ސައުދީ އަަރަބިއްޔާ

ސައުދީން އަންހެނުންނަށް ވަޒީފާގެ ބާޒާރު އެއްކޮށް ހުޅުވާލަނީ

ސައުދީ އަރަބިއްޔާގެ ލޭބާ މިނިސްޓަރީން އަންހެނުންނަށް ވަޒީފާގެ ބާޒާރު އެއްކޮށް ހުޅުވާލައިފިއެވެ.

ކުރިން ސައުދީ އަރަބިއްޔާގައި އަންހެނުންނަށް ވަޒީފާ ހޯދުމުގައި ދިމާވި އެންމެ ބޮޑު ގާނޫނީ ހުރަހަކީ ވަޒީފާއާބެހޭ ގާނޫނުގައި އޮންނަ "ނުރައްކާތެރި ވަޒީފާތަކުން އަންހެނުން ސަލާމަތްކުރުމުގެ" މާއްދާއެވެ. މި މާއްދާގެ ދަށުން ވަރަށް ގިނަ ވަޒީފާ ތަކަށް އަންހެނުންނަކަށް ކުރިމައްޗެއް ނުލެވެއެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ އިދާރާ (އައިއެލްއޯ) ގެ ފިއްތުންތަކާއެކު ސައުދީން ވަނީ މި މާއްދާ ގާނޫނުން އުނި ކޮށްފަ އެވެ.

މައްކާ އަރަބިކް ޑެއިލީގެ ރިޕޯޓަކާ ހަވާލާދީ އަލް އަރަބިއްޔާގައި ބުނެފައިވާ ގޮތުން ސައުދީން ވަނީ އައިއެލްއޯގެ އާޓިކަލް 149 އެގައުމުގެ ވަޒީފާއާ ބެހޭ ގާނޫނަށް އިތުރު ކޮށްފައެވެ. މި ބަދަލާއެކު ނުރައްކަލެއް ނެތް ކޮންމެ ހާލަތެއްގައި ހުރިހާ ދާއިރާތަކެއްގެ ވަޒީފާތަކަށް ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ވެސް ކުރިމަތި ލެވޭނެއެވެ.

މި ބަދަލާއެކުވެސް އައިއެލްއޯ އިން ބުނަނީ އަދިވެސް ސައުދީން އަންހެނުންނަށް މަސައްކަތަށް ނުކުންނަން ދަތިކުރާ ކަމަށާއި ގާނޫނަށް ގެނައި ބަދަލުން އަދި މަސައްކަތުގެ ދާއިރާގައި ހަމަހަމަކަން ގާއިމްކޮށް ނުދެވޭ ކަމަށެވެ. އައިއެލްއޯގެ މި ވާހަކައާ ސައުދީގެ ލޭބާ މިނިސްޓަރު ދެކޮޅެވެ. އޭނާ ވިދާޅުވީ ސައުދީން ހަމަހަމަކަން ގާއިމްކޮށްފައިވާ ކަމަށާއި ބައެއް ތަފާތުތައް ހުރީ އަންހެނުންގެ ރައްކާތެރިކަމާ ސަލާމަތަށްޓަކާ ކަމަށެވެ.

އަށާވީސް މިލިއަން މީހުންގެ އާބާދީއެއް ސައުދީގައި އޮންނައިރު އޭގެ 45 ޕަސެންޓަކީ އަންހެނުންނަވެ. ސައުދީ އަންހެނުންގެ 57 ޕަސެންޓް މީހުން އަތުގައި ޔުނިވާސިޓީ ޑިގްރީއެއް އޮވެއެވެ.