ލައިފްސްޓައިލް

ވާގިނެތިފައި އޮތް މީހަކު ކޮވިޑް ވެކްސިން ޖެހުމުން ރަނގަޅުވެއްޖެ

އިންޑީޔާގެ ޖާރްކަންޑްގެ މީހަކު ބުނާ ގޮތުގައި އޭނާ އަކީ ފާއިތުވީ ހަތަރު އަހަރު ވާގިނެތި، ނުހިނގި، އެނދުމަތި ވެފައި އޮތް މީހެކެވެ. ނަމަވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމާއެކު އޭނާގެ ހަށިގަނޑަށް ވާގި ލިބި ހިނގެން ފަށައިފި ކަމަށް މިމީހާ ބުނެ އެވެ.

ދުލާރްޗަންދް މުންޑާ، 44، އަކީ ބުކާރޯ ޑިސްޓްރިކްޓްގައި ދިރިއުޅޭ މީހެކެވެ. އިންޑީއާ ޓުޑޭގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މީގެ ހަތަރު އަހަރު ކުރިން އެކްސިޑެންޓެއްވެ މުންޑާގެ މުޅި ގައިން ވާގި ދިޔައީ އެވެ. އަދި ވާހަކަ ދެއްކުމުގެ ގާބިލްކަން ވެސް ކެނޑުނީ އެވެ. އޭރުއްސުރެ އޭނާ އޮންނަނީ އެއްގޮތަކަށް ވެސް ނުތެދުވެވި އެނދުމަތީގަ އެވެ.

އޭނާގެ ގަޔަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހީ މި ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އެވެ. ވެކްސިން ޖެހިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ތެދުވެ ހިނގަން ފަށައިފި ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ޕެޓާރްވަރް ކޮމިއުނިޓީ ހެލްތު ސެންޓަރުގެ މެޑިކަލް އިން ޗާޖް ޑރ. އެލްބެލް ކާއްކެތާ ވިދާޅުވި ގޮތުގައި ވެކްސިން ޖެހިތާ އެއް ދުވަސް ތެރޭގައި ދުލާރުސިންގްގެ ހަށިގަނޑުން ވެކްސިންގެ އަސަރު ފެންނަން ފެށި ކަމަށެވެ. ދުލާރްސިންގް ބުނަނީ އޭނާގެ ހަށިގަނޑުގައި ވަރު ޖެހުމުގެ އިތުރުން އަޑު ވެސް އަނބުރާ އަތުވެއްޖެ ކަމަށާއި މިހާރު އޭނާއަށް ރަނގަޅަށް ވާހަކަ ވެސް ދެއްކޭ ކަމަށެވެ.

އިންޑިޔާގެ އޭއެންއައި ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި ދުލާރްޗަންދަށް މި ދިމާވި ގޮތުން ބުކާރޯގެ ސިވިލް ސާޖަން ޑރ. ޖިތެންދުރަ ކުމާރު ވެސް ވަރަށް ހައިރާންވި އެވެ. އަދި މެޑިކަލް ޓީމެއް އެކުލަވާލައި މިކަން ދިމާވި ގޮތެއް ހޯދުމުގެ މަސައްކަތް އޭނާ ވަނީ ފަށާފަ އެވެ.
ދުލާރްޗަންދުގެ މެޑިކަލް ހިސްޓްރީ ބަލައި ވެކްސިނުން އޭނާއަށް މިފަދަ ކަމެއް ދިމާވީ ކީއްވެތޯ މި ޓީމުން ތަހުގީގުކުރާނެ އެވެ.

އޭއެންއައި އަށް ޑރ. ކުމާރު ވިދާޅުވި ގޮތުގައި މި ހާދިސާ ލޮލުން ދެކެފައި ޚުދް އޭނާވެސް ވަނީ ވަރަށް އަޖައިބު ވެފަ އެވެ. އަދި މިކަން ސައިންސްވެރިން ވަރަށް ރަނގަޅަށް ބަލަން ޖެހޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަލި މީހާ ރަނގަޅުވީ ވަރަށް ކުޑަ ދުވަސްކޮޅަކު ވާގިނެތިފައި އޮތުމަށްފަހު ނަމަ ގަބޫލުކުރަން ފަސޭހަވީހެވެ. ނަމަވެސް ހަތަރު އަހަރު ވަންދެން ވާގިނެތިފައި އޮތް މީހެއްގެ ގައިގައި ކުއްލިއަކަށް ވާގި ޖެހި ތެދުވެ ހިނގަން ފެށުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ.

ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް އޭނާގެ ފައިގައި ވާގި ޖެހި ހިނގެން ފެށުމުން ދުލާރްޗަންދް ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނި ގޮތުގައި ވެކްސިން ޖެހުނީތީ އޭނާ މިހާރު ވަރަށް އުފާކުރެ އެވެ. ސަބަބަކީ ޖެނުއަރީ 4 ވަނަ ދުވަހު ވެކްސިން ޖެހުމާއެކު ކަހަލަ ގޮތަކަށް އޭނާގެ ފަޔަށް ވާގި ލިބެން ފެށީމަ އެވެ.

ކޮވިޑް ވެކްސިން ޖަހައިގެން ސިއްހަތަށް ހެޔޮ ބަދަލުތަކެއް އައިކަމަށް މީގެ ކުރިން ވެސް ބައެއް މީހުން ބުނެފައި ވެއެވެ. ދާދިފަހުން ބިހާރުގެ މީހަކު ވަނީ އޮޅުވާލައިގެން 11 ފަހަރަށް ކޮވިޑް ވެކްސިން ޖަހާފަ އެވެ. އޭނާ ބުނާ ގޮތުގައި ކޮންމެ ފަހަރަކު ވެކްސިން ޖެހުމުން އޭނާގެ ހަށިގަނޑަށް އިތުރު ހަކަތަ ލިބެ އެވެ. މަކަރު ހަދައިގެން ވެސް ވެކްސިން ޖަހަނީ އެހެންވެ އެވެ. އޭނާ ވެކްސިން ސިފަ ކުރަނީ "ވަރަށް ފައްކާ" އެއްޗެއްގެ ގޮތުގަ އެވެ.