މޯލްޑިވްސް ޕޮލިސް ސާވިސް

އަމިއްލަ ދަރިފުޅަށް އަނިޔާކުރި ފުލުހެއްގެ މައްސަލަ ބަލަނީ

މަންމައެއް ކުޑަ ދަރިފުޅަށް އަނިޔާ ކުރި މައްސަލައެއް ބަލުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ އަންހެން ފުލުހަކު އޭނާގެ އަށް އަހަރުގެ ކުޑަ އަންހެން ދަރިފުޅަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި އަޑުފެތުރެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ކުޑަ ކުއްޖާއަށް އަނިޔާ ކުރުމުގައި، ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ އެ ކުއްޖާގެ ދޮން ބައްޕަ ވެސް ޝާމިލްވެ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ކުޑަ ކުއްޖަކަށް އެކުއްޖާގެ މަންމަ އަނިޔާކުރި ކަމުގެ މައްސަލައެއް ރޭ މެންދަމު 12:05 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކުއްޖާގެ މަންމައާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެެއް ނުވެ އެވެ. އަދި މީހަކު ހައްޔަރުކޮށްފައިވާ ކަމެއްވެސް ފުލުހުން ނުބުނެ އެވެ.

ނ. ވެލިދޫގައި ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް މިމަހުގެ 15 ގައި ވަނީ ފެންމަތިވެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް، ކުއްޖާގެ މަންމަ ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި މީގެ ކުރީންވެސް އެފަދަ މައްސަލައެއްގައި އެ އަންހެން މީހާގެ ދަރިއަކު ދައުލަތަށް ނަގާފައިވާ ކަމަށް އެނގިފައިވެ އެވެ.

ވެލިދޫގެ މައްސަލައާ ގުޅިގެން ވެސް ފުލުހުން ތަފްސީލެއް ނުދެ އެވެ.