ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އިޖުތިމާއީ ހަރަކާތްތަކެއް ހަ ރަށަކަށް

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް އެހީތެރި ވެދޭން ހަ ރަށެއްގައި ހަރަކާތްތަކެއް ހިންގައިފި އެވެ.

ބީއެމްއެލްގެ އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ ބްރާންޗްތަކުގެ މުވައްޒަފުން އިސް ނަގައިގެން ހަރަކާތްތަކެއް ހިންގީ ށ. ފުނަދޫ އާއި ނ. މަނަދޫ އާއި ފ. ނިލަންދޫ އާއި ތ. ގުރައިދޫ އާއި ގދ. ތިނަދޫ އަދި އައްޑު އަތޮޅުގެ ރަށްތަކުގަ އެވެ.

އެ ހަރަކާތްތަކުގެ ތެރޭ ފުނަދޫގެ ބަނދަރު ސަރަހައްދުގައި ހަޓެއް ތަރައްގީ ކޮށްފައި ވެއެވެ. މަނަދޫގެ އަތިރިމަތީގައި 25 ޖޯލި ބަހައްޓައި ކުޑަކުދިން ބޭނުން ކުރާނެ އުނދޯލި ވަނީ ހަރުކޮށް ނިލަންދޫ ބީޗް ސަރަހައްދުގެ ޖޯލިތައް ބަދަލުކޮށް، ޑަސްބިން ބަހައްޓައި، މޫދަށް ދާ މީހުން ފެންވެރުމަށް ހާއްސަ ތަނެއް ގާއިމް ކުރުމާއެކު ބާބަކިއު ސްޓޭންޑް ބަހައްޓާފައި ވެއެވެ.

މީގެ އިތުރުން ގުރައިދޫގެ ޔޫތް ސެންޓަރުގެ އެތެެރެ އާއި ބޭރު ފާރުތަކުގައި ކުލަލައި ލައިޓްތައް ބަދަލު ކުރުމާއެކު ތިނަދޫގެ މިއުޒިއަމް ޕާކްގައި ކުލަލައި ރީތި ކުރި އެވެ. އަދި އައްޑޫ ސިޓީގެ ހަންކެޑަ ޕިކްނިކް ސަރަހައްދު ސާފުކޮށް ޑަސްޓްބިން ބަހައްޓައި ދިނެވެ.

ބީއެމްއެލްގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ ލާބަ އާއި މަންފާއަށް ހިންގި ހަރަކާތްތަކެއް ކަމަށް އެ ބޭންކުން ބުންޏެވެ.