ބޮލީވުޑް

ދީޕިކާއާއި އެކު ކުޅޭ ފިލްމު ނިންމަން އަނަންޔާ ބޭނުމެއް ނޫން

ޑައިރެކްޓަރު ޝަކުން ބަޓްރާގެ އާ ފިލްމުގެ މަސައްކަތް އެ ފިލްމުގެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ސިދާންތު ޗަތުރަވޭދީ އަދި އަނަންޔާ ޕާންޑޭ ވަނީ މިމަހުގެ 13 ވަނަ ދުވަހު ފުރިހަމަ ކޮށްފަ އެވެ. ބެލެވޭ ގޮތުގައި މިފިލްމުގެ ސެޓުގައި ހުރިހާ ތަރިން ވެސް ވަރަށް މަޖާކޮށް އެކަކު އެނަކަކާ އޮންނަ އެކުވެރިކަން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.

ދީޕިކާ އިންސްޓަގްރާމް ސްޓޯރީގައި "ލޯބި، އެކުވެރިކަން އަދި މުޅި އުމުރަށް ރައްކާކުރެވޭ ހަނދާންތަކެއް،"ގެ ނަމުގައި ޝެއާ ކުރި އެ ފިލްމުގެ ފަރުދާގެ ފުރަގަހުގެ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއްގައި އެ ފިލްމުގެ މަސައްކަތް ދުވަހަކުވެސް ނިމެން ބޭނުން ނުވާ ކަމަށް އަނަންޔާ ބުނާ އަޑު އިވެ އެވެ.

މިފިލްމުގެ މަސައްކަތް ދުވަހަކުވެސް ނިމެން އަނަންޔާ ބޭނުން ނުވަނީ އެއީ އޭނާއަށް ވަރަށް ޚާއްސަ ފިލްމަކަށް ވާތީ އެވެ.

އަނަންޔާ އިންސްޓަގްރާމްގައި ޝެއާކުރި ފޮޓޯތަކަކާއެކު ލިޔެފައިވާ މެސެޖެއްގައި ބުނެފައިވަނީ މި ފިލްމަކީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ އެންމެ ރަނގަޅު ތަޖުރިބާ ކަމަށެވެ. އަދި ފިލްމުގެ ކުރޫންގެ ގޮތުގައި އުޅުނު އެންމެންނަކީ އާއިލާގެ މީހުންގެ ގޮތުގައި އިހްސާސް ކުރެވޭ ކަމަށެވެ.

ވަރަށް އުފާވެރިކަމާއެކު ޖޯކުތަކާއި ހިނިގަނޑުތަކާއެކު ވަރަށް ހިތްހަމަޖެހޭ މާހައުލެއްގައި ފިލްމުގެ ޝޫޓިން ބޭއްވުނުކަން ވެސް އަނަންޔާ ފާހަގަ ކުރި އެވެ.

"މި ފިލްމު ނިމުނުއިރު އަހަރެންނަކީ މުޅިން ބަދަލުވެފައިވާ މީހެއްގެ އިހްސާސް ކުރެވެނީ. ސެޓުގައި މަސައްކަތްކުރި ހަމަ ކޮންމެ މީހެއްގެ ފަރާތުން ވެސް އަހަންނަށް ކޮންމެވެސް އެއްޗެއް ދަސްވި. އިންސާނީ ޖަޒުބާތާއި އޯގާތެރިކަން، ފިލްމު އުފެއްދުމުގެ ކަންކަން ހިނގާ ގޮތް. މި ކުރެވުނު ތަޖުރިބާއަށްޓަކައި ހުރިހާ އެންމެންނަށް ވެސް ހިތުގައި އުފެދިފައިވަނީ ޝުކުރު. މި ދަތުރުގެ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އެކުގައި ދަތުރުކުރަން އެންމެ ބަރާބަރު ފަސިންޖަރުން މި ދަތުރުގައި ބައިވެރިވީ،" އަނަންޔާ ލިޔެފައި ވެއެވެ.