ދިވެހިންނަކީ އަލަށް ފެންނަ ކަންތައްތަކަށް ވަރަށް ދޯޅު ބައެކެވެ. ރާއްޖެއަށް ނޫޑުލްސް ތައާރަފުވި ދުވަސްވަރު ކޮންމެ ކަމެއް ކުރިއަސް ނޫޑުލުސް ކައްކަ އެވެ. މާލެއަށް ސަބުމެރީން ތައާރަފު ވުމުން ލޯބިވެރިންގެ ބަގީޗާއަކަށްވީ ސަބުމެރިން ލިބޭ ކެފޭތަކެވެ. ގެޔަށް ފޮނުވާ ފިނިފެންމާ ވެސް ބަދަލުވީ ސަބްމެރީނަކަށެވެ. ސޯޝަލް މީޑިއާވެސް ވީ އެހެނެވެ. މި ދުވަސްވަރުގެ އެއްޗަކީ ކްލަބުހައުސް އެވެ.
އަލަށް ފެންނަ ކަންކަމަށް ލޯބި ޖެހުމަކީ ވަކި ގައުމެއްގެ ބަޔަކަށް ހާއްސަކަމެއް ނޫނެވެ.
ކްލަބް ހައުސްގެ ދިވެހި ގުރޫޕްތަކުގެ ވާހަކަތައް ވެސް ވަރަށް ޝައުގުވެރި އެވެ. އެއް ބަޔަކު ދައްކަނީ ރަށުގެ ތަރައްގީގެ ޕްލޭން ކުރިއަށް ގެންދާނެ ގޮތުގެ ވާހަކަ އެވެ. އެ މީހުން ބޮޑަށް އިސްކަން ދެނީ ތިމާވެށްޓަށް ގެއްލުން ނުވާ ގޮތަށް ޓޫރިޒަމަށް ބިން ދޫކުރާނެ ގޮތަކަށެވެ.
އެއް ގުރޫޕެއްގައި އޮތީ އަނބިންނާއި ފިރިން ބޭވަފާ ވަނީ ކީއްވެތޯ ކުރާ ސުވާލެވެ. އެއް އަންހެނަކު ބުނި ގޮތުގައި އަސްލު މައްސަލަ އަކީ ކައިވެނި ރޫޅޭ މައްސަލަ އެވެ. އޭގެ އަސްލަކީ ދިރިއުޅެވޭނެ ރަނގަޅު ގޮތެއް ނެތުމެވެ. ކައިވެނީގެ އުފާ ދެ މީހުނަށް ވެސް ނުލިބި ދިއުމެވެ. އަތޮޅުތަކުގައި ނަމަ އާމްދަނީ ހޯދަން ފިރިމީހާ އެހެން ރަށެއްގައި އެތައް ދުވަހަކު ހުންނަން ޖެހުމެވެ. މާލޭގައި ނަމަ ކުޑަ ކޮޓަރިއެއްގައި ކުދިންނާ އާއިލާގެ އެތައް ބަޔަކު އެކީގައި އުޅެން ޖެހުމުން ދެ މަފިރިންނަށް ހުސް ވަގުތު ނުލިބުމެވެ.
މިޔުޒިކަކީ ހަރާމް އެއްޗެއްތޯ ނުވަތަ ހުއްދަ އެއްޗެއްތޯ ބަހުސު ކުރާ ގުރޫޕްތައް ވެސް ހުރެ އެވެ. އިރު ހަނދު ދައުރުވާ ގޮތާއި ނަމާދު ވަގުތު ބަލާ ގޮތުގެ މައްޗަށް ބޭފުޅަކު ވާހަކަ ދައްކަވާ ގުރޫޕްތަކަށް ވެސް ވަދެވެ އެވެ. އެ ބޭފުޅަކު ވާހަކަ ދައްކަވަނީ ގުރުއާނާއި ސައިންސުގެ އަލީގަ އެވެ. މިޔުޒިކުގެ ވާހަކަ ދެއްކި ގުރޫޕުގައި ވެސް ގުރުއާނާއި ސުންނަތުން ދަލީލު ދައްކަ އެވެ.
ކްލަބް ހައުސްގައި ސިޔާސީ ގުރޫޕުތައް ގިނަ އެވެ. އެއް ގުރޫޕެއްގައި ވަރަށް ފޯރީގައި ވާހަކަ ދެއްކީ 2023 ގެ ރިޔާސީ ކެންޑިޑޭޓަކާ މެދުގަ އެވެ. މިހާރު ފެންނަން ތިބި ކެންޑިޑޭޓުން ކުރެ ބައެއް މީހުނަކީ ގައުމަށް ވަރަށް ބޮޑަށް ހިޔާނާތްވެފައި ތިބި ނާގާބިލު ހީލަތްތެރި ބައެއް ކަމަށް އެކަކު ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް ވައުދެއް ނުފުއްދުނެވެ. ރައީސް ސޯލިހު ވަނީ އިންޑިއާއަށް ގައުމު ވިއްކާލާފައި ކަމަށް ވެސް އެ ގްރޫޕްގައި ވާހަކަ ދެއްކި އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު، އަދި މިހާރުގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމުގެ "ކޮރަޕްޝަނާއި ބަޣާވާތް" ދިވެހިން ދަންނަ ކަމަށް ވެސް އެ ގްރޫޕްގައި މީހަކު ބުންޏެވެ. މަދު މީސްކޮޅަކާއެކު ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ ރޭހަށް ނުކުންނަވައިފި ކަމަށްވެސް އިވުނެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނުގެ ނަން، ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށް ވެސް އެމްޑީޕީގެ ސަޕޯޓަރަކު އެ ގްރޫޕްގައި ބުންޏެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޕްރޮފެސަރު ހަސަން އުގެއިލް ނުކުންނަވާފާނެ ވާހަކަ ވެސް ގުރޫޕެއްގައި އޮތެވެ. އަދި އޭނާއަށް ފާޑުކިޔައި އެކަކު ބުނި ގޮތުގައި އޭނާ މި ހުރިހާ ދުވަހު އުޅުއްވީ ރާއްޖޭން ބޭރުގަ އެވެ. ރައްދުގައި ވާހަކަ ދެއްކި މީހަކު، ބޮޑަށް ރަނގަޅީ ދިވެހިންގެ ފައިސާއިން ބޭރަށް ފޮނުވާ ކިޔަވައިދިނީމާ އެނބުރި ރާއްޖެއަށް އައިސް ދިވެހިންގެ ބޯ ކައިގެން މަތީ މަގާމުތަކަށް އަރައި، ގައުމު ވިއްކައި ކޮރަޕްޝަނުގައި ހައްދު ފަހަނައަޅާ ގޮސް، ބޮޑެތި މަހުޖަނުންނަށްވި މަކަރު ވެރިންތޯ އެހި އެވެ. އަދި ފަސްބައި ހަޑިނުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދޭ ޒަމާނީ އިލްމުހުރި ސާފު ގާބިލް ދިވެއްސެއްތޯ ވެސް އެހި އެވެ.