ޖިންސީ ގޯނާ އާއި ރޭޕްގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސް ފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ކުއްލި ގޮތަކަށް ފުރުވާލީ ރެއެއްގެ މެންދަމު ވަރަށް ސިއްރުންނެވެ. އެފަދަ ސީރިއަސް ތުހުމަތުތަކެއްގައި ދައުވާ ކޮށްފައި ވަނިކޮށް އެހާ ފަސޭހައިން ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ އެކަމުގަައި އޭނާއަށް އެހީތެރިވެ ދޭން ނުފޫޒާއި ބާރު އޮތް ކޮންމެވެސް ބަޔަކު ތިބެގެނެވެ. އަދި އެކަން ކޮށްފައި ވަނީ ވަރަށް ބޮޑަށް ރޭވިގެންކަން މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ގަބޫލުކުރެވެ އެވެ. އެކަމުގައި އެތައް އިހުމާލެއް ވެއެވެ.
ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުއްލި ގޮތަކަށް އެ އަމުރު މުރާޖައާކޮށް އޭނާ ދޫކޮށްލަން އަމުރު ކުރުމުން ފުރުވާލީ އެވެ. އެކަން ހާމަވެ ދައުލަތާއި ސަރުކާރުގެ އެކި އިދާރާތަކަށް ތުހުމަތާއި ސުވާލުތައް އަމާޒުވާން ފެށުމުން ދައުލަތުން އެދެން ފެށީ އަލުން ޕާސްޕޯޓް ހިފަހައްޓަން އަމުރަކަށެވެ. ނަމަވެސް އޭރު އަލީ ވަހީދު ހުންނެވީ ދިވެހި ދައުލަަތުގެ އިހްތިސޯސް ނުހިނގާ ސަރަހައްދެއްގަ އެވެ. އޭނާ ހުންނެވި ތަނެއްވެސް ދައުލަތަކަށް ނޭނގެ އެވެ. އެހެން ކަމުން ފިލާފާލެ ކަމަށް ބުނެ އަލުން ޕާސްޕޯޓް ހިފަހައްޓަން އެދުމުން މި މައްސަލާގައި އިތުރުވީ ސުވާލުތަކެވެ.
ޖުލައި 12، 2020 އިން ފެށިގެން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ހަތް ދައުވާއެއް އުފުލާ ކޯޓަށް މައްސަލަ ފޮނުވީ ނޮވެންބަރު 18، 2020 ގައެވެ. އެއީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ދެއްކުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެކެވެ.
އެ މައްސަލާގައި އަލީ ވަހީދު ހާޒިރުކޮށް ބޭއްވުނީ އެންމެ ޝަރީއަތެކެވެ. އޭގެ ފަހުން އޭނާ ބޭރަށް ފުރުވާލީ އެވެ. ދެން ފެނުނީ ޣައިރު ހާޒިރުގައި މައްސަލަ ހިންގާން ފެށި ތަނެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެ ދައުލަތުން އެކަން ގާޒީގެ ސަމާލު ކަމަށް ގެންދިޔަ އެވެ. ގާޒީ ނިންމެވުމަކީ އެކަން އެގޮތަށް ކުރެއްވޭނެ އެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުން އެ ނިންމުން މަތީ މަރުހަލާއަށް ގެންދިޔަ އެވެ. އެ މައްސަލައިގެ އަޑުއެހުންތަކަށް ސުޕްރީމް ކޯޓުން އަލީ ވަހީދަށް ޗިޓު ފޮނުވައި ކޯޓަށް ހާޒިރުވާން އެންގި އެވެ. ނަމަވެސް އެ އަމުރަށް ކިޔަމަނެއް ނުވެ އެވެ. އެއީ ސުޕްރީމް ކޯޓުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް ވަނީ އިއްވާފަ އެވެ.
"އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކަށް މިކަމުގައި ކަމެއް ނުކުރެވި ޝަރީއަތް ހިންގޭ ގޮތް ނުވެ، އަލީ ވަހީދުގެ ކުރިމަތީ ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި، ގާނޫނީ ވެރިކަން ނުހިނގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް،" ކޯޓުގެ ހުރުމަތް ކެނޑުމުން އަލީގެ މައްޗަށް އިއްވި ހުކުމުގައި ބަޔާން ކޮށްފައި ވެއެވެ.
އެ ހުކުމް ތަންފީޒު ކުރަން އަލީ ވަހީދު ރާއްޖެ ގެންނަން ޖެހެ އެވެ. ފުލުހުން ބުނާ ގޮތުގައި ސުޕްރީމް ކޯޓުން ކޮށްފައިވާ އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި އޭނާ ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރެ އެވެ. "ޕޮލިސް ޓް ދަ ޕޮލިސް" މެދުވެރިކޮށް ވެސް މަސައްކަތް ކުރާނެ އެވެ.
ނަމަވެސް އަނެއްކާވެސް އުފެދެނީ އިތުުރު ސުވާލުތަކެވެ. އެއީ ކޯޓުގެ ހުރުމަތް ކަނޑައިލި މައްސަލައެއްގެ ހުކުމް ތަންފީޒު ކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެދީފާނެ ހެއްޔެވެ؟
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވާ ގޮތުގައި އެފަދަ ހުކުމެއް ތަންފީޒު ކުރަން އިންޓަޕޯލްގެ ރެޑްނޯޓިސް ނެރެދޭނެ ކަމާމެދު ސުވާލު އުފެދެ އެވެ. ސަބަބަކީ އިންޓަޕޯލް ރެޑްނޯޓިސް ނެރެވޭ ހާލަތްތަކާއި އުސޫލުތައް ގަވާއިދުގައި ސާފުކޮށް ލިޔެފައި އޮތީމަ އެވެ. އިންޓަޕޯލްގެ "ރޫލްސް އޮފް ދި ޕްރޮސެސިން ޑޭޓާ" ގެ ދެވަނަ ބާބުގެ ދަށުން 83 ވަނަ މާއްދާގައި ރެޑްނޯޓިސް ނެރެވޭނެ ހާއްސަ ހާލަތްތަކެއް ބަޔާން ކޮށްފައި ވެއެވެ. އެ މާއްދާގެ އެކެއްގައި ރެޑްނޯޓިސް ނެރެވޭނެ މިނިމަމް ކްރައިޓިރިއާއެއް ބަޔާން ކޮށްފައިވާއިރު އެއީ ސީރިއަސް ކުށެއްކޮށްފައިވާ މީހެއްގެ މައްޗަށް ނެރެވޭ ނޯޓިހެކަން އެނގެން އެބައޮތެވެ.
އެ މާއްދާގައި ވާގޮތުން ކުށެއްގެ ތުހުމަތަށް މީހަކު ހޯދަން ރެޑް ނޯޓިސް ނެރެވޭނީ އެކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ނަމަ އެވެ. އަދި ޖަލު ހުކުމެއް ތަންފީޒު ކުރަން މީހަކު ހޯދަން ރެޑް ނޯޓިސް ނެރެވޭނީ ތަންފީޒު ކުރަން ޖެހޭ އެ ހުކުމަކީ މަދުވެގެން ހަ މަސް ދުވަހުގެ ހުކުމަކަށް ވާނަމަ އެވެ. ނުވަތަ ތަންފީޒުކުރަމުން ދިޔަ ހުކުމެއްގެ ބާކީ ބައި ތަންފީޒުކުރަން މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތެއް އޮތް ނަމަ އެކަންޏެވެ.
ހައިލަމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރާ މައްސަލަތަކުގެ ތަފްސީލް ނެތެވެ. އިންޓަޕޯލުން ނޯޓިސް ނެރެދިނުމަށް ހުކުމް ޓްރާންސްލޭޓްކޮށްފައި ފޮނުވާން ޖެހެ އެވެ. ގާނޫނުތަކާއި މާއްދާތައް އަދި އޭނާގެ މައްޗަށް އަންނާނެ އަދަބުތަކުގެ ތަފްސީލު ފޮނުވަން ޖެހެ އެވެ. މި ހާލަތުގައި ކޯޓުގެ ހުރުމަތް ކަނޑައިގެން ދެ މަހާއި 12 ދުވަހުގެ ހުކުމެއް ތަންފީޒު ކުރަން އެ ނޯޓިސް ނެރެދިނުމަށްވުރެ ނުނެރެދިނުމާއި ގާތެވެ. އެއީ އިންޓަޕޯލްގެ އެ ގަވާއިދުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމަކީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ އެވެ.
"ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ ކޯޓުގެ ހުރުމަތް ކަނޑާލައިގެން. އެ ހުކުމުގެ އެއްވެސް ތަނަކު ނެތް އޭނަގެ މައްޗަށް ތުހުމަތު ކުރަނީ ކޮން ކުށެއްކަން އެނގޭކަށް. ރެޑްނޯޓިސްއަށް އެދޭއިރު ހުކުމްގެ ޓްރާންސްލޭޝަން ފޮނުވަން ޖެހޭ. ގާނޫނުތަކުގެ މާއްދާތަކާ އަދަބުތައް އެނގޭހެން ފޮނުވަން ޖެހޭ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ މިހާލަތުގަ އެ ނޯޓިސް ނެރެދޭނެހެން ހިއެއް ނުވެޔޭ،" ހައިލަމް ވިދާޅުވި އެވެ.
އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެން މަސައްކަތް ކުރަނީ ހައިލަމް އެ ވިދާޅުވާ ހުރިހާ ޕްރޮސީޖަރެއް ފޮލޯ ކުރުމަށް ފަހު ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ނުބުނެ އެވެ. އަދި އެކަމަށް ކޯޓަކުން ހާއްސަ އަމުރެެއް ހޯދި ކަމެއްވެސް ސާފެއް ނުކޮށް ދެ އެވެ.
ކަން މިހެން އޮތް އިރު ފެށުނީއްސުރެ މި މައްސަލާގައި ދައުލަތުގެ އިހުމާލު ސާފުކޮށް ފެންނަން އެބަ އޮތެވެ. އަލީ ވަހީދުގެ މައްޗަށް ކުރަނީ ޖިނާއީ ބޮޑެތި ކުށްތަކެއްގެ ތުހުމަތެވެ. އޭނާގެ ދަށުން މަސައްކަތް ކުރި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެވެ. އެހެންކަމުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން އެންމެ ފުރަތަމަ ވެސް ކޯޓުގައި ނޭދުނީ ކީއްވެކަމާ މެދު ސުވާލު އުފެދެ އެވެ. މި މައްސަލައިގައި އަލީ ވަހީދުގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލް ވެސް އެބަ އޮތެވެ.
ހައިލަމްގެ ވާހަކަތަކާއި އެއްބަސްވެވަޑައިގަންނަވާ އެހެން ވަކީލަކު ވިދާޅުވި ގޮތުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ އެ މުވައްޒިފުންނަކީ އަލީ ވަހީދާއި ގާތް ގުޅުމެއް އޮންނާނެ މުވައްޒަފުންނެވެ. އަދި އޭނާއަކީ އެ ދުވަސްވަރު އެ މީހުންގެ ވެރިމީހާ އެވެ. ފޯނު ނަންބަރުތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް އެނގުމުގެ ފުރުސަތު ބޮޑެވެ. ގައުމުން ބޭރުގައި ހުރި ނަމަވެސް އަމިއްލަ ނަންބަރު ނޫން ނަންބަރަކުން ވެސް އެ މުވައްޒިފުންނަށް ގުޅައިގެން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލް އެބަ އޮތެވެ.
"ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް އޭނާގެ އިހުތިމާލު އޮތް ކަމަށް ފަނޑިޔާރަށް ފެނެއްޖެނަމަ ބަންދު ކުރާން ގާނޫނުގަ އެބަ އޮވޭ. މައްސަލައިގަ ލިބިފައިވާ ހެކިތަކަށް ނުފޫޒުފޯރުވާނެ ކަމުގެ އިހުތިމާލް އެބަ އޮތް. އޭނާ [އަލީ ވަހީދު] އެންމެން ކުރިމަތީގަ ނޫން ކަމަށްވެސް ވެދާނެ އެކަން ކުރީ. އެހެންވީމާ މައްސަލައިގަ ހެކިންގެ ގޮތުގައި ތިބީ އެކުދިން އެކަނި ކަމަށް ވެސް ވެދާނެ. އެހެންވީމަ ދައުލަތުން ކީއްވެގެންތޯ ދައުވާ ކުރުމާ އެކީ އޭނާ ބަންދު ކުރާން ނޭދުނީ ކޯޓުގައި،" ވަކީލް ވިދާޅުވި އެވެ.
މި މައްސަލާގައި ވާހަކަ ދެއްކެވި ކުރީން ފަނޑިޔާރުކަން ކުރެއްވި އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި މީހެއްގެ ޣައިރު ހާޒިރުގައި މައްސަލައެއް ކުރިއަށް ގެންދެވޭނެތޯ ކަނޑައަޅަށް މަތީ ކޯޓަކަށް ގާނޫނީ މައްސަލައެއް ވެއްދުމަކީ ވެސް ދައުލަތަށް ކުރެވިދާނެ ކަމެކެވެ. އެއީ އަލީ ވަހީދާ ނުލަ އެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުން މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ދައުލަތުން ދިޔަ އެވެ. ނަމަވެސް އެ ދެ ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައި ވަނީ އަލީ ވަހީދަށް ޗިޓް ރައްދުނުވާ ކަމަށް ބުނެ، ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެވެ. ހަމައެކަނި އަލީ ވަހީދު މައްސަލައިގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުން ހިފައިގެން މަތީ ކޯޓުތަަކަށް ދިއުމުގެ ބަދަލުގައި މިފަދައިން އަމަލުކޮށްގެން މައްސަލައިގެން ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ކޯޓުތަކުން އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނި ނަމަވެސް ދައުލަތުން އޭނާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ތިބިކަން ސާފުވާ އެތައް ސަބަބެއް މި ނޫންވެސް ވެއެވެ. އެކަން އެހެން ގަބޫލުކުރާ އެތައް ބަޔަކު އެބަތިއްބެވެ. އަދި އެކަމަށް ބާރު ލިބޭ އެތައް ސަބަބުތަކެއް ދިމާއަށް އެ ހުރީ ފެންނާނެ އެވެ.
ދައުލަތުން މި މައްސަލާގައި ސީރިއަސް ނޫން ކަމަށް ބުނެވޭނެ ކިތަންމެ ކަމެއްވެސް އެބަ ހުއްޓެވެ. ގާނޫނުން ބާގަނޑެއް ހޯދައިގެން އޭނާ ފިލުވަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުނުމުގެ ފުރުސަތު އެބައޮތެވެ. މުޅި މައްސަލާގައި ހިނގާދިޔަ ކޮންމެ ކަމަކަށް ބަލާލުމުން ވެސް ފެންނަނީ އެކަމެވެ. ކަމެއް ކުރަނީ އޭގެ ކުރީން ކުރަން އޮންނަ އެހެން ކަމެއް ދޫކޮށްލާފަ އެވެ. ނޫންނަމަ ކަމެއް ކުރެވޭތޯ ބަލަނީ އެންމެ ދުރު މަގުންނެވެ. އެއީ އަލީ ވަހީދަށް ފަހިކޮށްދޭން ކުރާހާ ކަންކަމެވެ.
"އަސްލު ދައުލަތުން އަމަލު ކުރަން ޖެހޭ ގޮތަކީ މީގައި ކޯޓުން އެރެސްޓް ވޮރެންޓެއް ހޯދައިގެން އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެންވީ. އަސްލުގަ ދައުވާތައް އުފުލުމާއި އެކީގަ ޝަރީއަތް ނިމެންދެން ހައްޔަރު ކުރަން އެދެން ވާނެ. އެކަމަކު މިހާރު ވެސް ކުރެވޭނެ ކަންކަން އެބަހުރި. ކްރިމިނަލް ކޯޓުން އޭނާގެ ބޭސް ފަރުވާގެ މުއްދަތު މިމަހުގެ 26 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭ. އެ މުއްދަތުގެ ފަހުން އޭނާ ހައްޔަރު ކުރަން އަމުރެއް ނެރުމަށްފަހު ރެޑް ނޯޓިސްއަށް އެދެންވީ. ކްރިމިނަލް ކޯޓުން އެ އަމުރު ނުދީފިއްޔާ މަތީ ކޯޓުތަކަށް ދާނީ. ގޮސްގެން އެރެސްޓް ވޮރެންޓް ހޯދާނީ. ޕީޖީއަކުން މިހާތަނަށް ނޭދޭ އޭނަ ބަންދުކުރާކަށް. އެ އަމުރު ހޯދުމަށްފަހު އަމުރު މެދުވެރިކޮށް ހުރިހާ ދައުވާތަކާ އެކީ އެދިގެން އެ ނޯޓިސް ލިބިދާނެ،" ހައިލަމް ވިދާޅުވި އެވެ.
އަލީ ވަހީދުގެ މައްސަލަ ބޮޑު ޑްރާމާ ސީރިޒްއަކަށް ވެފައިވާ ކަަމަށް ބުނަން ޖެހެނީ އެތައް ކަމެއް މި މަގުން ހިނގާފައި އޮތުމުންނެވެ. ފުރަތަމަ ބޭރަށް ފުރުވާލަން ފުރުސަތު ދިން އަމުރުގައި އޮތީ ޕާސްޕޯޓް ރިވިއު ކުރީ ދައުލަތުން އެދިގެނެވެ. އެ އަމުރު މީޑިއާތަކުން އާންމު ކުުރުމުން އެއީ ލިޔުމުގެ ކުށެއް ކަމަށް ބުނެ އެ މައްސަލަ ހިންދާލީ އެވެ. ދެން އައީ އެ އަމުރު ރިވިއުކޮށް ޕާސްޕޯޓް ދޫކޮށްލީ ޖާމިނު ކުރާނެ މީހަކު ބެހެއްޓުމުން ކަމަށް ބުނާ ބުނުމެވެ.
ޖާމިނުކުރި މީހާ އެ ހުރީ އެވެ. ވީކަމެއް ނެތެވެ. އެ ހުންނެވީ ސްޓޭޓް މިނިސްޓަރު ކަމުގަ އެވެ. އޭނާގެ މައްސަލަ ކޯޓަށް ހުށައެޅި ނަަމަވެސް ކޯޓުގައި އެ މައްސަލަ ހިރިވެސް ނުލާ އެ އޮތީއެވެ. އޭގެ ބަދަލުގައި އިތުރު އެހެން ކަންކަން މި މައްސަލައިގެ ތެރެެއަށް ގެނެސް އިންސާފު ގާއިމުކުރަން މަސައްކަތް ކުރާ ކަމަށް ދައްކަނީ އެވެ.
ދެން މި އައީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އައި ކުުރު ޖަލު ހުކުމެވެ. އެ ޖަލު ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެންނަން ކަރެކްޝަނުން އެދިގެން ފުލުހުން މަސައްކަތް ފެށި ފެށުމެވެ. އިންޓަޕޯލުން ރެޑް ނޯޓިސް ނެރެ ނުދީގެން އެ މައްސަލަ ވެސް ނިމޭނީ އެވެ. އަނެއްކާވެސް އާ ވާހަކައެއް މި މައްސަލާގައި ދައްކާލުމުން ނިމުނީ އެވެ.
ޔަގީންވާ ކަމަކީ އަލީ ވަހީދުގެ މައްސަލާގައި ދައުލަތް އިހުމާލުވެއްޖެ ކަމެވެ. އަނިޔާ ލިބުނު ކަމަށް ބުނާ މުވައްޒިފުންނަށް އިންސާފު ހޯދާ ދިނުމުގައި ގަސްތުގައި އިހުމާލު ކޮށްފި ކަމެވެ. އެހެން ނޫންނަމަ މިވަރުގެ ސީރިއަަސް ތުހުމަތުތަކެއް އޮތް ބޭފުޅަކާމެދު މި ނޫން ގޮތަކަށް ދައުލަތުން އަމަލު ކުރީހެވެ. އެކަން ހާމަވެ ދައުލަތް "ބޭޒާރު" ވުމުން ދެން މި ގެނައީ ދެ މަހުގެ ހުކުމެވެ. އޭގެ ފަހުން އަލީ ވަހީދު ރާއްޖެ ގެންނަން ނެރެން އުޅޭ ކަމަށް އެ ބުނާ ރެޑް ނޯޓިހެވެ. ނަމަވެސް ހަގީގަތަކީ ދެ މަހުގެ ހުކުމާއި ރެޑް ނޯޓިހަކީ މި މައްސަލާގައި ދައުލަތާއި ކޯޓުތަކުން ހަދާފައިވާ ގޯސްތައް ފޮރުވަން މިހާރު އޮތް ދެ ހަތިޔާރު ކަމެވެ.