މިދިޔަ ބުރާސްފަތި ދުވަހު ކާގޯ ބޯޓެއް އެރި ކ. ރަސްފަރި ފަރަށް ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަށް އިންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ރަސްފަރި ފަރަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. އީޕީއޭގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވި ގޮތުގައި އެމްޕީއެލްއާއި ކަސްޓަމްސްއާއި ގުޅިގެން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ކާގޯ ބޯޓު އަދިވެސް ފުން ނުކުރެވެ އެވެ.
ބޯޓު އެތާގައި އޮންނަތާ ތިން ދުވަސް ވެފައިވާއިރު ފަރު ވަރަށް ބޮޑަށް ހަލާކުވަމުންދާ ކަމަށް ވެސް އޮފިޝަލު ފާހަގަކުއްވި އެވެ. އަދި ފުން ކުރުމުގެ މަސައްކަތުގައި ވެސް ލިބެމުންދާ ގެއްލުން އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ފަރަށް ލިބިފައިވާ ގެއްލުން އެނގޭނީ ބޯޓު ފުންވުމަށް ފަހު ސާވޭއެއް ހެދުމުންނެވެ.
ކާގޯ ބޯޓުތަކުގެ ދަތުރުތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެނގި ވަޑައިގަންނަވާ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ބޯޓު ރަސްފަރި ފަރަށް އަރާފައި ވަނީ ދުއްވަމުން ދަނިކޮށް ކަމަށް ނުބެލެވެ އެވެ. އަދި ބޯޓު ދަތުރުކުރަމުން ދިޔައީ އެފްރިކާ އަށް ކަމަށް ބެލެވޭ ކަމަަށްވެސް ބެލެވެ އެވެ.
އީޕީއޭގެ އޮފިޝަލު ވިދާޅުވީ ބޯޓުގެ ވެރިފަރާތަށް އަޅަން ޖެހޭ ފިޔަވަޅު ފަހުން އަޅާނެ ކަމަށާއި އެ ފިޔަވަޅު އަޅަނީ ފަރަށް ލިބުނު ގެންލުމުގެ އެސެސްމެންޓް ހެދުމަށް ފަހުގައި ކަމަށެވެ.
ރާއްޖޭގައި މީގެކުރިން ވެސް ކާގޯ ބޯޓުތައް ފަރަށް އަރައި ބޮޑެތި ގެއްލުންތައް ފަރުތަކަށް ލިބުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެ އެވެ.