(17 އޯގަސްޓް 2021 އާ ގުޅޭ)
"ބުނާނަމޭ..." އީހާނުގެ މޭގައި އަޅާ ކޮށްޕާލަމުން ނީރާ ބުނެލިއެވެ. އަދި ދޮރު ހުޅުވާލާފައި އޭނާ ނުކުތެވެ. ކަންބޮޑުވެފައި ހުރެ އީހާނަށް ވެސް ކޮޓަރިން ނުކުމެވުނެވެ.
ފަޅަށް އޮތް ސިޓިންރޫމު ފެނި ނީރާ ހުއްޓުނެވެ. އެނބުރިލިއިރު ފަހަތުގައި ޖެހޭނުޖެހޭހާ ގާތުގައި އީހާން ހުއްޓެވެ. އައިސްފަ ހުރި ރުޅިއާއި ވީފޫހިން ހަލުވިކޮށް ނީރާ އައިސް ވަނީ ކޮޓަރިއަށެވެ. ދޮރުލައްޕާލުމާއެކު ތަޅުލައިފިއެވެ. ހަރަކާތެއްނުކޮށް ދޮރުފަތުގައި ލެނގިލައިގެން ނީރާއަށް ހުރެވުނެވެ. އީހާން ދެއްކި ވާހަކައާ މެދު އޭނާއަށް ވިސްނެނީއެވެ. އެ ހުރިހާ ވާހަކައެއް ދެއްކީ އީހާނުކަމާމެދު ޔަގީން ކުރަން ނީރާގެ ޟަމީރަށް އުނދަގޫވިއެވެ. އެހެންވިޔަސް އީހާނުގެ ދުލުން ބޭރުކޮށްލި ކޮންމެ ލަފުޒަކުން ނީރާގެ ހިތް ޒަހަމް ވެއްޖެއެވެ. އެ ހިތި އިހްސާސްތައް ދޮގެއް ނުކުރެވޭނެއެވެ. ނީރާގެ ހިތުގައި ޖެހޭވަރުކަމެއް ދުވަހަކުވެސް ނުކުރާނޭ މީހަކީ ހަމައެކަނި އީހާނު ކަމުގައި ގަބޫލުކޮށްގެން ހުއްޓާ މިވީ ކިހިނެއް ހެއްޔެވެ. އެންމެ ރަނގަޅަށް ނީރާ އެނގޭނެ މީހަކީ ވެސް އީހާނެވެ. ނީރާގެ ދިރިއުޅުމުގެ ސިއްރުތަކާއި އޭނާ ބަލިކޮށްލެވޭނީ ކިހިނެއްކަން އީހާން ނޫން ދެވަނަ މީހަކަށް ނޭނގޭނެއެވެ. އެންމެ ކައިރީގަ ހުރެފައި އޭނާގެ މުށުގެ ތެރެއަށްލާ ގައިދުކުރަން އެ ގަސްދުކުރީ ނީރާގެ ހިތެވެ. އެވެސް އެ ހިތަށް ލޯބި ދަސްވެ އެހެން ފަރާތަކަށް ހިތް ދޫވީ ފަހުންނެވެ.
"ލައިޒަލް..." މަޑު އާހެއް ފަދައިން ނީރާގެ އަނގައިން ނުކުތެވެ.
ފޯނު ނަގާ އަވަސްއަވަހަށް ލައިޒަލްއަށް ގުޅިއެވެ. މިވަގުތު ނީރާ އެދެނީ ލައިޒަލްގެ ގާތުގައި ވުމަށެވެ. އެހެންނަމަވެސް ލައިޒަލް އެގޮތް ބޭނުންނުވާ ކަހަލައެވެ. ފޯނުކޯލަށް ލައިޒަލް ޖަވާބެއް ނުދިނެވެ. ނީރާ އެތައް މެސެޖެއް ކުރުމުން ވެސް ލައިޒަލްގެ އިޝާރާތެއް ނުވިއެވެ. ނީރާދެކެ ނުރުހުންވެއްޖެނަމަ ލައިޒަލް ކަންތައް ކުރާ ގޮތްކަން އެއީ އެނގެއެވެ. އެކަމަކު އެގޮތް ނީރާއަށް ކަމަކު ނުދެއެވެ. ވާހަކަނުދައްކާނަމަ ދެމެދުގައި މައްސަލަ ހައްލުކުރާނީ ކިހިނެއް ހެއްޔެވެ.
ވަރުބަލިވެގެން އެނދުގައި ނީރާ އޮށޯވެލިއެވެ. ދެ ލޯ ފުރި ބަންޑުންވަމުން އައި ހިނދު ހިތުގެ އެންމެ އަޑިން އޭނާ މަންމައަށް ގޮވާލިއެވެ. މަރާލެވުނު ލޯ ކުރިމަތިން ސިފަވީ ލަމްހާއެވެ. އެއާއެކު ވަގުތުން އޭނާ ލޯ ހުޅުވާލިއެވެ. ހިތުގައިޖެހިފައިވާ ހާލު ގިސްލެވި ނީރާގެ ރުއިން ގަދަވިއެވެ. އޭނާ އުފަންކުރި މަންމަގެ ސޫރަ ވެސް ހަނދާން ނެތުނީތޯ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ. އެހާ ކުޑައިރު އެހެން ބައެއްގެ ތެރެއަށް އޭނާ ދޫކޮށްލީ ހަމަ އެ މަންމައެވެ. އެކަމަކު ކީއްވެ ހެއްޔެވެ. އޭނާ ބޮޑުވާން ޖެހުނީ އެހެން މީހެއްގެ ފަސްބައިގަ ހިފައިގެން، އެހެން މީހަކަށް މަންމަ ކިޔައިގެންނެވެ. މި ދުނިޔެއަށް އޭނާ އުފަންކުރި މަންމައަށްވުރެ އޭނާގެ މައްޗަށް ހެޔޮލަފާ މައެއްކަމުގައި ލަމްހާ ވިއެވެ. މީހެއްގެ އެހީތެރިކަމާނުލާ ނޫޅެވޭ އުމުރުގައި ލަމްހާގެ އަތްމައްޗަށް އޭނާވަނީ ދޫކޮށްލާފައެވެ. އެ މަންމަ އޭނާ ވެއްޓޭކޮންމެފަހަރަކު ނަގައި އުރާލިއެވެ. ރޯންފަށައިފިނަމަ އެ ދެ ލޯ ފުހެލަ ދިނުމަށް އަވަސްވިއެވެ. ބިރުން އުޅޭނަމަ އެ މޭގައި ފޮރުވާލައި ހިމާޔަތް ދިނެވެ. ބަދަލުގައި އެއްވެސް އެއްޗެއް ނޭދެއެވެ. މަޔަކަށް ދެވޭނެ ހުރިހާ އުފަލެއް ނީރާއަށް ލިބުނެވެ. ކުނޑިފުކެއްހާ މިންވަރު ވެސް އުނިވުމެއް ނެތިއެވެ. މަންމަ ކޮށްދޭ ޚިދުމަތުގެ އަގަކީ ދަރިއަކަށް ދުވަހަކުވެސް އަދާނުކުރެވޭނެ އެއްޗެއްކަން ނީރާއަށް ވެސް އެނގެއެވެ. އެ މަންމަ މަޑުކުރީ މިދުވަސް ދުށުމަށް ހެއްޔެވެ. ކޮށްދިން ހުރިހާކަމެއްގެ ބަދަލު ދޭން ބުނަން އެނގުނީ މިފަދައިން ހެއްޔެވެ. ޔަގީނުން ވެސް އެ މަންމަ އުފަންކުރި ދަރިއެއްކަމުގައި ނީރާ ނުވެއެވެ. އީހާނަށްވުރެ ލަމްހާ ލޯބިވެޔޭ ހީވިޔަސް އަމިއްލަ ދަރިއަށްވުރެ ދުރުހިލޭ މީހެއްގެ ދަރިއަކު އެއްވެސް މަޔަކު އިސްކުރާނެ ހެއްޔެވެ. ފުރާނައަށްވުރެ ލޯބިވާކަން އެނގޭއިރު، އެ މަންމަގެ ހިތުގެ އެދުން ނީރާގެ ގާތުގައި ފާޅުނުކުރީ ކީއްވެބާއެވެ. މިހެންވެދާނޭކަން އެނގޭތީ ހެއްޔެވެ. އީހާން މެދުވެރިކޮށް އިއްވުމުން ނީރާ ރުހޭނޭ ހީކުރެވޭތީ ހެއްޔެވެ. ހާސްކަމުގައި ގޮތެއް ނުނިންމި ނީރާގެ ރުއިންވީ ބާރެވެ. އޭނާ އެނދުން ތެދުވިއެވެ. އަލަމާރި ކައިރީ ހުރި ކަބަޑުގެ ކުރިމަތީ އިށީނެވެ. އެންމެ ތިރީ ވަތްގަނޑު ހުޅުވާލުމާއެކު ހާވަން ފެށިއެވެ. އޭގެ ތެރޭގައި ހުރި ފޮތްތައް ނަގައި ފަރުވާލެއް ނެތް ފަދައިން ތަޅުން މައްޗަށް އެއްލާލައެވެ. ވަތްގަނޑުގެ އެތެރެއިން އެހެން ފޮތްތަކުގެ އަޑިން ނީރާ ނެގީ ބޯފޮތެކެވެ. ފޮތުގެ ސަފުހާތަކުން ހުޅުވަންވީ ކޮން ހިސާބެއްކަން ނީރާއަށް އެނގުނެވެ. އެ ފޮތަކީ އެކި ހަނދާންތައް ރައްކާކުރުމަށް ފުރާވަރުގައި ނީރާ ހަދައިގެން ގެންގުޅުނު ފޮތެކެވެ. ހުޅުވާލުމާއެކު ޓޭޕްކޮޅަކުން ސަފުހާގައި ހަރުކޮށްފައިވާ ދެ ފޮޓޯ ފޮތުން ފެނުނެވެ. ކޮންމެ ފޮޓޯއެއްގެ ކައިރީގަ ނީރާގެ އަތުލިޔުމުން އެއީ ކޮންބައެއްކަން ލިޔެފައި ހުއްޓެވެ. އަންހެނަކު އެކަނި ހުރި ފޮޓޯގެ ކައިރީގަ ނަސްރާގެ ނަން ލިޔެފައިވާއިރު އެއީ ނީރާ އުފަންކުރި މަންމަކަން ލިޔެފައި ވިއެވެ. އަދި އޭގެ ތިރީގައިވި ފޮޓޯގައި ތުއްތު ނީރާއާއެކު ހުރި ފިރިހެނަކީ އޭނާގެ ބައްޕަ، ރިޔާޒު ކަމުގައި ލިޔެފައި ވިއެވެ. މައިންބަފައިންގެ ހަނދާނަކަށް އޭނާގެ އަތުގައި އޮތް އެއްޗަކީ އެއީއެވެ. ފޮތް ގެނެސް މޭގައި ޖައްސާލުމާއެކު ބާރުކޮށްލީ އެމީހުންގެ އިހްސާސް ކުރެވެން ނީރާ ބޭނުންވެފައި އިންވަރުންނެވެ. މިއަދު އެ މައިންބަފައިންނަށް ނީރާ ވަނީ ނުހަނު ބޭނުންވެފައެވެ. ގެއްލެމުންއައި ހިތްވަރު އެމީހުން ދޭނެނަމައޭ ނީރާގެ ހިތް އެދެމުންދިޔައެވެ.
ވަގުތައް ދިޔައީ ކިހިނެއްކަމެއް ނީރާއަކަށް ނޭނގެއެވެ. ލޯ މެރިފައި ލޯ ހުޅުވާލެވުނު އިރު ރޭގެ ވަގުތައް ނިމުމަކަށް އައިސް ފަތިސް ވެއްޖެއެވެ. ގިސްލުމާއި ރުއިމުގެ ވަރުބަލިކަމުގައި އޭނާގެ ދެ ލޯ މެރުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ހުޅުވާފައި އޮތް ފޮތް ކައިރީގަ އޮތްއިރު ނީރާއަށް އޮވެވުނީ ތަޅުންމަތީއެވެ. މަޑުމަޑުން ތެދުވި ގޮތަށް ކައިރީގަ އޮތް ފޮތް ނީރާ ނެގިއެވެ. ފުން ނަޒަރަކުން އެ ފޮތަށް ބަލަން އިނުމަށްފަހު ލައްޕާލިއެވެ. ދެން އޭނާ ތެދުވެ ފާޚާނާއަށް ވަނެވެ. ފެންވަރައިގެން ނުކުމެ ތައްޔާރުވިއެވެ. ފޯނު ނަގައި ގަޑި ބަލާލިއެވެ. ފަސްގަޑި ބައިވާން އުޅެނީއެވެ. އެހެންވިޔަސް ވަގުތަށް ނުބަލާ ލައިޒަލްއަށް ނީރާ ގުޅިއެވެ. އަތްދަބަސް ހިފައިގެން ކޮޓަރިން ނީރާ ނުކުތްއިރު ގޭތެރެއިން އެކަކުވެސް ފެންނާކަށް ނެތެވެ. ކޮޓަރި ތަޅުލާފައި ނީރާ ގެއިން ނުކުމެ އެޕާޓްމެންޓުގެ ދޮރު ވެސް ތަޅުލިއެވެ.
އިމާރާތުން ބޭރަށް ނުކުމެވުނު ހިނދު ނީރާ ހުއްޓިލިއެވެ. އަނދިރިކަން ވެރިވެފައި އޮތްއިރު ފަޒާގައިވަނީ ތަފާތު ތެތްފިނިކަމެއް ހަރުލާފައެވެ. ވިއްސާރަވާން އުޅޭކަމުގެ އަލާމާތެއް ކަހަލައެވެ. ޖެހެމުންދިޔަ ރޯޅި ބާރެވެ. އެއްފަރާތުގައި ހުރި ސެކިއުރިޓީ ޕޯސްޓުގެ ކުޑަދޮރު ހުޅުވާލައިގެން ބޭރަށް ބޯދީގެން ގާޑު މީހާ ހުރީ ސިނގިރޭޓެއް ބޯށެވެ. އޭނާއަށް ނީރާ ފެނުމުން ހަރަކާތްތައް މަޑުޖެހުނުތަން ދުށްޓެވެ. އެކަމަށް ފަރުވާލެއްނެތި ނީރާ ހިނގައިގަތީއެވެ. އެވަގުތަށް ވަކި މަންޒިލެއް ނެތް ކަހަލައެވެ. ފޯނު ކަންފަތާއި ކައިރިކޮށްލައިގެން ހުރެއެވެ.
ބެލްކަނީގައި ހުރެފައި އެތެރެއަށް ލައިޒަލް ވަނެވެ. ފޯނުނަގައި ބަލާލިއެވެ. ނީރާގެ ކޯލުތަކާއި މެސެޖުތައް ފުނިޖެހިފައި ވެއެވެ. ހުރިހާ މެސެޖެއް ކިޔުމުގެ ކުރީން އެންމެ ފަހުން ނީރާ ފޮނުވާފައި އޮތް މެސެޖު ލައިޒަލްގެ ސަމާލުކަން ހޯދިއެވެ. މެސެޖު ކިޔާލުމާއެކު ލައިޒަލްއަށް ބަލާލެވުނީ ބެލްކަންޏާ ދިމާއަށެވެ. ހަލުވިކޮށް އައިސް އިހު ލައްޕާލި ބެލްކަނީގެ ދޮރު ހުޅުވާލުމާއެކު ބޭރަށް ލައިޒަލް ނުކުތެވެ. އުޑުމައްޗަށް އޭނާ ބަލާލިއެވެ. އެއާއެކު ގަޔާނުވިކަމުގެ އަޑެއް ލައްވާލިއެވެ. ނީރާއަށް ވަގުތުން ގުޅިއެވެ. ނަމަވެސް ގުޅޭ ގޮތެއް ނުވިއެވެ. ދެފަހަރަކު މަސައްކަތް ކޮށްލިއެވެ. ނީރާގެ ފޯނު ނިއްވާލާފަކަން އެނގުމުން ލައިޒަލް ހިތްހަމަނުޖެހުނެވެ. އެނބުރި ކޮޓަރިއަށް ވަދެ އެނދުގައި އޭނާ އިށީނެވެ. ނީރާއާ މެދު ވިސްނިއެވެ. އޭނާ ފޮނުވާފައި ދެން ހުރި މެސެޖުތައް ލައިޒަލް ކިޔަންފެށިއެވެ.
"ޝީ އިޒް ކްރައިން..." މެސެޖުތައް ކިޔަމުންދިޔައިރު ލައިޒަލްއަށް ނީރާ ރޮމުން ފޮނުވާފައި ހުރި މެސެޖުކަން ބުނަން އެނގުނެވެ. އޭނާއަށް ތުންފިއްތާލެވުނެވެ.
ވާރޭ އޮއްސާލި އަޑާއެކު ލައިޒަލް ސިހުނެވެ. ހާސްވެ ކަންބޮޑުވުމުގެ އަސަރު ލައިޒަލްގެ މޫނުން ފާޅުވިއެވެ. އޭނާ ފުންމައިގެން ތެދުވިގޮތަށް ހެދުން ލާން ފެށިއެވެ. ޖިންސަކާއި ޓީޝާޓެއް ލައިގެން ކާރުގެ ތަޅުދަނޑި ހިފައިގެން އަވަހަށް ކޮޓަރިން ނުކުތެވެ. އެވަގުތު ކޮފީތަށި ހިފައިގެން ބަދިގެއިން ނުކުމެގެން އަންނަ ހަމްދާނާ ދިމާވިއެވެ.
"ވާރޭ ވެހޭ..." ހަމްދާނު ބުނެލިއެވެ. ލައިޒަލް ބޯޖަހާލި ގޮތުން އޭނާއަށް އެނގެޔޭ ބުނި ކަހަލައެވެ. ވާހަކަދެއްކުމެއްނެތި އޭނާ ގެއިން ނުކުތްތަން ބަލަން ހަމްދާނު ހުއްޓެވެ.
"ލައިޒަލްތަ އެ ދިޔައީ؟" ހަމްދާނަށް އިވުނީ ފިރާގުގެ އަޑެވެ.
"ލައްބަ." ހަމްދާނު ނިކަން އަވަހަށް ބުންޏެވެ.
"ނަމާދަށް ހޭލެވުނު ކަމަށް ނުހަދާ، މިހާ ހެނދުނާ ކޮންތާކަށް އެދިޔައީ؟" ސޯފާތަކާ ދިމާއަށް އައި ފިރާގު ވާހަކަދެއްކިއެވެ.
"ނޭނގެ." ހަމްދާނުގެ ޖަވާބު ކުރެވެ. އޭނާއަކަށް ވެސް ލައިޒަލް އުޅޭނޫޅޭ ގޮތެއް ނޭނގެއެވެ. އަންހެންކުއްޖެއްގެ ކަމެއްގައި ލައިޒަލް އުޅޭހެން ހަމްދާނަށް އޮތީ ޝައްކެއްވެފައެވެ. އެކަމަކު ލައިޒަލްގެ އުޅުމާއި ތަބީޢަތް ހުންނަ ގޮތުން އެކަން ޔަގީނެއް ނުވެއެވެ. އެފަދަ ވާހަކައެއް ފިރާގު ގާތުގައި ބުނުމުގެ ވިސްނުމެއް ހަމްދާނުގެ ނެތެވެ. ލައިޒަލްއަކީ ފީކަޅާ އުޅުމެއް އުޅޭ ޒުވާނެއްނޫންކަން ވަރަށް ރަނގަޅަށް ހަމްދާނަށް އެނގޭތީއެވެ. ޒާތީކަންކަން ހާމަކުރުމުގެ އިހްތިޔާރު އޮންނަންވާނީ އެމީހަކަށްކަން ގަބޫލުކުރާތީއެވެ. ލައިޒަލް ހާމަކުރަން ބޭނުންވެއްޖެކަމެއް އޭނާ ބުނާނޭކަން ޔަގީނެވެ.
ދުރުން ލައިޒަލްގެ ލޮލުގައި އަސްކަނިދަށުގައި ހުރި ނީރާ އަޅައިގަތެވެ. އެ ހަނި އަސްކަނިގެ ދަށުގައި ހުރިއިރު ވާރޭގެ ހަމަލާތަކުން ނީރާ ނުތެމި ސަލާމަތެއް ނުވެއެވެ. އެހެންވިޔަސް އޭނާ މަގުގެ ދެކޮޅު ހޯދާއިރު އެ ވާރޭއަށްވުރެ އޭނާގެ ސަމާލުކަން އެހެން ކަމަކަށް ދެވިފައިވާކަން ޔަގީނެވެ. އެ ކެތްތެރިކަންކުޑަ އަސަރުތައް ލައިޒަލްގެ ހިތަށް ތަދުކުރިއެވެ. އަވަހަށް ކާރު ޕާކުކުރާނޭ ދިމާއެއް އޭނާ ހޯދިއެވެ. ލައިޒަލް ހޯދަމުން ނީރާ އައިސް އެ ހުރީ ހަމައެކަނި އޭނާއަށް އެނގޭ ތަނަށެވެ. ދެމީހުން ބައްދަލުކުރާ އެޕާޓްމެންޓް ހުންނަ އިމާރާތުގެ ކައިރިއަށެވެ. ލައިޒަލް ކާރުން ފައިބައިގެން ދުއްވައިގަތެވެ. ނީރާގެ ކައިރީ މަޑުކޮށްލުމާއެކު އެ މޫނަށް ލައިޒަލް ބަލާލީ ފަރުވާތެރިކަމާއެކުއެވެ. ރޮއެރޮއެ ރަތްވެފައި މޫނާއި ކަރުނައިގެ ތެތްކަންވީ ދެ ލޯ ލައިޒަލްއާ ނީރާ އަމާޒުކޮށްލިއެވެ.
"އަހަރެން ނައިނަމަ..." ލައިޒަލް ބުނެލިއެވެ.
"އަ... އައި ވިލް... ވެއިޓް..." ކުރެހިފައިވާ އަޑުން ނީރާ ބުނެލިއެވެ. އަދި ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތުން ތިރިއަށް ދެމިގަތުމުގެ މާކުރީން އަވަސްއަވަހަށް އަތުގެ ނުފުށުން ނީރާ ފުހެލިއެވެ. ނީރާގެ ހާލު ފެނި ލައިޒަލްގެ ހިތް ރޯލިއެވެ.
"ލުކް އެޓް ޔޫ..." ލައިޒަލް ބުންޏެވެ.
"ސޮރީ..." ގިސްގެ އަޑުގެ ތެރެއިން ނީރާއަށް ބުނެވުނެވެ. އޭނާ ވަގުތުން އިސްޖަހާލުމާއެކު މޫނުގައި ދެއަތް އެޅިއެވެ. އަވަސްއަވަހަށް ދެއަތުން ދެ ލޯ ފުހެންފެށިއެވެ. އެ އަތުގައި ލައިޒަލް ހިފެހެއްޓިއެވެ.
"ކަމް ހިއާ..." ނީރާގެ އަތަށް ދަމާލުމާއެކު ގެނެސް ލައިޒަލްގެ މޭގައި ފޮރުވާލިއެވެ. ކެތްތެރިކަން ގެއްލި ނީރާއަށް ބާރަށް ރޮވިއްޖެއެވެ. ދެއަތުގެ ތެރެއަށް ލައިޒަލްގެ ގަމީސް ބޮނޑިކޮށްލެވުމާއެކު ވަކިން ބޮޑަށް އެ މޭގައި މޫނު ފޮރުވާލެވުނެވެ. ޒަމާނީ ތަޅުން ތަޅުލާފައި ހުންނަ ދޮރޯށި ހުޅުވާލުމާއެކު ނީރާ ގޮވައިގެން ލައިޒަލް އެތެރެއަށް ވަނެވެ.
އެޕާޓްމެންޓަށް ވަނުމުން ވެސް ލައިޒަލްގެ ގައިން ނީރާ ދޫކޮށެއް ނުލިއެވެ. އޭނާގެ ރުއިމަކަށް ބަދަލެއް ވެސް ނައެވެ. ސޯފާގައި އިށީނދެ ލައިޒަލްގެ އުނގުގައި ނީރާ ބޭންދިއެވެ. ލޯބިން ނީރާގެ ނިތްކުރީގައި ލައިޒަލް ބޮސްދިނެވެ. ނުރޮއެ ހުއްޓާލުމަށް ލައިޒަލް އެދުނެވެ. ނަމަވެސް އޭނާގެ ކޮނޑާ ދިމާއިން ކަރުދޮށުގައި ނީރާ މޫނުފޮރުވާލަމުން ދެއަތް ވަށާލީއެވެ. ނީރާ ހަމައަކަށް އެޅޭން ވަގުތުދީގެން ލައިޒަލް އިނެވެ.
"ފޯނުކޮބާ؟" ނީރާގެ ރުއިން ހުއްޓުނުތާ އިރުކޮޅެއް ފަހުން ލައިޒަލް އަހާލިއެވެ.
"ނިވުނީ. ޗާޖުނެތިގެން." އަތްދަބަހުގެ ތެރެއިން ފޯނު ނަގާ ލައިޒަލްއަށް ނީރާ ދައްކާލިއެވެ.
"ވަޓް ޑޫ ޔޫ ވޯންޓް؟" ލައިޒަލްގެ މޫނުގައި ނީރާ އަތްލުމާއެކު އޭނާ ބުންޏެވެ. އެ އަޑުގައި ގާތްކަމެއް ނެތްކަން ނީރާއަށް އިހްސާސް ކުރެވުނެވެ. އެހެންވިޔަސް ލައިޒަލްގެ ލޮލަށް ގެއްލިފައި ނީރާ އިނެވެ. އެންމެ ފުރަތަމަ ލައިޒަލްއާ ބައްދަލުވީ ދުވަހު ވެސް ނީރާއަށް ފާހަގަކުރެވުނީ އެ ދެ ލޮލެވެ. އާންމު ދިވެހީންގެ ތެރެއިން ނުފެންނަ ފަދަ ތަފާތު ދެ ކަޅިއެވެ. ނީރާ މޫނު ކައިރިކޮށްލަން އުޅުނު ހިނދު ލައިޒަލް ހުއްޓުވިއެވެ. އޭނާގެ އުނގުން ނީރާއަށް ފައިބަން ޖެހުނީ ލައިޒަލް ކޮޅަށް ތެދުވީމައެވެ.
"އައި ވޯންޓް ޔޫ." ނީރާ ހިފާލީ ލައިޒަލްގެ ކަނާއަތުގައެވެ. ދެއަތުންނެވެ. އެ އަތްތިލަ އުފުލާލުމާއެކު ގެނެސް ނީރާގެ މޭގައި ޖައްސާލިއެވެ. ކެތްތެރިކަމާއެކު ނީރާ ބަލަން ހުރީ ލައިޒަލް ޖަވާބުދޭނެ އިރަކަށެވެ. އުންމީދު ފުނޑުފުނޑުވީ ހިމޭންކަން ދިގުލާން ފެށީމައެވެ.
"ވަޓް ޑޫ ޔޫ ވޯންޓް؟" ދެވަނަ ފަހަރަށް ލައިޒަލް އިހު ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. ލައިޒަލް ބޭނުންވަނީ ކޮންކަމެއްކަމާމެދު ނީރާ ސުވާލު އުފެދުނެވެ.
"ލައިޒަލް ބުނެބާ. އަހަރެން ކިހިނެއް ހަދަންވީ؟" ނީރާ ބުންޏެވެ. އޭނާގެ އެ ސުވާލާމެދު ލައިޒަލް ގަޔާނުވިކަން ޔަގީނެވެ. އެކަން އެ މޫނުން ނީރާ ދުށްޓެވެ.
"ކީއްކުރަން އަހަރެން ބުނަންވީ." ލައިޒަލް ރައްދުދިނެވެ.
ނީރާ މާޔޫސްވިއެވެ. އެތައް ސުވާލެއް ހިތުގައި އުފެދި ކުރިއަށްވުރެ އޭނާ ބޯހާސްވެއްޖެއެވެ. ލައިޒަލް އެގޮތަށް ވާހަކަދައްކާކަށް ނީރާގެ ހިތެއް ނޭދެއެވެ. އޭނާ ނީރާދެކެ ލޯބިނުވަނީ ބާއެވެ. އެހާ އަސަރެއްނެތް ފޫހިކަމާއެކު ވާހަކަދައްކަނީ އެހެންވެގެންބާއެވެ. މަޑުމަޑުން ފަހަތަށް ޖެހިލެވުމާއެކު ސޯފާގައި ނީރާ އިށީނެވެ. ލައިޒަލްއަށް އެއްވެސް ކަމެއް ސިއްރުކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އޭނާ ފޮރުވަންޖެހޭ އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ އަބުރާއި އިއްޒަތެވެ. އެ ހަށިގަނޑު ކަޝްފުވީ ދުވަހުން ފެށިގެން ލައިޒަލްގެ ކުރިމަތީ އޭނާގެ ހުރިހާ އެއްޗެއް ހާމަވެއްޖެކަން އެނގެއެވެ. އެހެންވިޔަސް ހަޔާތުން ކިޔާނުދެވި ހުރި ވާހަކަތައް އޭނާ ކިޔައިދޭން ފެށިއެވެ.
"އެމީހުންނަކީ އަހަރެންގެ ހަމައެކަނި އާއިލާ. ހަނދާން ހުންނަން ފެށީއްސުރެ އަހަރެން ގެންގުޅުނީ އީހާންގެ މަންމަ. އަހަރެން އުފަންވީ ލާމު ގަމަށް، މައިންބަފައިން ދުނިޔެއަކުނެތް، މާލެ ބަދަލުވީ ފަހުން ދުވަހަކުވެސް ރަށަކަށް ނުދަން. މަންމަ އެއްގޮތަކަށް ވެސް ގަބޫލުކަމެއްނޫން އެއީ. ކީއްވެކަމެއް އަހަންނަކަށް ނޭނގެ. ކުޑަކުޑައިރުއްސުރެ އަހަންނާއި އީހާނު އުޅުނީ އެކުގައި. އަހަރެމެން ދެމެދުގައި އޮތް ގާތްކަން ހާއްސަވީ އެހެންވެ. އާއިލާއަށްވީމަ... އޭނާ ދުވަހަކުވެސް އެ އިން ފަހަނައެއް ނާޅާ. ވަރަށް އިތުބާރުކުރަން. ކިތަންމެ ގާތްކޮށް އުޅުނަސް އޭނާ ފިރިހެނަކު އަންހެނަކަށް އެދުންވެރިވާ ފަދަ ބީހުމަކުން ބީހިފައެއްނުވޭ. އެކަހަލަ ފުރުސަތަކަށް ނުވެސް އެދޭ... ލައިޒަލް، އޭނާ ބުނީ މަންމަ ބޭނުންވާ ގޮތޭ. އަހަންނާއި އީހާނު މެރީކުރުމަކީ މަންމަ ދުށުމަށް އެދެމުން އަންނަ ހުވަފެނެއްކަމުގައި."
"އޭނާ ރޭގައި އުޅުނު ގޮތް އެއީ ތިދެމީހުން ގޭގައި އުޅޭގޮތްތައް. އޭނާގެ އުނގަށް ނީރާ އަރާ އިންއިރު..." ލައިޒަލް ބުނަން އުޅެފައި ދަތްކުނޑިވިކާލައި ހިމޭންވީއެވެ.
"ނޫން... އަހަރެން އޭނާގެ އުނގަކަށް ނާރަން، އެނގޭ، އޭނާގެ ފައިމަތީގަ ވެސް އިށީނދެގެން ނުވާނެކަން، އެކަމަކު އެވަގުތު ހަދާނޭ ގޮތެއް ނޭނގުނީ، ރޭގަ އަހަރެން ދުށީ މީގެ ކުރީން ނުދެކޭ އީހާނެއް. އޭނާއާ މެދު އަހަރެން ދެކެމުން އައިގޮތް މުޅިން ބަދަލުވެއްޖެ. އޭނާއާ ކުރިމަތިލިޔަސް މަންމައާ ކުރިމަތިލާނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގޭ."
"އެއީ ނީރާގެ އާއިލާއެއް ނޫނޭ ތިބުނީ. ތިހާވަރުން އުޅޭން އެއީ އަސްލު މަންމައެއް ވެސް ނޫނެއްނު." ލައިޒަލް ބުނެލިއެވެ.
ނީރާގެ ދެ ލޮލުން ހިތްދަތިކަން ފާޅުވިއެވެ. އޭނާ ލައިޒަލްއަށް ބަލަން އިނެވެ. ލަމްހާއަށް އޭނާގެ ހިތުން ދެވިފައިވާ މަގާމު ލައިޒަލްއަށް ވިސްނޭނެނަމައޭ ނީރާ ހިތަށް އެރިއެވެ. އޭނާ މަސައްކަތް އެ ކުރަނީ އެ އާއިލާއާ ނީރާ ގުޅިފައިވާ މިންވަރު ލައިޒަލްއަށް ވިސްނައިދޭށެވެ. މިއަދު ފިޔަފަޅައިގެން އުދުއްސައިގަންނައިރު މިހާދުވަހު ނީރާ ރައްކާތެރިކޮށް ބެލެހެއްޓި މީހާގެ އެއްވެސް އަގެއްނެތީ ހެއްޔެވެ. އޭނާއަށް ޓަކައި ނީރާގެ ޒިންމާތަކެއް ނުވޭ ހެއްޔެވެ. އޭނާގެ ދުލުން މިހާ ދުވަހު މަންމާއޭ ގޮވަމުން އައި މީހާގެ އެދުންތަކުގައި ކޮޅުފައިން ޖަހަންވީ ހެއްޔެވެ. އަމިއްލަ އެދުން އިސްކުރަންވީ ހެއްޔެވެ. އާއިލާއެއްނެތުމަށްވުރެ މަންމައަކު ނުހުންނާނޭކަމުގެ އިހްސާސުން ނީރާގެ ހިތުގެ ރުއިން ގަދަވިއެވެ. ބޮޑުވެ މީހަކަށްވީ ދުވަހު އެ މައިމީހާގެ ލަގޮނޑި ފަޅައިގެންދާން ދޫކޮށްލާ ރަހުމެއްނެތް ދަރިއަކަށް ނީރާ ބަދަލުވާން ޖެހޭތީ ބިރުގަތެވެ.
"ލައިޒަލް..." ނީރާއަށް ކަރުނަތަކެއް ނުހިފެއްޓުނެވެ. ދޫކޮށްލާފައި ޚިޔާރުކުރަންވީ ކޮންކޮޅެއްކަމެއް ނިންމަން ދަތިވެއްޖެއެވެ. އޭނާގެ ނަފްސު ފުނޑުފުނޑުވެ ހިތްހަލާކުވާވަރަށް ލައިޒަލްދެކެ ލޯބިވެއެވެ. އަނެއްކޮޅުން އެ ލޯތްބަށްވުރެ ތިލަފަތުގައި މާތްކަން އިތުރުވެގެންވާ ލޯތްބަކަށް މަންމަދެކެ ނީރާވާ ލޯބިވެއެވެ. ހިތްހަރުކޮށް ފުރަގަސްދޭންވީ އެތަނުން ކޮން ލޯތްބަކަށް ހެއްޔެވެ.
"ބަހަނާ ނުދައްކާ ދޭ މިތަނުން... ނީރާއަށް ގޮތެއް ނުނިންމެނީސް އަހަރެންގެ ކުރިމައްޗަށް އައިސްގެން ނުވާނެ. އަހަރެން ނޫޅެން ބޭނުންވާ ގޮތް ނޭނގިގެން. ގޮތެއް ނުނިންމިގެން." ލައިޒަލް ބުނެލިއެވެ. ރޮވެމުންދިޔަ ނީރާ ދެފަރާތަށް ބޯހޫރާލިއެވެ. ލައިޒަލް ދޫކޮށްލާފައި ދާން ބޭނުންނުވާ ކަހަލައެވެ.
"ލައިޒަލް ޕްލީޒް." ނީރާގެ ހިކަނޑިމަސްގަނޑުގައި ހިފާ ކޮޅަށް ނަގަން ލައިޒަލް އުޅުނު ހިނދު އޭނާ އާދޭސްކޮށްލިއެވެ.
"އެހެންވީރު އެމީހުން ދޫކޮށްލާފަ މިތާ މަޑުކުރޭ." ކުރިމަތީގަ ހުރި ނީރާއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ލައިޒަލް ބުނެލިއެވެ. (ނުނިމޭ)