ރައްޔިތުންގެ މަޖިލިސް

ކައުންސިލް ތަކަށް ބާރުދޭ ބިލަށް އިތުރު އިސްލާހުތަކެއް

ލޯކަލް ކައުންސިލްތަކުން ލޯން ނަގައި ލޯން ދޫކުރެވޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް މަޖިލީހުގެ ބައެއް މެމްބަރުން އިސްލާހު ހުށަހަޅުއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި ބިލުގެ ބޭނުމަކީ ލާމަރުކަޒީ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ކަންކަން އިސްލާހުކުރުމައްޓަކައި މާލިއްޔަތު ގާނުނު އިސްލާހުކުރުން ކަމަށް ބިލްގައި ބުނެފައިވެ އެވެ.

އެ ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ވަނީ ފަށައިފަ އެވެ.

ބިލުގައިވާ ގޮތުން ކައުންސިލްތަކުން ދަރަންޏަށް ފައިސާ ނެގޭނީ ރަށް ނުވަތަ އަތޮޅުގެ ތަރައްގީގެ ޕްލޭންގައި ހިމަނާފައިވާ މަޝްރޫއެއް ހިންގުމަށެވެ. އަދި އެ ލޯނު ނެގުމަށް ކައުންސިލްގެ އަގުލަބިއްޔަތުން ފާސްކޮށް، ކަމާ ގުޅޭ ވަޒީރަށް ހުށަހަޅައި ވަޒީރުގެ ހުއްދަ އެކަމަށް ހޯދަންޖެހެ އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވީ ކައުންސިލްތަކުން ލޯނު ނަގަން ވަޒީރުގެ ހުއްދަ ހޯދަން އޮންނައިރު ހުއްދަ ދޭން ވަކި މުއްދަތަކެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

އެހެން ނޫންނަމަ ގިނަ ކައުންސިލްތަކުން ލޯނަށް ހުއްދައަށް އެދުމުން ބޮޑު ބެކްލޮގެއް އުފެދި ކައުންސިލްތަކުން ހިދުމަތް ދިނުމަށް ދަތިވެދާނެ ކަމަށް އިލިޔާސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައިރުވެސް ލޭންޑް ޔޫސް ޕްލޭނަށްވެސް އިންނާނެ ވަކި ޓައިމް ޕީރިއަޑެއް. އެެހެންވީމާ ރާއްޖޭގެ 200 އަށް ވުރެ ގިނަ ކައުންސިލުން ލޯނަށް އެެދެން ފަށައިފި ކަމުގައިވަންޏާ ފިނޭންސް މިނިސްޓްރީގެ ބެކްލޮގް ވަރަށް ގިނަވެދާނެ" އިލިޔާސް ވިދާޅުވި އެވެ.

ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ ވިދާޅުވީ ކައުންސިލްތަކުން ލޯނު ނަގާ ކޮންމެ ފަހަރަކު ވަޒީރުގެ ހުއްދަ ނަގަން އޮންނަ މާއްދާއަށް ލުއި ދޭން ޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލްތަކުން އާމްދަނީގެ ކުޑަބޮޑު މިނަށް ބަލައި ވަޒީރުގެ ހުއްދަ ނެތި ވަކި އަދަދަކަށް ލޯނު ނެގޭ ގޮތަށް ހެދުމަށް އޭނާ ހުށަހެޅުއްވި އެވެ. އޭގެ ސަބަބުން ކައުންސިލްތަކަށް ވެސް ކުދި ކުދި އިންވެސްޓްމަންޓްތައް ކުރެވިދާނެ ކަމަށް މުޣުނީ ގަބޫލުކުރައްވަ އެވެ.

"ކޮންމެ ކަމެއްގައި މާލޭގައި ހުންނަ ވަޒީރުގެ ހުއްދަ ހޯދަން ވަކި ހާލަތެއްގައި ނިމުމަަަކަށް ގެންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ކައުންސިލްތަކުގެ އާމްދަނީ ލިބޭ ނިސްބަތުން ސީލިންއެއް ކަނޑައެޅުމަށްފަހު ކޮންމެވެސް އަދަދަކީ ވަޒީރުގެ ހުއްދަނެތި ނެގޭ އަދަަދަކަށް ހެދިއްޖެނަމަ [ކައުންސިލްތަކަށް] އެ ލިބެނީ މާބޮޑު މިނިވަންކަމެއް." މުގުނީ ވިދާޅުވި އެވެ.

ބަހުސްގައި ވާހަކަދައްކަވަމުން ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވީ ކައުންސިލްތަކުން ލޯނު ނަގަން ހުއްދަ ދޭން ފަށާއިރު ޓެރަރިޒަމަށް ފައިނޭންސް ކުރުން ފަދަ ކަންތައްތަކަށް އޮންނަ ދޮރު ބަންދުކުރަން ޖެހޭނެ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ހަލީމް ނެންގެވީ ރާއްޖޭގައި ބައެއް ކައުންސިލްތަކުގައި ހަރުކަށި ފިކުރު ފަތުރާ ބަޔަކު ތިބުމުގެ ފުރުސަތަު އޮތުމެވެ.

"އަޅުގަނޑުމެން ވިސްނަންޖެހޭނެ މިގޮތަށް އަޅުގަނޑުމެން ފައިސާ ދަރަންޏަށް ނަގާއިރުގައި ފައިސާ ނެގެންޖެހޭނީ ރެޖިސްޓާޑް ފައިނޭންޝިއަލް އިންސްޓްޓިއުޝަންތަކުންނާއި އަދި ރެޖިސްޓާޑް ބޭންކްތަކުން ކަަމަށް އަޅުގަނޑު ދެކެން. ހަމަ ކުއްލިއަކަށް އަންނަ މާބޮޑު މުއްސަންޖަކު ކައުންސިލްތަކަށް ލޯނުދޭ ގޮތަށް އޮވެއްޖިއްޔާ އަޅުގަނޑުމެން ވިސްނަން ޖެހޭނެ. އެވެދާނެ ހަމަ ހަގީގަތުގައި ޓެރަރިޒަމް ފައިނޭންސް ކަމަށް ވެސް" ހަލީމް ވިދާޅުވި އެެވެ.