އެފްއޭއެމްގެ ތިންވަަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކްލަބް އޮންލީ ވަން އޮޕަޗިއުނިޓީ (އޯވަންއޯ) ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެފްއޭއެމް ޓާފް އެކެއްގައި ކުޅުނު މި މެޗުން ބުރު މޮޅުވީ 7-1 ގެ ބޮޑު ތަފާތަކުންނެވެ.
މޮޅު ކުޅުމަކާއެކު ބުރުން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު އިރު އެޓީމުން ވަނީ ފުރަަތަމަ ހާފުގައި ތިން ލަނޑު ޖަހާފަ އެވެ. މެޗުގެ ހަތަރު ވަަނަ މިނެޓުގައި ބުރުގެ ބިދޭސީ ޑިފެންޑަރު ރޯމަން ކުޑްޗެންކޯ ކާމިޔާބު ކޮށްދިން ލަނޑުން ބުރު ވަނީ މެޗުގެ ލީޑު ނަގައި ހަަމަޖެހިލާފަ އެވެ. ފުރަތަމަ ހާފުގައި ބުރުންޖެހި އަނެއް ދެ ގޯލު ކާމިޔާބު ކޮށްދިނީ ފޯވާޑް އަބްދުﷲ ޝާފިއު އާއި މުހައްމަދު ތަސްނީމް އެެވެ. އޭނާ ވަނީ މި މެޗުގައި ދެގޯލު ޖަހާފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އޯވަންއޯ އިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އޯވަންއޯ އަށް މިލަނޑު ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވާޑް ގޮޑްފްރޭ ވެސްޓް އޮމޮޑޫ އެވެ.
ނަަމަވެސް ދެވަނަ ހާފުގައި ބުރުން ވަނީ އިތުރު ހަތަރު ގޯލު ޖަހައި ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. ދެވަނަ ހާފުގައި ބުރު ޓީމަށް ގޯލުތައް ޖަހައިދިނީ ތަސްމީންގެ އިތުރުން އިބްރާހިމް މުބީން، އިލިއާ ސޮބޮލް އަދި މުހައްމަދު އަތީފް އެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ބުރު ވާދަކުރަން ޖެހޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާ އެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ބިސްބުރު ސްޕޯޓްސް ކްލަބާއި ލިޓިލް ޓައުން ސްޕޯޓްސް ކްލަބް އެވެ. މި މެޗު އޮންނަނީ މިރޭ 8:30 ގައި އެފްއޭއެމް ޓާފް އެކެއްގަ އެވެ.