(16 އޯގަސްޓު 2021އާ ގުޅޭ)
ޖެހި ބުދެއްހެން ހުއްޓިގެން ހާލިދާ ބަލަން ހުރީ ލިވިޔާގެ ސީދާ މޫނަށެވެ. ކަޅި ޖަހައިލަން ވެސް ހާލިދާގެ ހަނދާނުގައި ވެސް ނެތް ކަހަލައެވެ. އެތަކެއް ސުވާލު ތަކަކުން ހާލިދާގެ ހިތާއި ސިކުނޑި ވަނީ ފުނި ޖެހި، ބަރާ ވެފައެވެ. ބިންމައްޗަށް ވެއްޓިފައިވާ ފޯނަށް ލޮލުގެ ހިމަކޮޅުން ލިވިޔާ ބަލައިލީ ބިރުން ހުރެގެންނެވެ. މަންމަގެ ފަރާތުން ޔަޤީނުން ވެސް ރަނގަޅު ވާހަކައެއް ނީއްވޭނެ ކަމަށް ލިވިޔާ ހުރީ އޭނާގެ ހިތުން ޔަޤީން ކޮށްގެންނެވެ.
"މަން. މާ." ބިރުން މޭޖެހެމުން ދިޔަ ލިވިޔާގެ ކަޅި އޭނާ އަމާޒު ކޮށްލީ އޭނާގެ މަންމައަށެވެ. އެވަގުތު އެތަނުގައި ވާނުވާ ނޭނގިފައިވާ ލިވިޔާގެ ބައްޕަ މާހިރުގެ އަނގަ ވަނީ ތަންމިނަށް ހުޅުވިފައެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަމުގެ ވަސް މާހިރުގެ ނޭފަތަށް ވަނީ ވާސިލުވެފައެވެ.
"ކޮން މަންމައެއް؟" ހާލިދާގެ ދުލުން ނުކުތީ އެވަރަށެވެ. އޭނާގެ ލޮލުން ފައިބައިގަތީ ވޭނުން ފުރިފައިވާ ކަރުނައެވެ. މާހިރަށް ބަލައިލެވުނީ ހާލިދާއަށެވެ.
"އަހަރެން ތި މުޅި ދުނިޔެއަށް ލަދު ގަންނަވާލީ ކީއްވެތަ؟ އަހަރެން ކޮން ކަމެއްތަ ލިވިޔާއަށް ލޯބިން ނުކޮށްދެނީ؟" ހާލިދާގެ އަޑުގައިވާ ރިހުންތައް އިތުރު ވަމުން ދިޔައެވެ.
"މިތާގަ ކިހިނެއް ވެގެން މިއުޅެނީ؟" ކަރު ކެހިލަމުން، މާހިރު ބަލައިލީ ލިވިޔާ އާއި ހާލިދާގެ މޫނަށެވެ. މިތަނުގައި ވާނުވާ މާހިރަށް އަދި ނޭނގުނަސް އޭނާއަށް ވެސް ކަމުގެ ބޮޑުކަން އެނގި، އޭނާގެ ހިތަށް ވެސް ދިޔައީ އުދަނގޫ ވަމުންނެވެ.
"މާހިރު.." ހާލިދާ ބަލައިލީ މާހިރަށެވެ.
"އަހަރެމެންނަށް މި ބޮޑު ކުރެވުނީ ކޮންފަދަ ވިޔާ ނުދާ ކުއްޖެއް.. އަހަރެންގެ މައި ލަގޮނޑި ފަޅައިގެންދާ ވަރުވެއްޖެ!" ހާލިދާ އެހެން ބުނެ، މާހިރުގެ ގައިގައި އޮޅުލައިގަތެވެ.
"ބަލަ ކިހިނެއްތަ ވެގެން މިއުޅެނީ؟ ކޮންމެވެސް މީހަކު މިވެގެން އުޅޭ ގޮތް ކިޔާދީބަލަ!" މާހިރުގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ.
"އަހަރެން ބަލިކަށިވެއްޖެ! އަހަރެންގެ ގޮތް ހުސްވެއްޖެ! މާހިރު، އަހަރެމެންގެ ލިވިޔާ ޒިނޭކޮށްގެން އެއައީ.. އެކަން ޝަހުރަށް އެނގިގެން.." ހާލިދާގެ ދުލުން ބޭރުވެގެން ދިޔަ ބަސްތަކުން މާހިރަށް ކުއްލިއަކަށް ހާލިދާ ދުރު ކޮށްެލެވުނެވެ.
"އޭނ! ކޮންކަހަލަ ވިޔާނުދާ ވާހަކައެއްތަ ހާލިދާ ތި ދައްކަނީ؟ ބަލަ އެއީ ދޮގޭ!" ހިތުގައިވާ ޔަޤީން ކަމާ އެކުގައި މާހިރު ފޯނު ނެގިއެވެ.
"އެގޮތަށް އަހަރެންގެ ދަރިފުޅުގެ އަގެއް ނުވެއްޓޭނެ. އެ އުޅެނީ ކައިވެނި ރޫޅާލާނެ ގޮތެއް ނެތިގެން. މީ ހަމަ ސީދާ ހުސްނާގެ ނުބައި ރޭވުމެއް. އަހަރެން ނުކުރާނަން ޤަބޫލެއް.. އަހަރެން ހަމަ ހައިރާން ވެއްޖެ، ހާލިދާ އެ ވާހަކަ ޤަބޫލު ކުރީމަ.." މާހިރު އަވަސް ވެ ގަތީ ހުސްނާއަށް ގުޅާށެވެ.
"ނޫން ބައްޕާ!" ލިވިޔާ ކުއްލިއަކަށް ތިރިވީ މާހިރުގެ ފައިދަށަށެވެ.
"ނޫން ބައްޕާ ނުގުޅާތި!" ލިވިޔާ ވަރަށް ބާރަށް އެހެން ބުނެ ފެށީ ރޯންށެވެ. މާހިރު ފޯނަށް ބަލައިލަމުން، ކުޑަ މަޑުޖެހުމެއް އައެވެ.
"އެއީ ކީއްވެ ދަރިފުޅާ؟ ބަލަ ދަރިފުޅުގެ ނަމޭ އެ ކިލަނބު ވަނީ.." މާހިރުގެ ފަރާތުން ފެންނަނީ ހުސްނާގެ ޢާއިލާ ދެކެ އައިސްފައިވާ ރުޅިވެރި ކަމެވެ.
"ނޫން ބައްޕާ! އެއީ ތެދު.. ދޮގެއް ނޫން.." ލިވިޔާ ވަރަށް އުނދަގުލުން ބުންޏެވެ. ހާލިދާ ދެލޯ މަރައި ބާރުކޮށްލީ، ހިތަށް ލިބުނު ތަދަކުންނެވެ. ނަމަވެސް ލިވިޔާގެ އިއުތިރާފުން މާހިރުގެ ފަރާތުން މާބޮޑު ތަފާތެއް ނުފެނުނެވެ. މާހިރު ތިރިވެލުމަށްފަހު، ވަރަށް ލޯބިން ލިވިޔާ ކޮޅަށް ނެގިއެވެ. އަދި ލިވިޔާގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަދިނެވެ.
"ދަރިފުޅު ބުންޏަސް، ބައްޕައަށް ޤަބޫލެއް ނުކުރެވޭ. ދަރިފުޅު ތި ހަދަނީ ދޮގު. ކަނޑައެޅިގެން ދޮގުތީ. ދަރިފުުޅުގެ ދިރިއުޅުން ހަލާކުކޮށްލަން ހުސްނާގެ ރޭވުމެއް ދޯ މީ." ލިވިޔާގެ ކޮލުގައި ހިފައިލުމަށްފަހު، ވަރަށް އޯގާތެރި ކަމާ އެކުގައި މާހިރު އަހައިލިއެވެ. ލިވިޔާގެ ދޫ ހީވީ ވަގުތުކޮޅަކަށް ގޮށް ޖެހުނުހެންނެވެ. އެއްވެސް އެއްޗެއް ނުބުނެ، ލިވިޔާއަށް ބަލަން ހުރެވުނީ އޭނާގެ ބައްޕަގެ މޫނަށެވެ.
"ބުނެބަލަ! ދަރިފުޅު ތެދަށް ބުނެބަލަ! އެއީ ދޮގެއް ދޯ؟ އޮޅުވާލުމެއް ދޯ؟" މާހިރުގެ ސުވާލުތަކުން ލިވިޔާ އިތުރަށް ދެރަވިއެވެ. ލިވިޔާގެ ހިތްވަރު އެލެން އުޅޭކަމުގެ އިޙްސާސް ވުމާ އެކުގައި، ލިވިޔާ އިތުރަށް ހިތްވަރު ނެރުނެވެ. ވަރަށް މަސައްކަތުން ދޫ ހަރަކާތް ކޮށްލެވޭތޯ ލިވިޔާ ބެލިއެވެ.
"ނޫން ބައްޕާ! އެއީ ތެދު. ޝަހުރުގެ މަންމަ ދެއްކީ ރަނގަޅު ވާހަކައެއް.." ލިވިޔާގެ ޖުމުލައާ އެކުގައި މިފަހަރު މާހިރަށް ވަރަށް އަސަރުކޮށްފިއެވެ. އޭނާގެ ހިތް ހީވީ ދެފަޅި ވިހެންނެވެ. ދިރިއުޅުމަށް ކުރި އުއްމީދުތަކާ، ހުވަފެންތައް ހީވީ ވިއްސިވިހާލި ވެގެން ދިޔަހެންނެވެ. މާހިރުގެ މޫނުމަތިން ފެނުނު އޯގާތެރި ކަމާއި ލޯބި މުޅިން ގެއްލިއްޖެއެވެ. އެމޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެ، މުޅި މޫނުމަތި ރަތްވެގެން ދިޔައެވެ. މާހިރު ހީވަނީ ހަމަ ދެންމެ ދެންމެ އަޑުން އަޑުނަގައި ރޯން ފަށާފާނެހެންނެވެ. އަދި ރުޅި އައިސްގެން މުޅި މީހާގެ މޫނު ފަޅައިގެންދާ އުޅޭހެން ވެސް ހީވާ ފަހަރު އާދެއެވެ. މާހިރުގެ މުޅި ހަށިގަނޑަށް ނުކުޅަދާނަވާ ވަރަށް އޭނާގެ އިޙްސާސްތައް ފަހަނަ އަޅައިގެން ދިޔައެވެ. އަތް މުށްކަވާލުމަށްފަހު، ނިކަން ބާރަށް މާހިރުގެ ކުރިމަތީގައި ހުރި ލިވިޔާގެ މޫނުމައްޗަށް އަމާޒުވީ މާހިރުގެ ކަނާއަތެވެ.
"އައްދޯއި.. ބައްޕާ.." ލިވިޔާގެ ދުލުން ވަގުތުން ބޭރުވީ އެހެންނެވެ. އަދި ވަރަށް އަވަސްކޮށް ލިވިޔާ އޭނާގެ އަތް ނަގައި، އޭނާގެ ކޯތާފަތުގައި ފިރުމައިލިއެވެ. ލިބުނު ކުއްލި ބޮޑު ތަދާ އެކުގައެވެ. އެމަންޒަރު ބަލަން ހުރި ހާލިދާއަށް އެޅުނީ ފަހަތަށް ފިޔަވަޅެކެވެ.
"ނުކުމޭ! ކަލޭގެ ބައްޕަ މަރުވެއްޖެ!" މާހިރުގެ އެއް އަތުން ލިވިޔާ ނަގައި ދޮރުން ބޭރު ކޮށްލިއެވެ. އަދި ވަރަށް ބާރަށް ދޮރު ޖަހަމުން، މާހިރު ހަރުކޮށް ހިނގާފައި ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާ އެކުގައި، އަންހެން ކުއްޖެއް ބީދައިން މާހިރު ޖެހިގަތީ އެނދަށެވެ. އަދި މޫނު މަތީގައި ބާލިސް އެޅިއެވެ.
ހަވީރުގެ ވަގުތެވެ. މާހިރާ އާއި ހާލިދާ އިނީ ސިޓިންގރޫމްގެ ސޯފާގައެވެ. އެކަކު ވެސް އަނގައިން އެކައްޗެއް ވެސް ނުބުނެއެވެ. އެ ދެމީހުން ވެސް ވަނީ ދިރިއުޅުމާ މެދުގައި ނާއުއްމީދު ވެފައެވެ. ލިބިފައިވާ ހިތްދަތި ކަމާއި، ގިލަންވެރިކަމާ ކުރިމަތި ލާނެ ހިތްވަރު އެދެމީހުންގެ ވެސް ނެތް ކަހަލައެެވެ.
"ހާލިދާ! އަހަރެމެންނަށް ކީއްތަ މިވީ؟ އަހަރެމެން ދިރިއުޅުމަށް މިވީ ފެއިލް!" މާހިރުގެ ހިތުގެ ޝަކުވާތައް އޭނާ ގެންދިޔައީ ބޭރު ކުރަމުންނެވެ. އަނގައިން އެއްޗެއް ބުނާނެ ހިތްވަރު ނެތިފައި ހާލިދާ ސޯފާގައި ހަމަ އިނީއެވެ.
***
"އިރާދަކުރެއްވިއްޔާ ދަރިފުޅަށް ދެރައެއް ނުދެވޭނެ. ދެން ދަރިފުޅު ދެރަ ނުވޭ!" ހުސްނާ އާއި ޝަހުރުގެ ޢާއިލާއިން އަދިވެސް މަސައްކަތް ކުރަމުން ދިޔައީ ޝަހުރު ހިތްހަމަ ޖައްސާށެވެ. ޝަހުރުގެ ގާތުގައި ޔޫހާގެ ޢާއިލާ ވެސް ތިއްބެވެ.
"ދަރިފުޅު ނުޖެހޭނެ ގޮތް ހުސްވާކަށް! އެކަހަލަ ބޭވަފާތެރިންގެ ހަނދާންތަކުން ދުރަށްދެވޭތޯ ބަލާ!" ޔޫހާގެ މަންމަ ހިފައިލީ ޝަހުރުގެ އަތުގައެވެ.
***
ދުވާލުގެ އަލިކަން ދުނިޔެއާ ވަކިވެއްޖެއެވެ. ލިވިޔާ އިނީ އޭނާގެ ރައްޓެއްސެއްގެ ފަރާތުން ހަމަޖެހުނު ގެއެއްގައެވެ. އެގޭގައި އުޅޭ 4 އަހަރުގެ ކުޑަކުއްޖެއް ބަލައިދޭ މީހެއްގެ ގޮތުގައެވެ. ކޮންމެ ގޮތެއް ވިޔަސް ލިވިޔާ ބޭނުންވީ ބޯހިޔާވަހި ކަމެކެވެ. އެނދުގައި ބަންޑުން އޮތް ލިވިޔާގެ ބޮލުގެ ތެރެއަށް އެތައް ކަމެއް ދިޔައީ ސަވާރު ވަމުންނެވެ. ލިވިޔާ އެންމެ ދެރަ ވަނީ އޭނާގެ މައިންބަފައިންގެ ހިތުގައި ޖެއްސުނީތީއެވެ. ނަމަވެސް ލިވިޔާ ބޭނުންވީ ޝަހުރުގެ ޙަޔާތުން މުޅިން ވަކި ނުވަނީސް ކަމުގެ ޙަޤީޤަތް ސިއްރު ކުރާށެވެ. އެކި ފިކުރުތަކުގައި ވަނިކޮށް ކުއްލިއަކަށް ލިވިޔާއަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ލިބިފައިވަނީ މެސެޖެކެވެ. މެސެޖު ކިޔައިލުމަށްޓަކައި ލިވިޔާ ކޮޅަށް ތެދުވިއެވެ.
"މާދަން ގެއަަށް ގޮސް ލިވީގެ ހެދުންތައް ގެންދޭ! 4 ދުވަސް ފަހުން ކޯޓުގަ ޝަރީއަތް އޮންނާނެ." ޝަހުރުގެ ފަރާތުން ލިބިފައިވާ މެސެޖު ކިޔައިލުމާ އެކުގައި ލިވިޔާގެ ބޮލަށް ކުއްލި ތަދެއް އެރިއެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރު މުޅިން ބަދަލުވެ، ބޯ އަނބުރައިގަތެވެ. ހަމަ އެއާއެކު ލިވިޔާ ވެއްޓުނީ އެނދުމައްޗަށެވެ.
މުޅިން އައު ދުވަހަކަށް އިރު އަރައިފިއެވެ. އެތައް ވަގުތަކު ނުނިދާ އޮވެ، ލިވިޔާގެ މައިންބަފައިން އައު ދުވަހަކަށް މަރުޙަބާކީ ދެމީހުންވެސް ދިރިއުޅުމަށް އައު އުއްމީދެއް ކޮށްގެންނެވެ. އެދެމީހުން އެންމެ ފަހުން ނިންމީ ލިވިޔާ ހެދީ ދޮގު ކަމަށެވެ. ވަގުތު ޖެހުމުން ކަމުގެ ޙަޤީޤަތް ލިވިޔާ ކިޔާދޭނެ ކަމަށް ބަލައިގެންނެވެ. ލިވިޔާ އަކީ އެކަހަލަ ކުއްޖެއް ނޫންކަމަށް އެދެމީހުން ވެސް އެތައް ވާހަކައަށް ފަހު ނިންމީ، ލިވިޔާއަށް ކުރާ އިތުބާރެއްގެ ބޮޑު ކަމުންނެވެ. ލިވިޔާ އެފަދަ ގޮތަކަށް އުޅުނު ކަމަށް އަމިއްލައަށް އެއްބަސް ވިޔަސް، އެއީ ތެދު ނޫން ކަމުގައި އެދެމީހުން ވެސް ބެލީއެވެ. ނަމަވެސް އެދެމީހުންނަށް ވެސް ފުރިހަމަ ހަމަޖެހުމެއް ނުލިބެއެވެ. ދިރިއުޅެނީ ހިތަށް ލިބިފައިވާ އުނދަގޫ އިޙްސާސްތަކާ އެކުގައެވެ.
ލިވިޔާއަށް އައު ދުވަހަކަށް ހޭލެވުނީ ވަރުބަލި އިޙްސާސްތަކަކާ އެކުގައެވެ. އެހެން ދުވަސްތަކާ ޚިލާފަށް ބުރަހެލި ކަން ލިވިޔާގެ ހަށްޓަށް ކުރުވައެވެ. އެ އިޙްސާސްތަކާ އެކުގައި ލިވިޔާ ފެންވަރައިލަން ދިޔައީ އޭނާ އާއި ޝަހުރު ދިރިއުޅުނު ގެއަށް ދިޔުމައްޓަކައެވެ. ލިވިޔާގެ އަންނައުނުތައް ނެގުމަށެވެ.
ޝަހުރާއި ލިވިޔާގެ ވާހަކަ ގޭތެރެއިން އިވުމާ އެކު، ޒަކްވާނަށް ލިބުނީ ކުއްލި ބޮޑު ހައިރާން ކަމެކެވެ. އެވާހަކަތައް އެއްވެސް ގޮތަކަށް ޤަބޫލު ކުރާކަށް ޒަކްވާނަށް ފަސޭހައެއް ނޫނެވެ. ލިވިޔާ އަކީ އެކަހަލަ މީހަކަށް ނުވާތީއެވެ. ޝަހުރު އެވާހަކަ ޤަބޫލުކޮށް، މަންމަގެ ބަހަށް ހެއްލުމުން ޒަކްވާން ވަނީ ބަސްހުއްޓިފައެވެ. އެވާހަކަ އިވުމަށްފަހުގައި، ދެތިން ފަހަރަކު ޒަކްވާން ލިވިޔާއަށް ގުޅިއެވެ. ނަމަވެސް ލިވިޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެއެވެ.
ލިވިޔާ އާއި ޝަހުރު އެކުގައި ދިރިއުޅެމުން ދިޔަ ގެއަށް ވަދެވުމާ އެކުގައި، ލިވިޔާގެ ދެލޯ ފެންކަޅި ވިއެވެ. ހިތަށް ގެނުވީ ހިތްދަތި ކަމުން ފުރިގެންވާ ދިލަކަމެކެވެ. ކެތްކުރަން ލިވިޔާއަށް ދަތިވިއެވެ. މަޑުމަޑުން ހިނގާފައި ލިވިޔާ އައިސް އިށީންދެލީ އެނދުގައެވެ. އެއީ އެމީހުންގެ ލޯބީގެ އެތައް އުފަލެއް ކެކި އުތުރުނު ދާނެކެވެ. އެ ދާނުން ފެންނަނީ ވެސް އެ ހަނދާންތަކެވެ. މަޑުމަޑުން ލިވިޔާ އޭނާގެ އަތް ދަބަސް ހުޅުވައިލުމަށްފަހުގައި ނެގީ ޓެސްޓު ކިޓެކެވެ. ވަމުންދާ ޝައްކުތަކަށް ޖަވާބެއް ހޯދާށެވެ. (ނުނިމޭ)