ބޮލީވުޑް

އިޝާންގެ ތައުރީފު ލޯބިވެރިޔާ އަނަންޔާ އަށް

އަނަންޔާ ޕާންޑޭ މުހިއްމު ރޯލެއް އަދާކުރި "ގެހެރާއިޔާން" މިދިޔަ ހަފުތާގައި ރިލީޒްކޮށްފައިވާއިރު އެކްޓަރު އިޝާން ޚައްތަރުގެ ތައުރީފު އޮއްސާލީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނެވޭ އަނަންޔާ އަށެވެ.

އިޝާން އޭނާގެ ޝުއޫރުތައް ބަންޑުން ކޮށްލީ ސޯޝަލް މީޑިއާގައި އަނަންޔާ ޝެއާ ކުރި މެސެޖަކަށް ކުރި ކޮމެންޓެއްގަ އެވެ.

އަނަންޔާގެ މެސެޖެއްގައި އެ ފިލްމުގައި އޭނާ ކުޅުނު ޓިއާގެ ކެރެކްޓާގެ މޫޑާއި މައުސޫމުކަމާއި ކެތްތެރިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. އަދި އެ ކެރެކްޓާގެ ހަނދާންތައް އަބަދުވެސް އޭނާއާއެކު ވާނެ ކަމަށް އަނަންޔާ ބުނެފައި ވެއެވެ.

އަނަންޔާގެ ޕޯސްޓު އަލުން ޝެއާކޮށް އިޝާން ވަނީ ތަރުހީބުގެ އަތްތިލަ ބަޑިއަކާއި ލޯބީގެ އީމޯޖީ ތަކަކުން އޭނާގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އިޝާން އާއި އަނަންޔާ ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް އެމީހުންގެ ލޯބީގެ ގުޅުމާ މެދު ދެ އެކްޓަރުން ވެސް ވާހަކައެއް ނުދައްކަ އެވެ.

އިޝާން އާއި އަނަންޔާ ވަނީ މަގްބޫލު ޚާން ޑައިރެކްޓްކުރި "ޚާލީ ޕީލީ" ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ 2020 ގައި ކުޅުނު މި ފިލްމުގެ ޝޫޓިންގް ކުރިޔަށް ދިޔަ ދުވަސްވަރު ކަމަށް ވެއެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާ އެދެވޭ ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.