އިސްލާމިކް މިނިސްޓްރީ

ޒުވާން ޚަތީބުންނަށް އާދިއްތަ ދުވަހު ހުއްދަ ދެނީ

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ހުޅުވާލުމުން އެކަމަށް ކުރިމަތިލި ޒުވާނުންގެ ތެރެއިން ތަމްރީންތަކުން ހޮވާލެވުނު ޒުވާނުންނަށް އަންނަ އާދިއްތަ ދުވަހު ރަސްމީ ހުއްދަ ދޫކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ އެކަމަށް ކުރިމަތިލުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލީ މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.

ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ ކުރި އިއުލާނަށް އިޖާބަދީ 160 ވަރަކަށް ޒުވާނުން ކުރިމަތިލި އެވެ. މިކުދިންނާއި އިންޓަވިއުކޮށް ސްކްރީންކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެށީ މިދިޔަ ޖެނުއަރީ މަހު އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ޒުވާން ހަތީބުންނާއި އިންޓަރވިއުކުރުމުގެ މަސައްކަތް ނިންމުމަށްފަހު މާލެ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންގެ އަމަލީ ތަމްރީން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހުތުބާ ކިޔުމުގެ ރަސްމީ ހުއްދަ އާދިއްތަ ދުވަހު ދޫކުރަން ފަށާނެ ކަމަށާއި ރޯދަ މަހު އެ ޒުވާނުން ހުތުބާ ކިޔާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބައެއް މިސްކިތްތަކުގެ އިމާމުންގެ ބެލުމުގެ ދަށުން މިހާރުވެސް ބައެއް ޒުވާނުން އިމާމުވެ ނަމާދު ކުރެ އެވެ. ނަމަވެސް ހުކުރުކޮށް ހުތުބާ ކިޔުމުގެ ފުރުސަތު މިވަގުތު ލިބެނީ ހަމައެކަނި ހުއްދަ އޮންނަ ބޭފުޅުންނަށް އެކަންޏެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާސްޓާސްއާ ހަމައަށް ކިޔަވާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ފަށާފަ އެވެ.