މާލޭގެ ކޮންމެ ބްލޮކަކަށް އެ ބްލޮކެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެރިއަކު ކަނޑައަޅައި ސިޓީ ކައުންސިލާއެކު މަސައްކަތް ކުރުމަށް ބްލޮކް ވެރިން ހޮވުމަށް ބާއްވާ އިންތިހާބު އޮކްޓޫބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.
ބްލޮކް ވެރިންގެ އިންތިހާބު އަންނަ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށްޓަކައި މިހާރު ވަނީ މި އޮގަސްޓް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބްލޮކް ވެރިޔާ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ބްލޮކް ވެރިޔާކަމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި މީލާދީ ގޮތުން 18 ފުރިފައިވުމާއި ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއް ކަމަށްވުމާއި ވައްކަމާއި ޓެކުމާއި ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައި ނުވުމާ އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި ތަހުގީގު މަރުހަލާގައި ތަހުގީގުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒުކުރެވުނުތާ ތިން އަހަރުވެފައިވުމާ އިންތިހާބުކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާއި މުސްތަގިއްލު މުވައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.
ބްލޮކް ވެރިޔާ ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ބްލޮކް ވެރިޔާކަމަށް އެދޭ ފޯމާއި މުއްދަތު ހަމަނުވާ އައިޑީކާޑްގެ ކޮޕީ ހިމެނެއެވެ. މީގެ އިތުރުން ކުރިމަތިލާ ބްލޮކަށް ނިސްބަތްވާ 10 މީހަކު ސޮއިކޮށްފައިވާ ލިޔުންވެސް ހުށަހަޅަންޖެހެއެވެ.
ބްލޮކްވެރިޔާކަމަށް ކުރިމަތިލާ މީހުންގެ ފޯމް ބަލައިގަންނަން ފަށާފައިވަނީ މި އޮގަސްޓް މަހުގެ 12 ވަނަ ދުވަހު 10:00 ގައެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ދޭއް ޖަހަންދެން ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފޯމް ބަލައިގަންނާނީ ސިޓީ ކައުންސިލްގެ މައި އިދާރާ އެމްޑަބްލިޔޫއެސްސީ ކަސްޓަމާ ސާވިސް ބިލްޑިންގް ތިންވަނަ ފަންގިފިލާ އާއި ހަތަރުވަނަ ފަންގިފިލާއިންނެވެ. ބްލޮކް ވެރިން އައްޔަންކުރުމުގެ އިންތިހާބުގައި ވޯޓް ފޮށިތައް ބަހައްޓާނީ ހުޅުމާލެ އާއި ހެންވޭރު އަދި ގަލޮޅާއި މައްޗަންގޮޅީގެ އިތުރުން މާފަންނު އަދި ވިލިމާލޭގައެވެ.
ބްލޮކް ވެރިޔާގެ މަސްއޫލުލިއްޔަތުތަކުގެތެރޭގައި ބުލޮކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުމުގެ ހާލަތު އެނގުން އަދި ކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި ބުލޮކުގައި ދިރިއުޅޭ މީހުން ދިރިއުޅެމުންދާ ތަންތަނުގެ ފުރިހަމަ މައުލޫމާތު އެނގުމާއި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދައި އެކަން ހައްލު ކުރުމަށް އެކަމުގެ މައުލޫމާތާއި އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ކައުންސިލަށް ހުށަހެޅު ހިމެނެއެވެ. އަދި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ކައުންސިލާއި ހިއްސާކުރުމާއި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ކައުންސިލުން ހަވާލުކުރާ މަސައްކަތްކުރުމާއި ކައުންސިލުން ކުރިއަށްގެންދަން ބޭނުންވާ ހިޔާލު ހޯދުމުގެ ސާވޭތައް ކުރުމުގައި އިސްވެ އެފަދަ ކަންކަމުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ. މީގެ އިތުރުން ބުލޮކުގައި ދިރިއުޅޭ ރައްޔިތުންގެ ލާބައާއި މަންފާއަށް މޭޔަރު އާއި ކައުންސިލަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުމާއި މާލޭ ސިޓީގެ ތަރައްގީއަށް ކައުންސިލުން ކުރާ ކަންކަމުގައި ބުލޮކުގެ ބައިވެރިވުން ފޯރުކޮށްދިނުމުގައި އިސްވެ މަސައްކަތް ކުރުމާއި ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބުލޮކުގައި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމުގައި ކައުންސިލަށް އެހީތެރިކަން ދިނުމަކިވެސް ބްލޮކްވެރިޔާގެ މަސްއޫލިއްޔަތުގެތެރޭގައި ހިމެނޭ ކަންކަމެވެ.