އެފްއޭއެމްގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ބިސްބުރު ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފި އެވެ.
ހުކުރު ދުވަހުގެ ރޭ އެފްއޭއެމް ޓާފް އެކެއްގައި ލިޓިލް ޓައުން ސްޕޯޓްސް (އެލްޓީ) އާއި ވާދަ ކުރި ސެމީ ފައިނަލް މެޗުން ބިސްބުރު މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ދެ ގޯލު ވެސް ފެނިގެން ގޮސްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.
ބިސްބުރުން ވަނީ މެޗުގެ 19 ވަނަ މިނެޓުގައި ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފައިހާން އިމްރާނެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމެނިކޮށް މެޗުގެ 42 ވަނަ މިނެޓުގައި މުހައްމަދު ފާރިޝް ހަސަން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެލްޓީއިން ގޯލު ޖެހުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.
މިއާއެކު ބިސްބުރު ފައިނަލަށް ދަތުރު ކޮށްފައި ވާއިރު، ފައިނަލްގައި ބިސްބުރު ބައްދަލު ކުރާނީ ބުރު ސްޕޯޓްސް ކްލަބްއާއި އެވެ. ބުރު ފައިނަލަށް ދަތުރު ކުރީ 7-1 އޯވަންއޯ ބަލި ކުރުމަށް ފަހު އެވެ. ފާއިތުވި ދެ މުބާރާތުގައި ސެމީ ފައިނަލުން ކަޓާފައިވާ ބުރުގެ ފަރާތުން މިފަހަރު ފެންނަނީ ތަފާތު މޮޅު ކުޅުމެކެވެ. ބުރުން ވަނީ މިމުބާރާތުގައި 31 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިއީ އެއް ޓީމަކުން އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ޓީމެވެ.
ބުރު އަދި ބިސްބުރު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުހުގެރޭގަ އެވެ.
އެފްއޭއެމްގެ ތިންވަނަ ޑިވިޝަން ބާއްވަމުން މިދަނީ ދެއަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. އެންމެ ފަހުން މުބާރާތް ބާއްވާފައި ވަނީ 2018 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތް ކާމިޔާބު ކުރީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކްލަބް އިންނެވެ.