އެމްޑީޕީ

އިސްލާމް ޓީޗަރުން ހަރުކަށި ފިކުރަށް ކުދިން ލަންބުވާ: އެމްޑީޕީ

ބައެއް ސްކޫލުތަކުގައި ކިޔަވައިދޭ އިސްލާމް ޓީޗަރުން ހަރުކަށި ފިކުރުގެ މައުލޫމާތު ދަރިވަރުންނާ ހިއްސާ ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެމްޑީޕީގެ މެއި ހައެއް ކޮމެޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ ކަންކަން ދާގޮތް ބަލަން އުފައްދާފައިވާ ކޮމެޓީން މިހެން ބުނެފައިވަނީ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.

ގައުމީ މަޖިލީހުގައި އެ ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. ހާއްސަކޮށް ސުކޫލު ދަރިވަރުންނާއި ޒުވާނުން އެ ފިކުރުން ސަލާމަތް ކުރަން ޖެހޭ ކަމަށެވެ. އަފީފު ވިދާޅުވީ ބައެއް ސުކޫލުތަކުގައި ކިޔަވައިދޭ އިސްލާމް ޓީޗަރުން ހަރުކަށި ފިކުރުގެ މައުލޫމާތު ދަރިވަރުންނާއި ހިއްސާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ ބައެއް ސުކޫލުތަކުގައި އަދި ތައުލީމުދޭ ބައެއް މަރުކަޒުތަކުގައި އިސްލާމް ޓީޗަރުން ގޮތުގައި މިދާ ފަރާތްތަކުން ދަރިވަރުންނަށް ދޭ މައުލޫމާތަކީ މި ދެންނެވި މަގަށް [ހަރުކަށި ފިކުރު] އެކުދިން އެނބުރިދާނެ މައުލޫމާތުތަކެއް ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދޭތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ސުކޫލު ދައުރުގައި އިސްލާމް ޓީޗަރުންނަށް ފޮނުވާ ފަރާތަކީ މިދެންނެވި ފަދަ ހަރުކަށި ފިކުރުގެ ނޫން ބަޔަކަށްވުން،"

އަފީފު ވިދާޅުވީ މި ކަންބޮޑުވުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއެކު ބޭއްވެވި ބައްދަލްވުމުގައި ވެސް ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި އެކަންބޮޑުވުންތަކާއި ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ކަމަށް މިނިސްޓަރު ވެސް ވިދާޅުވިއެވެ.

ބައެއް ސުކޫލުތަކުގައި ކިޔަވައިދޭ އިސްލާމް ޓީޗަރުން ހަރުކަށި ފިކުރުގެ މައުލޫމާތު ދަރިވަރުންނާއި ހިއްސާ ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެމްޑީޕީގެ މެއި ހައެއް ކޮމެޓީން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ފަހަކަށް އައިސް ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ހަރުކަށި ފިކުރަށް ވަރަށް ތާއީދު ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ ކޮމެޓީން ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންގެ ވާހަކާގައި މިހާރަކަށް އައިސް އަޅުގަނޑުމެންނަށް ދިމާވާ ބައެއް މައްސަލަތަކުގެ ވާހަކަ އަޅުގަނޑުމެން ފާހަގަ ކުރިން. އެ ގޮތުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުން މިހާރަކަށް އައިސް ވަރަށް ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ފާހަގަ ކުރެވޭ ކަމަށް އަޅުގަނޑުމެން އެ ބޭފުޅުންނަށް ދެންނެވިން. އަދި މިކަމާމެދު އެޗްއާރުސީއެމް އިން އެއްވެސް ކަމެއް ކުރެވިދާނެތޯ އަޅުގަނޑުމެން ސުވާލު ކުރިން. ޖަވާބުގައި ވިދާޅުވީ އެ މަސައްކަތަކީ އެހެންވެސް މުއައްސަސާތަކާއެކު ކުރަންޖެހޭ މަސައްކަތެއް ކަމަށް. މީގެ ތެރޭގައި ޔުނިވާސިޓީގައި ކިޔަވައިދޭ ޓޮޕިކްތަކާއި ކުރެވޭ މަޝްވަރާތައް ބަލަން ޖެހޭ ކަމަށް،" ޖުލައި ފުރަތަމަ ދުވަހުގެ ރޭ އޮތް ބައްދަލްވުމުގައި އަފީފު ވިދާޅުވި އެވެ.

އަފީފުގެ އެ ވާހަކަތައް ގައުމީ ޔުނިވާސިޓީން ވަނީ ދޮގު ކޮށްފަ އެވެ.