އަންނަ މަހު އިންޑިޔާގައި ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް ބޫޓާނަށް ދެކުނު އޭޝިޔާގެ ފުޓްބޯޅަ އެނގޭ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ކަރީމް ބެންޗެރިފާ ހަމަޖައްސައިފި އެވެ.
ޓީމާއެކު އޭނާ އިއްޔެ ފަރިތަކުރުންތައް ފަށާފައިވާއިރު އުމުރުން 47 އަހަރުގެ މޮރޮކޯގެ މި ކޯޗަކީ ސިންގަޕޫރުގެ ވޮރިއާސް އެފްސީގެ ހެޑްކޯޗެވެ.
އޭނާ ވަނީ މީގެ ކުރިން އިންޑިޔާގެ އެކި ޓީމުތަކަށް 2006 ވަނަ އަހަރުން ފެށިގެން މި އަހަރު ކުރީކޮޅާ ހަމައަށް ކޯޗުކޮށްދީފަ އެވެ ސިންގަޕޫރު ލީގަށް ބަދަލުވެ ވޮރިއާސް އަށް އޭއެފްސީ ކަޕުގައި ކޯޗުކޮށްދިން ނަމަވެސް އެ ޓީމު މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ކަރީމް ބެންޗެރިފާ އަކީ އިންޑިޔާގެ އައިލީގު 2011 ވަނަ އަހަރު ކާމިޔާބުކުރި ކޯޗެވެ.
އޭނާ ބޫޓާން ޓީމަށް ހަމަޖެއްސުމުން މިހާރުގެ ކޯޗު ޕެމާ ހުންނާނީ އެސިސްޓެންޓް ކޯޗަކަށެވެ.
"އަހަރެން ވަރަށް ހިތްހަމަޖެހޭ. މިއީ އަހަންނާއި ކުޅުންތެރިން ވެސް ކުރިއަރަން ލިބުނު ފުރުސަތެއް. މި ކޯޗުގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ޓެކްނިކްތަކެއް ދަސްވެގެންދާނެ. އޭނާ އަކީ ވަރަށް ތަޖުރިބާކާރު ކޯޗެއް،" ޕެމާ ބުންޏެވެ.
ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް ކުރިއަށްދާ މުބާރާތުގައި ބޫޓާން އެންމެ ފުރަތަމަ ވާދަކުރާނީ 24 ވަނަ ދުވަހު ރާއްޖެއާ އެވެ. އޭގެ ފަހުން ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝްއާ އެވެ.
މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ތިން ގައުމެވެ. އެއީ އިންޑިޔާ އާއި ނޭޕާލް އަދި ސްރީލަންކާ އެވެ. ސާކްގެ އަށް ގައުމުގެ ތެރެއިން މުބާރާތުން ވަކިވެފައިވަނީ ޕާކިސްތާނެވެ.
ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އަންވަރުލް ހައްގު މިއަދު ވިދާޅުވީ ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި މިހާތަނަށް ބާއްވަމުން އައި މުބާރާތުގައި ވާދަނުކުރާނެކަން ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އިއްޔެ އަންގާފައިވާ ކަމަށާއި ނަމަވެސް ސަބަބެއް ނޭނގޭ ކަމަށެވެ.
"އަހަންނަށް އިއްޔެ ވަނީ ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ފަރާތުން އީމެއިލްއެއް ލިބިފައި. އޭގައި ބުނެފައިވަނީ ޕާކިސްތާން މުބާރާތުން ވަކިވި ވާހަކަ،" އަންވަރުލް ހައްގު ވިދާޅުވި އެވެ.