އައްޑޫ ސިޓީގައި ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ 60 ޕްރޮޖެކްޓްގެ މަސައްކަތް ފެނިވަޑައި ނުގަންނަވާ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިފަދައިން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީއަށާއި ގދ. ގެ ބައެއް ރަށްތަކަށް ޕީޕީއެމްގެ ޓީމުން މިހާރު ކުރަމުންދާ ދަތުރުތަކުގައި ބައިވެރިވެވަޑައިގެން އެ ސިޓީގައި ހުންނަވައިގެންނެވެ. ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ވިދާޅުވި 60 ޕްރޮޖެކްޓްގެ މަސައްކަތް އައްޑޫ ސިޓީއިން ހޯދަން މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެ ޕްރޮޖެކްޓްތައް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
ސައީދު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ސޯލިހު ވަނީ މިމަހުގެ ކުރީކޮޅު އައްޑޫ ސިޓީގެ ކައުންސިލާއި ބައްދަލުކުރައްވައި ސަރުކާރުން އެ ސިޓީއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމަަށް ވިދާޅުވެފަ އެވެ. އެގޮތުން މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަދަރާއި ސިއްހީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި މި ނޫންވެސް އެ ސިޓީގެ އިގްތިސާދީ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
އެވާހަކަތައް ދޮގުކުރައްވަމުން ސައީދު ވިދާޅުވީ 40 ބިލިއަން ރުފިޔާގެ ބަޖެޓެއްގައި އަދި އިންޑިއާއިން ލޯނު ނަގައިގެން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ތަންފީޒު ވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"40 ބިލިއަން ބަޖެޓްގައި އައްޑޫއަށް ވައުދުވި ކަންކަމާއި އިންޑިއާއިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ތަންފީޒު ވާތަނެއް ނުފެނުނު. ރައްޔިތުންގެ އިތުބާރު މި ސަރުކާރަކަށް ނެތް،" ސައީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޓީމުތަކުން އަތޮޅުތަކަށް ކުރަމުން ގެންދާ މިދަތުރުތަކުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން އެކުލަވާލާ މެނިފެސްޓޯ އަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ނިންމާފައިވެ އެވެ. މީގެއިތުރުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ޕީޕީއެމުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދުމަށްވެސް ނިންމާފައިވެ އެވެ.