ރިޕޯޓް

އެމްޑީޕީގެ ފިސާރި އަންހެނުން: ވަރުގަދަ ލަޝްކަރެއް!

އެމްޑީޕީގެ ފިސާރި އަންހެނުންގެ ވާހަކަ ދައްކަން މިއަށް ވުރެ ވަކި މުނާސަބު ހަފުތާއެއް އަންނާނެހެންނެއް ހީއެއް ނުވެ އެވެ. "މިންޖުވާން" ނުކުންނައިރު މިއަދު ވެސް އެމްޑީޕީގެ މުޒާހަރާގައި އެންމެ ވަރުގަދަކޮށް ފެންނާނެ ބަޔަކަށް އެ ޕާޓީގެ އަންހެން ލީޑަރުންނާއި އެކްޓިވިސްޓުން ވާނެތީ އެވެ. އަނެއްކޮޅުން މި ހަފުތާ އަކީ އަންހެނުންގެ ހައްގުގައި އދ. އިން ޕްރޮމޯޓްކުރާ "އޮރޭންޖު ޑޭއި" ގެ ކެމްޕޭން ވެސް ކުރިއަށްދާ ހަފުތާ އެކެވެ.

ރަން ރީދޫ ކުލައިން ހެދުން އަޅައިގެން ނުކުންނަ އެމްޑީޕީގެ އަންހެނުންނަކީ ހައްގަށް އަދި ވަކިން ހާއްސަކޮށް އަންހެނުންގެ ހައްގުތަކަށް އަޑުއުފުލުމަށް ވެސް މަޝްހޫރު ބައެއެކެވެ. އެހެންވީމަ މި އޮރޭންޖު ކެމްޕޭނެއް ކުރިއަށްދާއިރުގަ އާއި އެމްޑީޕީގެ ބޮޑު މުޒާހަރާއެއް އަންހެނުންނާ އެކު ކުރިއަށްދާއިރު އެ ޕާޓީގެ ފިސާރި އަންހެނުންގެ ވާހަކަ ދައްކަން މިއަށްވުރެ ފުރިހަމަ މުނާސަބަތެއް އަންނާނެ ހެއްޔެވެ؟

އެމްޑީޕީގެ އަންހެނުންނަށް ރޫހާއި ހިތްވަރަށް ތައުރީފުކުރައްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ "ރާއްޖޭގެ ތާރީޚު ދެން ލިޔާނީ އަންހެނުން" ކަމަށެވެ. މިއީ "އިންސާފުގެ ދަތުރު - އަންހެނުންގެ ރޫހް" ގެ ނަމުގައި އެމްޑީޕީގެ އަންހެނުންގެ ބިޔަ ލަޝްކަރަކުން 2012 ވަނަ އަހަރު މާލޭގެ މަގުތައް ފުރާލި މުޒާހަރާގައި ބައްލަވާލެއްވުމަށް ވަޑައިގެން ނަޝީދު ވިދާޅުވި ވާހަކަކޮޅެކެވެ.

ނަޝީދުގެ ވެރިކަން ވެއްޓިގެން އެ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު މާލޭގައި އެމްޑީޕީގެ އަންހެނުން ރޫހުން ބޭއްވި މުޒާހަރާ އަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް އެހާ ގިނަ އަދަދަކަށް އަންހެނުން ބައިވެރި ހިނގާލުންކަން ފާހަގަކޮށްލެވެ އެވެ. އަދި އެމްޑީޕީގެ ވަފާތެރި ފިރިހެން މެމްބަރުންނާއި އެކްޓިވިސްޓުންނަށް ވުރެ އެ ޕާޓީގެ އަންހެނުންގެ ބާރާއި ނުފޫޒުގަދަކަން ސާބިތުކޮށްދިން ދުވަހެއް ވެސްމެ އެވެ.

ޒަމާނުއްސުރެން ފެށިގެން ފިރިހެނުން ބާރު ހިންގަމުން އައި ސިޔާސީ މައިދާނުގައި އަންހެނުން ބާރުގަދަކޮށްފައިވާއިރު، ވަކިން ހާއްސަކޮށް އެމްޑީޕީގެ އަންހެނުން އަތްގަދަކޮށްފައިވާއިރު ހުރިހާ ވެސް ޝުކުރެއް ހަގީގަތުގައި އެމީހުންގެ "ލީޑަރު" ނަޝީދަށެވެ.

އެހެން ހުރިހައި ސިޔާސީ ޕާޓީތަކަށްވުރެ އެމްޑީޕީގެ ލީޑަޝިޕްގައި އަންހެން މެމްބަރުން ގިނަވުމާއި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އަންހެނުންގެ އަޑުގަދަވުމާއި މުޒާހަރާތަކުގައި މި ޕާޓީގެ އަންހެން އެކްޓިވިސްޓުންގެ އަޑުގަދަވުމަކީ ދެކޮޅުހެދެން ނެތް ހަގީގަތް ވެސްމެ އެވެ. ފާހަގަކޮށްލަން ޖެހެނީ "ފިސާރި އަންހެނުން" ގެ ގޮތުގައި ސިޔާސީ އަންހެން އެކްޓިވިސްޓުުން މިފަހުން މަޝްހޫރުވެގެން ދިއުމުގެ އަސްލަކީ ވެސް އެމްޑީޕީގެ އަންހެން ފަހުލަވާނުން ދެއްކި ހިތްވަރުކަމެވެ.

"ހަމަކަށަވަރުން ގައުމެއް ތަރައްގީވެގެން ނުދާނެ އެ ގައުމެއްގެ އެންމެހާ މީހުން އެ ތަރައްގީގެ މަސައްކަތުގައި ޝާމިލްވެ ބައިވެރިވެގެން މަސައްކަތް ކުރިޔަށް ގެންދެވިގެން ނޫނީ. އަޅުގަނޑުމެންނަށް މި ރާއްޖޭގައި ބޭނުންކުރެވެން އޮތީ އިންސާނީ ވަސީލަތުގެ ދެބައިކުޅަ އެއްބައިކަމަށް ދެކެވިއްޖެ ނަމަ މި ރާއްޖެއިން ހޯދޭނީ ވެސް މި ރާއްޖޭގެ މުއްސަނދިކަމުގެ ހަމަކަށަވަރުން ދެބައިކުޅަ އެއްބައި،" މިއީ ސިޔާސީ މައިދާނަށް އަންހެނުން ނެރެން ބާރު އަޅުއްވަމުން ނަޝީދު 2010 ވަނަ އަހަރު ވިދާޅުވެފައިވާ ވާހަކަކޮޅެކެވެ.

ދެން މި އަންނަނީ މިއަދުގެ އެމްޑީޕީގެ މުޒާހަރާ އަށް ދާން މި ހަފުތާއިން ފެށިގެން ފޫގަޅައިގެން ތިބި އަންހެން ވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ފިސާރި އަންހެނުންގެ ތެރެއިން ފަސް އެކްޓިވިސްޓުންނެވެ. އެމްޑީޕީގެ ސަޕޯޓަރުން އަންގަނީ މި އެކްޓިވިސްޓުންނަކީ އެހެން ޕާޓީއަކަށް ބަލިނުކުރެވޭނެ އެކްޓިވިސްޓުންތަކެއް ކަމަށެވެ.

އެމްޑީޕީ ދޮންދީދީ

ފުރިހަމަ ނަމަކީ ކޮބައިތޯއޭ ސުވާލުކުރުމުން ވެސް އޭނާ ބުނީ ދޮންދީދީއޭ އެވެ. މިއީ 59 އަހަރުގެ އަންހެނެކެވެ. އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މޫނެއް އަދި ވަރުގަދަ އަޑެކެވެ. ދޮންދީދީ، އެމްޑީޕީ އަށް ހުސްވެފައިވާ މިންވަރަކީ، މި އާޓިކަލްއެއް މިހާ ހިސާބަށް ހުއްޓާލާފައި ދެވުނު އެންމެ އަވަހަށް (ހެންވޭރު ކޮޅުގައި އެހެރަ) އެމްޑީޕީގެ ހަރުގެ އަށް ދިޔަޔަސް އޭނާއާ ބައްދަލުވުމުގެ 99 ޕަސެންޓް ފުރުސަތު އޮތުމެވެ.

"އަޅުގަނޑު ބައިވެރިނުވާ އެމްޑީޕީގެ މުޒާހަރާއެއް ނޯންނާނެ. އުފެދުނީއްސުރެ އެމްޑީޕީއާ އެކު މި އުޅެނީ. އަޅުގަނޑުގެ 24 ގަޑިއިރު ހުސްކޮށްލައިގެން މި އުޅެނީ މިކަމަށް،" ހުކުރު ދުވަހުގެ މިންޖުވާ މުޒާހަރާއަށް ފޫގަޅައިގެން ހުރި ދޮންދީދީ ނިކަން ފޯރީގައި ކިޔައިދެމުން ދިޔަ އެވެ.

އޭނާ ބުނީ ނިދީގައި ވެސް ސަމާލުކަން ދެވެނީ އެމްޑީޕީގެ ހަރަކާތްތަކަށް ކަމަށެވެ.

"އަޅުގަނޑު އާންމުކޮށް ނިދާނީ ދަންވަރު ދޭއް ޖަހާއިރު. ފަތިހު ފަހެއް ޖަހާއިރު ހޭލާނަން އާންމުކޮށް. މި ގަޑިތަކުގައި ވެސް އުޅެވޭނީ އެމްޑީޕީގެ ކަންކަމުގައި. ހަމަ ކުއްލިއަކަށް ކަމެއް ދިމާވިޔަސް."

ދޮންދީދީ އަކީ އެމްޑީޕީގެ އަންހެނުންގެ ރޫހާއި ލޮބީ ގްރޫޕްގެ ހަރަކާތެރި މޫނެކެވެ. އޭނާ ބުނީ އެމްޑީޕީއާ ޖެހިއްޖެ ނަމަ ކޮންމެ ކަމަކަށް ވެސް ތައްޔާރަށް ހުންނަ މީހެއް ކަމަށެވެ.

މީގެ އަށް އަހަރު ކުރިން ފިރިމީހާ ނިޔާވެފައިވާ ދޮންދީދީގެ ފަސް ކުދިން އެބަތިއްބެވެ. ހުރިހާ ކުދިން ވެސް ބޮޑެތިވެ، މީހުންނާ އިނދެގެން ދިރިއުޅުން ފަށާފައިވުމުން އަމިއްލަ ދިރިއުޅުމުގައި ދޮންދީދީ ވިސްނަން ޖެހޭ ކަމެއް ވެސް ހަގީގަތުގައި ނެތެވެ.

"މުޅި އާއިލާ ވެސް އެމްޑީޕީ. ހިޔާލާ ދެކޮޅުވިޔަސް އެއްޗެއް ބުނާނެ ކުއްޖަކު ނުހުންނާނެ އަޅުގަނޑުގެ،" ފިނޭންސް މިނިސްޓްރީގައި ކުރިން މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރި ދޮންދީދީ ކިޔައިދިނެވެ.

އޭނާ ބުނީ ސަރުކާރުގައި އަދާކުރަމުން ދިޔަ ވަޒީފާ ވެސް ދޫކޮށްލަން މަޖުބޫރުވީ ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި އުޅެން ބޭނުންވެގެންނެވެެ.

"ކުރިން ވަޒީފާގައި އުޅުނުން. އެއީ ފިނޭންސް މިނިސްޓްރީގައި މަސައްކަތު މީހަކަށް. ވަޒީފާ ދޫކޮށްލީ ސަރުކާރުގައި އުޅެން ބޭނުން ނުވެގެން. ނަޝީދުގެ ސިޔާސީ ހަރަކާތްތަކުގައި ނޫޅެވިދާނެތީ. އަޅުގަނޑުގެ ވަޒީފާ ދޫކޮށްލީ އެމްޑީޕީއަށްޓަކައި. ރައްޔިތުންނަށްޓަކައި މި ގައުމު އިސްލާހުކުރަން،" ދޮންދީދީ ކިޔައިދިނެވެ.

އޭނާ ބުނީ ނަޝީދު މިނިވަންކުރުމަށް ގޮވާލަނީ ނުވަތަ އެމްޑީޕީ އަށް ތާއީދުކުރަނީ އެއްވެސް ހާލެއްގައި އަމިއްލަ އަށް މޮޅެއް ބޭނުންވާތީކީ ނޫން ކަމަށެވެ.

"ދިވެިހ ރާއްޖޭގައި ވަރަށް ނިކަމެތި އަންހެނުން އެބައުޅޭ. ދުވަސްވެފައި ތިބި މަންމައިންނާއި ބައްޕައިން. އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރުނުކުރެވިފައި ތިބި މީހުން އެބަތިބި، ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިފައި ތިބި މީހުން އެބަތިބި. ބޯހިޔާވަހިކަން ނެތް މީހުން އެބަތިބި،" ދޮންދީދީ ބުންޏެވެ.

"އެކަމަކު އަޅުގަނޑު މިއީ އޭގެ މީހެއް ނޫން. އަޅުގަނޑު މި މަސައްކަތްކުރަނީ މިހުރިހާ އެންމެނަށް ނަޝީދު ހުޅުވާލަދިން ދޮރު ބަންދުވިޔަ ނުދިނުމަށް."

"އެމްޑީޕީ ވެރިކަމަށް ނަޔަސް މި ގައުމު އިސްލާހު ވާނެ ދުވަހެއް ދެކެން ބޭޏުންވަނީ. އެކަން ކުރަން ނަޝީދު މިނިވަންކުރަން އެބަޖެހޭ. އެފަދަ ލީޑަރެއް ނެތް މިގައުމަކު ދެން."

ކުޅުދުއްފުށީ ސޮފިއްޔާ

މިއީ އުމުރުން 48 އަހަރުގެ އަންހެނެކެވެ. ދިރިއުޅެނީ އުފަން ރަށް. ހދ. ކުޅުދުއްފުށީގަ އެވެ. ފަސް ކުދިންނާއި ފިރިމީހާއާ އެކު ރަށުގައި ދިރިއުޅުނަސް މާލޭގައި އެމްޑީޕީ އިން ބާއްވާ މުޒާހަރާއަކުން ސޮފިއްޔާ މޫސާ ނުފެނި ދިއުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

"އެމްޑީޕީގެ ކޮންމެ މުޒާހަރާއަކަށްހެން އަޅުގަނޑު ދާނަން މާލެ އަބަދުވެސް. އަޅުގަނޑު ދަނީ އަމިއްލަ ޚަރަދުގައި. މާލެ އަށް ގޮސް މުޒާހަރާގައި ބައިވެރިވާން ބޭނުންވާ އެހެން އަންހެނުން ވެސް ގޮވައިިގެން،" ކުޅުދުއްފުށީގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ސޮފިއްޔާ ކިޔައިދިނެވެ.

އޭނާ ހުރީ މިއަދުގެ މުޒާހަރާ އަށް ވެސް އަންނަ ގޮތަށެވެ. އެކަމަކު މި އިންޓަވިއުއެއް ދިން އިރު ދަތުރު އަދި ފައިނަލްއެއް ނުކުރެ އެވެ.

"ހުކުރު ދުވަހުގެ މުޒާހަރާގައި ބައިވެރިވާން ވަރަށް ބޭނުން. އެކަމަކު މަންމަ އުޅެނީ ވަރަށް ބަލިވެ. މުސްކުޅި ބަލި. މިހާރު އޮތީ އައިސީޔޫގައި،" ބުދަ ދުވަހު ދިން އިންޓަވިއުގައި ސޮފިއްޔާ ބުންޏެވެ.

"އެކަމަކު މަންމަގެ ހާލު ރަނގަޅުވެ އައިސީޔޫ އިން ނެރެފި ނަމަ މުޒާހަރާއަށް މާލެ ދާނަން. ޓިކެޓް ގަނެގެން މަތިން ނަމަވެސް ދާނަން."

އޭނާ ބުނީ މާލޭގައި އެމްޑީޕީ އިން ބާއްވާ މުޒާހަރާއަކަށް ކުޅުދުއްފުށިން ބަޔަކު ދާ ނަމަ އެމީހުންގެ ނަންތައް ނޯޓްކޮށް ހުރިހާ ކަމެއް ބަލަހައްޓާ މީހަކީ ވެސް އޭނާ ކަަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މާލެ ގެންގޮސް ބައިތިއްބަނީ ސޮފިއްޔާގެ ދަރިފުޅު މާލޭގައި ދިރިއުޅޭ އެޕާޓްމެންޓްގައި ކަމަށް ވެސް ބުންޏެވެ.

"އެމްޑީޕީ އިން ކުޅުދުއްފުށީގައި ކޮންމެ ކަމެއް ރޭވިޔަސް އަޅުގަނޑާ ނުލައި އެކަމެއް ކުރިއަކަށް ނުދާނެ،" ސިޔާސީ ހަރަކާތްތަކަށް ހުސްވާން ވަޒީފާ ވެސް ދޫކޮށްލި ސޮފިއްޔާ ބުންޏެވެ.

އޭނާ ބުނީ ރަށުން ފުރައިގެން އައިސް މުޒާހަރާ އަށް ހާއްސަކޮށްގެން މާލޭގައި އެންމެ ގިނަ ދުވަހު މަޑުކުރީ ނަޝީދުގެ ވެރިކަން ވެއްޓިގެން ޖެއްސި ސިލްސިލާ މުޒާހަރާތަކުގެ ދުވަސްވަރު ކަމަށެވެ.

"ކޮންމެ ރެއަކު ކޮންމެ ރެއަކު މުޒާހަރާގައި ބައިވެރިވަން،" ސޮފިއްޔާ ކިޔައިދިނެވެ.

"އަޅުގަނޑު ނަޝީދަށް ތާއީދުކުރަނީ ރައްިޔުތންނަށް އަޅާލާ، އޯގާތެރިކަމާ އެކު ރާއްޖޭގައި ވެރިކަންކޮށްދިން ހަމައެކަނި ރައީސަކީ އެ ބޭފުޅާ ކަމަށް ވާތީ. މުސްކުޅިންނާއި އަންހެނުންނާއި ނުކުޅެދޭ ކުދިން ތިބިކަން އެނގުނީ ވެސް ނަޝީދަށް."

ނައިފަރު ހަދީޖާ

އޭނާ ބުނީ "ނައިފަރު ހަދީޖާ" އޭ ބުނީމަ އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންނަށް އޭނާ އަކީ ކާކުކަން އެނގޭނެ ކަމަށެވެ. ހަތަރު ކުދިންނާ އެކު ނައިފަރުގައި ދިރިއުޅޭ ހަދީޖާ އީސާ އަކީ ވެސް އެމްޑީޕީގެ މުޒާހަރާތަކަށް ގަވާއިދުން މާލެ އަންނަ ހިތްވަރުގަދަ އަންހެނެކެވެ.

އޭނާގެ އެންމެ ދޮށީ ކުއްޖާ އަށް މިހާރު 20 އަހަރެވެ. ހަގަށް ހުރީ 12 އަހަރުގެ ކުއްޖެކެވެ.

"މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަޅައިދިން ރޯ ހައުސްއެއްގައި މި އުޅެނީ ކުދިންނާ އެކު. ކުލީގެ ގޮތުގައި 3000ރ. ދައްކައިގެން. 20 އަހަރު ދުވަހުން ހަލާސްކުރަން،" މީގެ އަހަރެއްހާ ދުވަސް ކުރިން ލިބުނު ފްލެޓާ ބެހޭ ގޮތުން ހަދީޖާ ބުންޏެވެ.

އޭނާ އަކީ އެމްޑީޕީ އުފައްދައިގެން ޕާޓީ އަށް މީހުން އެއްކުރުމަށް އަތޮޅު ތެރޭގައި ޖެއްސި ކެމްޕޭން ތެރެއިން އެމްޑީޕީ އަށް ސޮއިކުރި މީހެކެވެ.

"އެންމެ ފުރަތަމަ ނައިފަރުން ސިޔާސީ ހަރަކާތެއްގައި ނުކުތް މީހާ އަޅުގަނޑަކީ އެމްޑީޕީ އުފައްދަން،" ފޯނުން ވާހަކަ ދައްކަމުން 42 އަހަރުގެ ހަދީޖާ ކިޔައިދިނެވެ.

އޭނާ ބުނީ އެމްޑީޕީ އިން ރަށުގައި ހިނގާލުމެއް ބޭއްވިޔަސް، މުޒާހަރާއެއް ކުރިޔަސް، ކެއުމެއް ބޭއްވިޔަސް އެ ހަރަކާތެއްގެ އެންމެ ކުރީ ސަފުގައި ހުންނަނީ އަބަދުވެސް އޭނާ ކަމަށެވެ.

އާންމު ދިރިއުޅުމަށް އޭނާ ކުރާ މަސައްކަތަކީ ހިކި ހެދިކާގެ އެކި ބާވަތްތައް (އަތުޖެހި ކަހަލަ) ތައްޔާރުކޮށްގެން ވިއްކުމެވެ. އަދި އެފަދަ ތަކެތި ތައްޔާރުކުރާ މީހުންގެ ބްރޯކަރެއްގެ ގޮތުގައި ވެސް ބައެއް ފަހަރަށް މަސައްކަތްކުރާ ކަމަށް ބުންޏެވެ.

ނަޝީދަށް އެވަރަށް ސަޕޯ ޓްކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުން ހަދީޖާ ބުނީ ނަޝީދަކީ ރާއްޖޭގެ އެއް ވަނަ ކަމަށެވެ.

"މި ގައުމުގެ ވެރިކަން އެ ނޫން މީހަކަށް ނުކުރެވޭނެ އެހާ ހެޔޮގޮތަކަށް ނަޝީދަކަށް ނޫނީ،" ހަދީޖާ ބުންޏެވެ.