ބޮލީވުޑް

"ގެހެރާއިޔާން" – ސިދާންތާއި ދިޕިކާގެ ކެމިސްޓްރީ ވަރަށް ގުޅޭ

ޝަކުން ބަޓްރާގެ އާ ފިލްމު "ގެހެރާއިޔާން" ގެ ފުރަތަމަ ޕްރޮމޯ ރިލީޒް ކުރުމާއެކު އެންމެންގެ ލޮލުގައި ވެސް އަޅައިގަތީ އެއް ކަމެކެވެ. ފިލްމުގައި ލީޑް ރޯލު ކުޅޭ ދީޕިކާ ޕަދުކޯން އާއި ސިދާންތު ޗަތުރަވެދީގެ ހޮޓް ކެމިސްޓްރީ އެވެ.

އެ ދެ މީހުންގެ ބަލާލުންތަކާއި ލޯބީގެ މަންޒަރުތައް ބެލުންތެރިންގެ ހިތް އަތުލާފައިވާއިރު މި ޕްރޮމޯއަށް ކޮމެންޓްކުރި އެއްބަޔަކު ދިމާކުރީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް އާ އެވެ. މި ޕްރޮމޯ ބަލާފައި ރަންވީރުއަށް ވާނީ ކިހިނެއްބާއޭ އޭނާގެ ރިއެކްޝަން ހުންނާނީ ކޮން ގޮތަކަށް ތޯ ގިނަ ބަޔަކު ސުވާލު ކޮށްފައި ވެއެވެ.

ގެހެރާއިޔާންގެ ޕްރޮމޯ

މިއީ "މާސްޓަޕީސް" އެއް ކަމަށް ބައެއް މީހުން ސިފަ ކުރި އެވެ. އަދި މިފަދަ ރީތި ލޯބީގެ ފިލްމެއް ވަރަށް މަދުން ނޫނީ ނުފެންނާނެ ކަމަށް ގަބޫލުކޮށް ކޮމެންޓް ކުރިމީހުން ވެސް ވަރަށް ގިނަ ކަން ފާހަގަ ކޮށްލެވެ އެވެ.

މި ފިލްމުގައި ދީޕިކާ އާއި ސިދާންތުގެ އިތުރުން އަނަންޔާ ޕާންޑޭ އާއި ދެއިރިޔާ ކަރްވާ ވެސް މުހިއްމު ރޯލުތަކެއް ކުޅެފައި ވެއެވެ.
"ގެހެރާއިޔާން" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ.