ބޮލީވުޑް

ގެހެރާއިޔާން: ފަސޭހަ ފިލްމެއް ނޫން: ދީޕިކާ

ދީޕިކާ ޕަދުކޯން އާއި ސިދާންތު ޗަތުރަވޭދީ އަދި އަނަންޔާ ޕާންޑޭގެ "ގެހެރާއިޔާން" ގެ ފުރަތަމަ ޓްރެއިލާ އަށް ބެލުންތެރިން ވަރަށް ބޮޑު ތަރުހީބެއް ދީފި އެވެ. ކްރިޓީކްސް ވެސް ބުނަނީ މިއީ ބޮލިވުޑުން ނެރުނު ލޯބީގެ ފިލްމުތަކުގެ ތެރެއިން އެންމެ ރީތި އެއް ފިލްމަށް ވާނެ ކަމަށެވެ.

މި ފިލްމުގައި އެންމެ މުހިއްމު ރޯލެއް ކުޅެފައިވަނީ ދީޕިކާ އެވެ. ދީޕިކާ ބުނި ގޮތުގައި މި ފިލްމުގައި އޭނާ ކުޅެފައި ވަނީ ވަރަށް އުނދަގޫ ރޯލެކެވެ. އޭނާއަށް އެންމެ އުނދަގޫވީ ފިލްމުގައިވާ ގައިގޯޅި މަންޒަރުތައް ކުޅެން ކަމަށް ވެސް ދީޕިކާ ބުންޏެވެ. ނަމަވެސް އެއީ ފިލްމުގެ ވާހަކައަށް މުހިއްމު މަންޒަރުތަކަކަށް ވެފައި ޑައިރެކްޓަރު ޝަކުން ބަޓްރާގެ އިރުޝާދުތަކުން ހުރިހާ އެންމެންނަށް ވެސް އެ މަންޒަރުތައް ކުޅެން ފަސޭހަވި ކަމަށް ވެސް ދީޕިކާ ބުންޏެވެ.

ދީޕިކާ ބުނި ގޮތުގައި އޭނާ މިހާތަނަށް މިފަދަ ރޯލެއް ކުޅެފައެއް ނުވެ އެވެ. މިއީ ވަރަށް ހަގީގީ އެހާމެ ބޯލްޑް ކެރެކްޓާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ގެހެރާއިޔާން" ޓްރެއިލާ

ޑައިރެކްޓަރު ބުނި ގޮތުގައި މި ފިލްމު ދީޕިކާ އަށް އެހާ މޮޅަށް ކުޅެލެވުނީ އޭނާ ކުޅެފައިވާ ކެރެކްޓާ އާއި ހަގީގީ ހަޔާތުގެ ބައެއް ހާދިސާތަކާ ވެސް ގުޅުން ހުރީމަ ކަމަށެވެ.

އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯއިން ރިލީޒްކުރަން ހަމަޖެހިފައިވާ "ގެހެރާއިޔާން"ގައި ދީޕިކާ ކުޅެފައިވަނީ އަލީޝާ ކިޔާ ޒުވާން އަންހެންކުއްޖެއްގެ ރޯލެވެ.

ފިލްމުގައި އެންމެ ކުރިން ދެ ލޯބިވެރިންގެ ގޮތުގައި ފެންނަނީ އަނަންޔާ އާއި ސިދާންތެވެ. ނަމަވެސް ވަކި ހިސާބަކުން ސިދާންތުގެ ކެރެކްޓާއަށް ދީޕިކާ އާ ބައްދަލުވެ އޭނާ ދެކެ ލޯބި ވެވެނީ އެވެ. މިއީ ލަވް ޓްރައިންގަލް އެއްގެ އިތުރުން ވަރަށް އަސަރުގަދަ އެހާމެ ފުން ލޯބީގެ ހާދިސާތަކެއް ފެނިގެން ދާނެ ފިލްމެކެވެ.