ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއާ މެދު ދެމަސް ތެރޭގައި ގޮތެއް ނިންމާނެ ކަމުގައި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ވިދާޅުވެއްޖެ އެވެ.
ޒިޔާދުގެ ބާގިރުގެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ގާޒީ މުހައްމަދު މިސްބާހު އެވެ. މިއީ ޒިޔާދުގެ މައްސަލައާއި ހަވާލުވެވަޑައިގެންނެވި ތިންވަނަ ގާޒީ އެވެ.
ޒިޔާދުގެ މައްޗަށް ދައުވާ ކުރީ އޭނާ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބުނެ އެވެ.
ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އޭރުގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފަ އެވެ.
ޒިޔާދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ޒިޔާދުގެ ގާނޫނީ ވަކީލް ނޫރުއްސަލާމް ވަނީ މައްސަލަ ނުނިމި ދިގުލައިގެންދާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ވިދާޅުވީ މިއީ ދެތިން އަޑުއެހުމަކުން ނިންމާލެވޭނެ މައްސަލަ އަކަށްވާތީ މައްސަލަ އަވަހަށް ނިންމާލުމަށް ތާވަލެއް އެކުލަވާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނޫރުގެ ކަންބޮޑުވުންތަކާ ގުޅިގެން ގާޒީ މިސްބާހު ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި މައްސަލަ ނިންމާލެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ. ޒިޔާދަށް ކުރާ ދައުވާ އަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ މައްސަލަ އަކަށް ވާތީ މައްސަލަ ނިންމުމަށް ތާވަލް އެކުލަވާލުމަށްފަހު ޒިޔާދާ ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޒިޔާދުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން ބާތިލްކޮށްލީ މިސަރުކާރުގަ އެވެ. އެކަމާ ގުޅިގެން އެސްޖޭ އިން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.