އައިޝަތު ބިޝާމް

ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރައްވައިފި

Nov 24, 2015
2

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައިޝަތު ބިޝާމް މިއަދު ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވައިފި އެވެ. އެކަމަނާ ޕީޖީގެ މަގާމަށް މިއަދު އައްޔަން ކުރެއްވީ އެ މަގާމަށް އައްޔަން ކުރަން އެކަމަނާގެ ނަން ފޮނުވުމުން އިއްޔެ މަޖިލީހުގައި ނެގި ވޯޓްގައި ބައިވެރިވި 70 މެންބަރުންގެ ތެރެއިން 66 މެންބަރުން ބިޝާމް ޕީޖީ އަކަށް އައްޔަން ކުރުމަށް ތާއީދުކުރުމުންނެވެ.

ކުރިން ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ބިޝާމް ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް އެހެން މަގާމުތަކުގައި ވެސް ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. އެކަމަނާ ޕޖީގެ މަގާމަށް ވަޑައިގަތުން ވަނީ ރާއްޖޭގެ ތާރީހުގައި ޕީޖީއަކަށް އަންހެނަކު ހަމަޖައްސާ ފުރަތަމަ ފަހަރަށެވެ.

ޕީޖީގެ މަގާމު ހުސްވެ ބިޝާމް އެ މަގާމަށް ވަޑައިގަތީ އެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު އެ މަގާމުން ދުރު ކުރުމުންނެވެ. ޕީޖީ ކަމަށް ކުރިމަތިލީ ވެސް ހަމައެކަނި ބިޝާމް އެވެ.