އެއްސެވެ. އޭނާ އުންމީދުކޮށްގެން ހުރީ ލައިޒަލްއާއެކު އެނބުރި ގެއަށް ދާށެވެ. އެކަމަކު ލައިޒަލް އެ ދިޔައީ މީހަކާ އަނގައިން ބުނުމެއްނެތިއެވެ. އުޝާ އިސްވެ ލައިޒަލްއާއެކު ދާން ހުށަހެޅުމުން ވެސް އޭނާ ދިޔައީ އަޑު ނީވޭކަމަށް ހަދާފައެވެ. ކޮންމެވެސް ކަމަކާ އޭނާ ރުޅި އައިސްފަ ހުރި ކަން އެންމެންނަށް ވެސް އެނގެއެވެ. އަދި އެއީ ކޮންމެވެސް ގޮތަކުން ނީރާއާ ގުޅިފައި އޮތް ރުޅިވެރިކަމެއްކަން އުޝާއަށް ފަހުމްވިއެވެ.
"އިޓްސް ނަތިން..." ތެދު ހާމަކުރަން ބޭނުންނުވެ ހުރެ ނީރާ ބުންޏެވެ.
"އަވަހެއްނޫނޭ. މިހާރު ދިހައެއް ޖަހައިފި. ރިދާ ގެއަށްލާފަ އެނބުރި ކެފޭއަށް އަދި އަންނަންޖެހޭނެ. ޓެކްސީ އައީމަ އުޝާ ފޮނުވާލާފަ އަހަރެމެން ވެސް ދެން ނައްޓާލާނީ. ނީރާ މިތާ މަޑުނުކުރިޔަސް އޯކޭވާނެ." ޔަމާނު ބުނެލިއެވެ. އޭނާއާ ރިދާ އެއްބައިވިއެވެ. ނީރާ ފޮނުވާލަން އެމީހުން ބޭނުންވާ ފަދައެވެ.
ޓެކްސީ އައުމުން އެއަށް އުޝާ އެރިއެވެ. ޓެކްސީ ދުއްވާލުމުން ޔަމާނާއި ރިދާ ރޭގަނޑުގެ ވަދާއުގެ ސަލާމް ކޮށްލުމާއެކު ސައިކަލު ނަގަން ދިޔައެވެ. އޭގެ ދެމީހުން ސައިކަލުގައި ދިޔައިރު ވެސް ނީރާ މަގުމަތީގަ ހުއްޓެވެ. އަތުގައި އޮތް ފޯނަށް ބަލާލުމާއެކު ލައިޒަލްއަށް ނީރާ ގުޅިއެވެ. ރިންގުވެފައި ފޯނުކޯލު ކެނޑުމާއެކު ނީރާއަށް ދެ ލޯ މަރާލެވުނެވެ. ލައިޒަލް ފޯނަށް ޖަވާބުދޭން ބޭނުންނުވަނީކަން ނީރާއަށް އެނގެއެވެ. އެހެންވިޔަސް އޭނާ ހުއްޓާނުލާ ގުޅިއެވެ. ނުވިތާކަށް ލައިޒަލްއަށް މެސެޖު ވެސް ކުރިއެވެ. އީހާން ދެއްކީ ތެދު ވާހަކައެއް ނޫންކަން ބުނާށެވެ. ދެރަވީ ވަރަށްވުރެ އީހާނު ދެކެ ނީރާ އައި ރުޅި މާބޮޑެވެ. އެނބުރި އިމާރާތުގެ ތެރެއަށް ނީރާ ވަނީ އީހާނު ގުޅަން ފެށީމައެވެ. އޭނާ ނައިސް ލަސްވެގެންކަން އެނގެއެވެ.
އީހާނާއެކު އިން ލަމްހާއާއި ސުޖާއު ފެނުމުން ނީރާއަށް ފަސްޖެހެވުނެވެ. އެމީހުންނަށް ނީރާ ފެނުމާއެކު މޫނުގައިވި ހިނިތުންވުން ފުޅާވެލައިފިއެވެ. ކުރިޔަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ނީރާ ހިތްވަރު ނެރި އީހާނަށް ގޮވާލިއެވެ. ވާހަކަދައްކާލަން ބޭނުންވާކަން ބުނީ ކޮންމެހެން ވެސް އީހާނު އެ ދެއްކި ވާހަކައިގެ މަގްސަދު އެނގެން ނީރާ ބޭނުންވާތީއެވެ.
"އިހަށް އާދެބަލަ އިށީންނަން. ބިރުންތަ ތިހުރީ..." ލަމްހާ ގޮވާލުމާއެކު އޭނާގެ ކައިރިން ސޯފާގައި ތަން ހަދާލިއެވެ. އެ މޫނުން ފާޅުވޭވޭ ހުރި އުފާވެރިކަމާއި ފަނޑުވެގެން ނުދާ ހިނިތުންވުން ނީރާއަށް ބުނެދިނީ ލަމްހާ އެ އިނީ އީހާން ދެއްކި ވާހަކަތައް ގަބޫލުކޮށްގެން ކަމެވެ. ނީރާގެ ހިތަށް އިތުރު ބުރަކަމެއް ލިބުނީ އެހެންވެއެވެ.
"ކައިވެނީގެ ކަންކަން ހަމަޖައްސަންވީ ވަގުތު ޖެހިއްޖެ." ކައިރީގަ އިށީން ނީރާގެ ގައިގާ ބައްދާލަމުން ލަމްހާ ބުނެލިއެވެ.
"އެވާހަކަ ނުދައްކާ." އިސްއޮބާލި ނީރާއަށް ބުނެވުނެވެ. އެހެންނަމަވެސް އެތަނުގައި ތިބި ލަމްހާއާއި ސުޖާއުއަށް މާނަ ކުރެވުނީ ނީރާގެ ލަދުގަތީ ކަމެވެ. އޭނާ ތައްޔާރުނުވެ ހުއްޓާ އީހާން ކުއްލިއަކަށް ހުރިހާކަމެއް ފަޅާއަރުވާލުމުން ނީރާއަށް އެހެންވެދާނޭ ހީކުރެވެނީއެވެ.
"މަންމަ ވަރަށް ގަބޫލު." ނީރާއަށް ޔަގީންކަން ދިނުމުގެ ގޮތުން ލަމްހާ ބުނެލިއެވެ. އެހެންވިޔަސް އެއީ ނީރާ އަޑުއަހަން ބޭނުންވާ ޖަވާބެއް ނޫނެވެ.
"ނިދަން ވަނުމުގެ ކުރީން ހުރިހާ އެއްޗެއް ނަގަން ޖެހޭނެ." ނީރާ ތެދުވީއެވެ. މިފަހަރު އެކަކު ވެސް އޭނާ ހުއްޓުވާކަށް ނޫޅުނެވެ. ލަމްހާ ތެދުވެގެން އައިސް ނީރާއާ ބައިވެރިވީއެވެ. ތަށިތައް ނަގައި އެއްޗެހި ތަރުތީބު ކުރުމުގައެވެ. ގިނައިރެއްނުވެ އީހާނާއި ސުޖާއު ވެސް އެމީހުންނަށް އެހީތެރިވާން އަތުވެއްޖެއެވެ. ގޭތެރެއަށް ވައްދަން ހުރި އެއްޗެއްވިއްޔާ ވެއްދުމުގައި އެމީހުން އެހީވިއެވެ.
އީހާނުގެ ކޮޓަރީގައި ނީރާ ތައްޔާރުކުރި ހުރިހާ ހަދިޔާއެއް ހުރިކަން ލަމްހާ ފާހަގަކުރިއެވެ. އަވަސް ފިޔަވަޅުގައި ކޮޓަރިއާ ދިމާއަށް އީހާނު ދިޔައީ ނިކަން ހިނިއައިސްފަ ހުރެއެވެ. ކޮޓަރިއަށް ވަނުމުގެ ކުރީން ނީރާއަށް އީހާނު ގޮވާލިއެވެ. އަންނާށޭ ބުންޏެވެ. އީހާނާ ވާހަކަދައްކަން ބޭނުންވެފައި ހުރި ނީރާ އެ ފުރުސަތުގެ ބޭނުން ހިފިއެވެ. އީހާނާއެކު ކޮޓަރިއަށް ވަން ގޮތަށް އޭނާ ދޮރު ލައްޕާލިއެވެ.
"ކޮންއިރަކު އަހަރެން ބުނީ ކައިވެނި ކުރަން ބޭނުމޭ." ނީރާއަށް ބުނެވުނީ ބާރަށެވެ. އީހާންގެ ތުންފަތުގައިވި ހިނިތުންވުން ތަފާތު ސިފައެއް ހިޔާރުކުރިއެވެ. މަޑުމަޑުން އައިސް ނީރާގެ ކުރިމަތީގަ އީހާން މަޑުކޮށްލިއެވެ. ނަޒަރު ސީދާކޮށްލައިގެން ހުރެ ނީރާގެ ކޯތާފަތުގައި ހިފާލުމަށް އީހާން އަތް ހިއްލާލިއެވެ. ނަމަވެސް ނުރުހުންތެރިކަމާއެކު އޭނާގެ އަތް ނީރާ ފޮޅުވާލިއެވެ. ވަގުތުން ދުރަށް ޖެހުނެވެ.
"އަހަންނަށް އެނގޭ ނީރާ އަހަރެންދެކެ ލޯބިވާކަން." އީހާން ބުންޏެވެ. އެހިނދު ރުޅިވެރިކަމުގެ ތެރެއިން ނީރާގެ މޫނަށް ވެރިވީ ހައިރާންކަމުގެ އަސަރެވެ.
"ނުވޭ ލޯތްބެއް. އީހާން ޕްލީޒް... އަޑުއަހާބަލަ! އަހަރެން ލޯބިވާ މީހަކު އެބަހުރި..." ނީރާ ބުނެލިއެވެ.
"ނުބުނާތި. އިތުރަށް އެންމެ ބަހެއް ވެސް ބުނެގެންނުވާނެ." ކުއްލިއަކަށް އީހާނު ނީރާގެ ވާހަކަ ހުއްޓުވިއެވެ. ނީރާ ބުނަން އުޅޭ އެއްޗެއް އޭނާއަށް މާކުރިން އެނގޭތީއެވެ.
"ނައު ޔޫ... ލިސެން ޓު މީ..." އީހާނު އަނެއްކާ ވެސް އައިސް ހުއްޓުނީ ނީރާގެ ކުރިމަތީގައެވެ.
"އަހަރެމެން ވަރަށް އަވަހަށް ކައިވެނި ކުރާނެ. އަހަރެމެން ދެމީހުންނަށް ދެމީހުންގެ ގޮތް އެނގޭ. އެކުގައި އަހަރެމެންނަށް ނޫޅެވެންވީ ސަބަބެއްނެތް. މަންމަގެ އުފަލައްޓައި އަހަރެން ކޮންމެ ކަމެއް ވެސް ކުރާނަން..."
"ޕްލީޒް ނޫން... ނުވާނެ އަހަންނަކަށް، ލޯބިނުވާ ދެ މީހުން އެކީގަ ކިހިނެއް އުޅޭނީ. މަންމައަށް އަންޑަސްޓޭންޑް ވާނެ. އީހާން މަންމަ ކައިރީ އެހެންބުނީމަ މަންމައަށް އޮޅުނީ. އެންމެންނަށް ވެސް އޮޅުނީ."
"މަންމަ ބޭނުންވަނީ ނީރާ އަހަރެންގެ އަނތްބަކަށްވާން. އެހެންވެ އަހަރެން ނިންމީ އެގޮތަށް. ނީރާ ސަފާކުރާކަށް ނުޖެހޭނެ. އަހަރެން ލޯބިދޭނަން. ނީރާ އުފަލުގައި ބަހައްޓާނަން. ދުވަހަކުވެސް ނީރާއަކަށް ޗީޓެއްނުކުރާނަން. އަހަރެންގެ ހުރިހާ ވަގުތެއް ނީރާއަށް ދޭނަން. ފުލީ ކޮމިޓެޑް ހަޒްބަންޑްއަކަށް ވާނަން. އެންޑް އައި ލައިކް... އަ ލޮޓް... ލެޓްސް ގެޓް މެރީޑް... ނީރާ! މަންމަ އެދުނީ އެންމެކަމެއް. އަހަރެންނަށްވުރެ ނީރާ މާ ހައްގުކަން ބޮޑު މަންމައަށް ޓަކައި މިވަރުގެ ސެކްރިފައިސްއެއްވާން. މަންމަ ކިހިނެއް ނީރާ ގެންގުޅުނީ... ކާންދޭ މީހާ ޖަނަވާރުން ވެސް ދަނޭ، ނީރާ ތިވަރުވެފައި ތިހުރީ މަންމަގެ ރަނގަޅުކަމުން. މިހާރުވެސް އަހަންނަށްވުރެ ބޮޑަށް މަންމަ ނީރާއަށް އިސްކަންދޭ. ދުށީންތަ މަންމަގެ އުފާވެރިކަން. މި ކައިވެންޏަށް ކުރާ އުންމީދު އެ ދެ ލޮލުން ނުދެކެންތަ؟. ނީރާއަށް އަދާކުރެވޭނެތަ އެ މަންމަ ނީރާއަށް ކޮށްދިން ހުރިހާކަމެއްގެ އަގު. މަންމަ އަޅާނުލިނަމަ ނީރާގެ ހާލަކީ ކޮބާ؟. ވިސްނާލަބަލަ... އަހަރެން ވެސް މިނޫނީ މިހެންނެއް ވާހަކައެއް ނުދައްކަން ދޯ."
"އައި ހޭޓް ޔޫ..." ފެންކަޅިވަމުން އައި ދެ ލޮލުން ނީރާ ބަލާލީ ސީދާ އީހާނުގެ ދެ ލޮލަށެވެ. އޭނާ އެ ދެއްކީ ދައްކައިގެން ނުވާނޭ ވާހަކައެއް ކަހަލައެވެ. މަންމައާ ގުޅުވައި އީހާނު އެ ހިފީ ނީރާގެ ބަލިފައިގައެވެ. ރުޅިއައިސްގެން އޭނާގެ ބުއްދިފިލާފާނޭ ކަހަލައެވެ. އެނބުރިލުމާއެކު އައިގޮތަށް އައިސް އެނދުމަތީ އަތުރާފައި ހުރި ފާރުސަލްތައް ދެއަތުން ޖަހާ ބުރުވާލިއެވެ.
"ކީއްވެ؟..." ނީރާއަށް ސުވާލުކޮށްލެވުނެވެ.
"މެރީ ކުރީމަ ހުރިހާކަމެއް ހަމަޖެހޭނެ. މިހާރު ނީރާ ތި ކަންބޮޑުވަނީ ވާނޭ ގޮތެއް ނޭނގޭނެތީ. ޑޯންޓް ވޮރީ. އައި ވިލް ޓޭކް ކެއާ އޮފް އެވްރިތިންގް."
"ޝަޑަޕް... ޖަސްޓް ޝަޑަޕް... ބީރީތަ؟ މެރީ ކުރާކަށް ބޭނުމެއްނޫނޭ. އީހާނުއާ މެރީކުރާކަށް ބޭނުމެއްނޫން. މޮޔަވެފަތަ ތިހުރީ. މީތަ އީހާނު އަހަންނަށް ދޭން އެނގުނު ބަދަލަކީ. އެނގޭތަ އަހަރެންނަށް ދޭން ތިއުޅެނީ ކިހާވަރެއްގެ ދެރައެއްކަން. ތި މަޖުބޫރުކުރަނީ ކިހާވަރެއްގެ ކަމަކަށްކަން އެނގޭތަ؟ ބޭނުންވަނީ މުޅި އުމުރަށް އީހާނަށް ނަފުރަތު ކުރުވަންތަ؟. މި ހިތް ދުވަހަކުވެސް އީހާނުގެ މައްޗަށް ހެވެއް ނޭދެންތަ؟. ޕްލީޒް... ޕްލީޒް ސްޓޮޕް ދިސް ނޮންސެންސް. ޔޫ އާ ހާޓިން މީ. ޕްލީޒް ޑޯންޓް ޑޫ ދިސް." ރުޅިވެރި ހަޅޭކަކާއެކު ވާހަކަދައްކަން ފެށި ނަމަވެސް ނީރާގެ އަޑު މަޑުމަޑުން ހިނދި އާދޭހަކަށް ބަދަލުވިއެވެ. އީހާން އަނގައިން ނުބުނެ ނީރާއަށް ބަލަން ހުރީއެވެ. ދެ ލޯ ފުރި އޭގެ މަގާމުން ނެއްޓި ނީރާގެ ކޯތާފަތް ކަރުނުން ތެމެން ފެށިއެވެ. މަޑު އާހެއް އީހާންގެ އަނގައިން ނުކުތެވެ. ހީވީ ނީރާ ރޯތަން ދުށުމަށް އެ ހިތަށް ކެތްކުރަން އުނދަގޫވީ ހެނެވެ. މަޑުމަޑުން އައިސް ނީރާގެ ކުރިމަތީ ހުއްޓުނެވެ. ދެއަތުން ނީރާގެ ކޯތާފަތުގައި ހިފާލައި ކަރުނަތައް ފުހެދޭން ފެށިއެވެ.
"އައި އޭމް ރެޑީ ޓު އެކްސެޕްޓް އެވްރިތިންގް، ޔޯ ހޭޓް، އިވަން ޔޯ ރޭޖް... މި ނިންމުން ބަދަލެއް ނުކުރާނަން. ވީ އާ ގެޓިން މެރީޑް." އީހާން ވާހަކަދެއްކީ ނިކަން މަޑުމައިތިރި އަޑަކުންނެވެ.
"ހުރިހާ އެއްޗެއް ދޫކޮށްލާނަން. މިތާ ނުހުންނާނަން... މަންމަ ކައިރީ ބުނާނަން. ޝީ ވިލް ލިސެން. ނޫނެކޭ ނުބުނާނެ. ޔަގީން. މީހަކާ އިންނާނަން. އެކަމަކު އެމީހަކީ އީހާނެއްނޫން." އީހާނުގެ މޭގައި ނީރާ ޝަހާދަތް އިނގިލި ޖައްސާ ކޮށްޕާލިއެވެ. އަދި ކޮޓަރިން ނުކުންނަން އެނބުރިލިއެވެ. އޭނާއަށް ދޮރު ނުހުޅުވެނީސް އީހާން ހިފެހެއްޓިއެވެ.
"މަންމަގެ ހިތްހަލާކުކޮށްލާ. އެ މަންމަ ދުށް ހުވަފެން ފުނޑުފުނޑުކޮށްލަން ނީރާއަށް ފަސޭހަވާނެ... ތީ މަންމަގެ ދަރިއެއްނޫން ސާބިތުކޮށްދޭތި. މިހާ ދުވަހު އެ މަންމަ ދިން ލޯބީގެ އަގެއްނެތްކަން ހާމަކުރޭ. ދޭ! ގޮސް ބުނޭ... ކައިވެނި ކުރާކަށް ބޭނުމެއްނޫނޭ." އީހާނު ބުނެލިއެވެ.
"ބުނާނަމޭ..." އީހާނުގެ މޭގައި އަޅާ ކޮށްޕާލަމުން ނީރާ ބުނެލިއެވެ. އަދި ދޮރު ހުޅުވާލާފައި އޭނާ ނުކުތެވެ. ކަންބޮޑުވެފައި ހުރެ އީހާނަށް ވެސް ކޮޓަރިން ނުކުމެވުނެވެ. (ނުނިމޭ)