ދުނިޔެވީ ޢަމަލެއްގެ ތެރޭގައި، އާމްދަނީއެއް ހޯދުމުގެ މަސައްކަތެއް ކުރުމުގައި އުޅުނު ކަމުގައިވިޔަސް ނުވަތަ އަނބިދަރީންނާއި، ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަރާތަތަކުގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރާ ހިނދުގައިވެސް ކުރާ ޢަމަލުތަކަށް ދަރުމަޔާއި ސަވާބުލިބޭނެ އެވެ. އަދި އެއީ މާތް ﷲގެ މަގުގައި ކުރެވޭ ޖިހާދެއް ކަމުގައިވެސް ވެގެން ހިނގައިދެ އެވެ.
ނަމަވެސް އަދުގެ ޒުވާނުންގެ ތެރެއިން ގިނަބަޔަކު އެމީހުންގެ ވަގުތުތައް އެއްވެސް ފައިދާއެއްނެތި ބޭކާރުކޮށްލާކަމީ ހިތާމަހުރި ކަމެކެވެ. ކޮފީޝޮޕްތަކުގަ އެވެ. ނުވަތަ ގޭމު ކުޅުމާއި ފިލްމު ބެލުމުގަ އެވެ. ނޫނީ އިންޓަނެޓްގެ އެކިއެކި އިޖުތިމާޢީ ވިއުގަތަކުގަ އެވެ. ވަގުތުތައް ގިނަވެ، އެވަގުތުތައް ހޭދަކުރާނޭ ގޮތެއް ނޭނގިގެން ބޭކާރުވެފައިވާ ޒުވާނުން މުޖުތަމަޢުގެ ތެރޭގައިވަނީ ގިނަވެފަ އެވެ.
ޒުވާނުން އިޞްލާޙުގެ މަގަށް އެޅުވުމަށްޓަކައި ޒަމާނީ ފިކުރުތަކުގެ ތެރެއިން އެމީހުންނަށް ގިނަފަހަރު ދަސްކޮށްދެނީ ދީނާ ޚިލާފު ޢަމަލުތަކެވެ. ޒުވާނުންނޭ ބުނެވިއްޖެނަމަ، މުނިފޫހިފިލުވުމާއި ކުޅިވަރާއި މަޖާކުރުން އެއީ އެ އުމުރުފުރައިގެ ކުދިންގެ ދިރިއުޅުން ކަމުގައި މިއަދުވަނީ ކަނޑައެޅިފަ އެވެ. ޒުވާނުންގެ ޙަރަކާތްތަކުގެ ތެރެއިން މުޅިންވެސް ކުރިއަށް ގެންދެވެނީ، ދެޖިންސު މަސްހުނި ކުރުވައި، ޖިންސީ އެދުންތަކަށް ހިތް ލަންބުވާ ފަދަ ހަރަކާތްތަކާއި، ބޭކާރު ގޮތުގައި ވަގުތުތައް ނަގައިލުމުގެ ޕުރޮގުރާމުތަކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ، ދުނިޔޭގެ ފިތުނަވެރިކަމާއި، ހަވާނަފްސުގެ ގޮވުންތަކާއި ޝަހުވާނީ އެދުންތަކުން އެއްކިބާވުމަށާއި، ޝައިޠާނާގެ އަނދަވަޅުތަކުން ސަލާމަތްވެގެން ތިބުމަށް އަމުރުކުރައްވާފައެވެ.
އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاء وَالْبَنِينَ وَالْقَنَاطِيرِ الْمُقَنطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالأَنْعَامِ وَالْحَرْثِ ذَلِكَ مَتَاعُ الْحَيَاةِ الدُّنْيَا وَاللّهُ عِندَهُ حُسْنُ الْمَآبِ" (آل عمران 14) މާނައީ: "އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށްޓަކައި ޒީނަތްތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. އެކަމަކު އެނބުރިދާން އެންމެ ރިވެތިވެގެންވާތަން ވަނީ މާތް ﷲ ގެ ޙަޟުރަތުގަ އެވެ."
އާދަމުގެ ދަރިންގެ ކިބައިގައި ހަވާނަފްސުގެ އެދުންތަކާއި، ދުނިޔޭގެ ޒީނަތްތެރިކަމަށް ލޯބިކުރުން ލައްވާފައިވާކަމުގެ މައްޗަށް މިއާޔަތުން ދަލީލުކުރެ އެވެ. އެއީ الشَّهَوَاتِ ކަމުގައި މާތް ﷲ އެވަނީ މިއާޔަތުގައި ޞިފަކުރައްވާފަ އެވެ. އެ ޝަހުވަތްތަކަށް ލޯބިކުރުމުގެ ޣަރީޒާ އިންސާނީ ޠަބީޢަތުގައި ލައްވާފައިވުމީވެސް އޭނާއާ ކުރިމަތިވާ އިމްތިޙާނުތަކުގެ ތެރެއިން ހިމެނޭކަމެކެވެ. ހަމައެޔާއެކުގައި އޭނާގެ ވަށައިގެންވާ މާޙަލުގައި ހިތްލަނބުވަފަނިވި އެކިއެކި ކަންކަން އޭނާއަށް ޒީނަތްތެރިކުރައްވާފައިވުމަކީވެސް އިމްތީޙާނުގެ ބައެކެވެ.
މިފަދަ ފިތުނަތަކުން އިންސާނާ އިމްތިޙާނު ކުރެއްވުމާއެކުގައިމެ، އެފިތުނަތަކުން ސަލާމަތްވެ ރައްކާތެރިވުމަށް ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ އަންގަވާފަ އެވެ.
އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرّاً ثُمَّ يَكُونُ حُطَاماً وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ" (الحديد 20) މާނައީ: "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެކެވެ. އަދި މަޖަލެކެވެ. އަދި ޒީނަތްތެރިކަމެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެކެވެ. އަދި މުދާތަކާއި، ދަރިންތަކާއިމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމުގައިބުނެ މޮޅުވާހަކަ ދެއްކުމެކެވެ. އެއީ ވާރޭ ފެނެއްގެ މިސާލުގަ އެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން، އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެ އެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެކެވެ. އަދި ﷲ ގެ ޙަޟުރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެ އެވެ."
ހަމައެފަދައިން، ވަގުތުތައް ބޭކާރުގޮތުގައި ނަގައިލުމާއި، ފައިދާއެއް ނެތް ކުޅިވަރުތަކުގައި ވަގުތު ހޭދަކުރުމަކީ މާތް ﷲ ހަނދާންކުރުމާއި ނަމާދު ކުރުމުން އެއްކިބާކުރުވާކަމެއްކަން ބަޔާންކޮށްދެއްވައި އެކަމުން އެއްކިބާވުމަށްވެސްވަނީ އަންގަވާފަ އެވެ. "يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ وَمَن يَفْعَلْ ذَلِكَ فَأُوْلَئِكَ هُمُ الْخَاسِرُونَ" (المنافقون 9) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ﷲ ހަނދުމަކުރުމުން ތިޔަބައިމީހުން ޣާފިލުކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ. އަދި އެކަނތައްކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމައެއުރެންނެވެ."
އިންސާނާ ޚަލްޤުކުރެއްވުނީ ބޭކާރު ގޮތުގައެއް ނޫނެވެ. އަދި ބޭކާރުވެގެން، ފޫހިވެގެން، ކުރާނޭ ކަމެއް ނޭގިގެން، މަޖަލާއި، ކުޅިވަރާއި، މުނިފޫހިފިލުވުމުގައި މުޅި ޢުމުރު ނަގާލުމަކަށްވެސް ނޫނެވެ. މިކަންމާއިމެދު ރައްކާތެރިވެގެން ނޫނީ ތިމާމެން ދުނިޔެއަށް ފޮނުއްވުނު އަސާސީ މަޤްޞަދު ޙާޞިލުނުވާނޭކަން ކަށަވެރެވެ.