އެކި ގައުމުތަކުގައި ކޮވިޑް ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމްތައް ކުރިއަށް ދާއިރު ވެކްސިން ޖަހައިދޭ މަރުކަޒުތަކުގެ ބޭރުގައި ކިއު ހަދައިގެން ވަރަށް ގިނަ ވަގުތު މީހުންނަށް ތިބެން ޖެހެ އެވެ. އެހާ ގިނައިރު ކިއު އެއްގައި މަޑުކުރުމަކީ އެއްވެސް މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވެގެން އުޅޭ ވީޑިއޯ އެއްގައި ފެންނަނީ ވެކްސިން ސެންޓަރެއް ކައިރީގައި ވަރަށް ދިގު ކިއު އެއްގައި މީހުން ވެކްސިން ޖަހަން ފުރުސަތު ލިބޭނެ އިރެއްގެ އިންތިޒާރުގައި ތިބި ތަނެވެ. އަދި ކުއްލިއަކަށް މީހަކު އައިސް ކިއުގައި މަޑުނުކޮށް އެ ސެންޓަރުގެ ކުޑަ ދޮރަކުން އަތް ކޮއްޕާލާފައި ވެކްސިން ޖަހާ ތަނެވެ.
ފަނަރަ ސިކުންތުގެ މި ވީޑިއޯ ކްލިޕް އެފްބީގައި ޝެއާކޮށްފައިވަނީ ވަރުން ތިޔާގީ ކިޔާ މީހެކެވެ. މި ވީޑިއޯގައި ފެންނަނީ ވެކްސިން ސެންޓަރުގެ ބޭރުގައިވާ ހަނި ދޭތެރެއެއްގައިވާ ދެ ފަރާށް ފައި ލައިގެން އަރާ މީހަކު ވެކްސިން ޖަހާ މަންޒަރެވެ.
އެމިހާ ދެ ފާރުގައި ދެ ފައި ބަހައްޓައިގެން ގަމީސް ނުލާ ހުރެ އަތް ދިއްކޮށްލުމުން އެ ވެކްސިން ސެންޓަރު ތެރޭގައި ހުރި މީހަކު އެމީހާގެ އަތަށް ވެކްސިން ޖަހައިދޭ މަންޒަރު ވީޑިއޯގައި ފެނެ އެވެ.
މި ވީޑީއޯއަށް ކޮމެންޓްކުރި މީހަކު ބުނި ގޮތުގައި މިއީ އިންޑިއާގެ ބިހާރުގެ ސަމަސްތިޕޫރް ޑިސްޓްރިކްޓްގެ ވެކްސިން ސެންޓަރެއްގައި ހިނގި ކަމެކެވެ.