(26 އޯގަސްޓް 2021 އާ ގުޅޭ)
"ލައިޒަލް ޕްލީޒް." ނީރާގެ ހިކަނދިމަސްގަނޑުގައި ލައިޒަލް ހިފާލުމާއެކު އޭނާ ކޮޅަށް ނެގި ހިނދު އާދޭސްކޮށްލިއެވެ.
"އެހެންވީރު އެމީހުން ދޫކޮށްލާފަ މިތާ މަޑުކުރޭ." ކުރިމަތީގަ ހުރި ނީރާއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ލައިޒަލް ބުނެލިއެވެ.
މަޑުމަޑުން ދެފަރާތަށް ނީރާ ބޯހޫރާލިއެވެ. ހިމޭންކަމާ ގުޅިފައިވީ ނީރާގެ ގިސްގެ އަޑެވެ. އިސްޖަހާލަމުން މަޑުމަޑުން ދެ ލޮލާއި ކޯތާފަތް ނީރާ ފުހެލިއެވެ. ދެ ލޯ މަރާލިއެވެ. އޭނާ ނާއުންމީދުވެއްޖެއެވެ. ދެމެދުގައި އޮތް ގާތްކަމުގެ ސަބަބުން އުފަންވި ލޯބީގެ އޮށުން ކުރިފެޅީ ހަމައެކަނި ނީރާގެ ހިތުގައޭ ހީވާހާ ލައިޒަލް އޭނާ ދުރުކޮށްލައިފިއެވެ. ފާޅުގައި ލޯބިވެޔޭ ބުނީ އެ ބަސްތައް ލައިޒަލްގެ ދުލުން ތަކުރާރުކޮށްލާނޭ ކަމަށެވެ. އެކަމުގައި ވެސް ނީރާއަށް ކުށްހީއެއް ކުރެވުނީކަން ގަބޫލުކުރެވިއްޖެއެވެ.
އިސްއުފުލާލައި ކުރިމަތީ ހުރި ލައިޒަލްގެ މޫނަށް ނީރާ ބަލާލިއެވެ. އެހިނދު އެ ދެ ލޮލުގައި ފާޅުވޭވޭ ހުންނަ ވިދުން ފަނޑުވެފައިވާތީ ލައިޒަލް ދުށްޓެވެ. އެއާއެކު ތޫނު ތަދެއްގެ އިހްސާސް އޭނާގެ މެޔާއި ހިތަށް ވޭން ގެނެސްދީފިއެވެ. ނީރާ ގެއްލޭކަށް ލައިޒަލް ނޭދެއެވެ. އެހެންވިޔަސް މިހާލަތުގައި ކަންތައް ކުރަންވީ ގޮތް ކިޔާދޭ މީހާއަށް ލައިޒަލް ވާން އޭނާ ނޭދެނީއެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ނީރާއަށް މިއަދު ލައިޒަލް ދޭ ހިޔާލު ކަމުނުގޮސްފާނޭ ހީވަނީއެވެ. އެ ދުވަހަކުން ލައިޒަލްގެ ސަބަބުން އޭނާ ބުނެގެން ނީރާ ނިންމި ނިންމުން އެއީ އެންމެ ގޯސް ނިންމުން ކަމުގައި ނީރާއަށް ވެދާނެއެވެ. ނީރާ އަމިއްލައަށް ގޮތެއް ނިންމަންވީ އެހެންވެއެވެ. އެކަމަކު އޭގެ މާނައަކީ ނީރާ ވަކިވެގެންދާން ލައިޒަލް އެއްބަސްވާނެއެކޭ ނޫނެވެ. އޭނާ ނީރާ ބޭނުމެވެ. އޭނާއާ ކައިވެނިކޮށް އޭނާގެ އަނތްބެއްގެ ގޮތުގައި ނީރާ އިނުމަށެވެ. ހަޔާތުގެ ބާކީބައި ހޭދަކުރާ ހަމައެކަނި ބައިވެރިޔާއަށް ނީރާ ހެދުމަށެވެ. ނީރާގެ ހިތުގައި ޖެހި އެ ދެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކަކާއެކު ލައިޒަލްގެ ހިތުގައި އެޅޭ ކޫރުން ފެންނަ ނަމަ އޭނާ ފޮރުވަމުން އަންނަ ފުން ލޯބި ނީރާއަށް އެނގުނީސްކަން ޔަގީނެވެ. ގިނަފަހަރު ރުޅިއާއި ހަރުކަށިކަމަކަކީ ލޯބީގެ ބަލިކަށި އަސަރުތައް ފަރުދާކުރުމަށް އެހީތެރިވެދޭ ޖަޒުބާތެވެ. ނޭނގޭހާ ސިއްރު ގޮތަކަށް ލައިޒަލްގެ ދެތުންފަތް ދުރުވެލީ ނިކަން ކުޑަކޮށެވެ. ހިތުގެ އާހް އެ ދެ ތުންފަތުގެ ދޭތެރެއިން ނުކުތީ އިޚްތިޔާރަކާއި ނުލައެވެ. ނީރާއަށް އޭނާ އެދޭ ގޮތް ވިސްނޭނެނަމައޭ ލައިޒަލްގެ ހިތާއި ޟަމީރު ގޮވަމުންދިޔައެވެ.
"ނީރާ..." ލައިޒަލްއަށް ފުރަގަސްދީ ނީރާ ދާން އުޅުމުން ގޮވާލިއެވެ.
"ދަނީ..." މުޅިން ކުރެހި ބަދަލުވެފައިވާ ނީރާގެ އަޑު ވިއެވެ. އެ ދެ ލޮލުގެ ތެރޭ ކަރުނަތައް ހިފަހައްޓަން އޭނާ މަސައްކަތް ކުރާވަރު އެ މޫނަށް ބަލަން ހުރި ލައިޒަލްއަށް ސިއްރެއްނުވެއެވެ. ނީރާ އެއްފަރާތަށް ޖެހި ސޯފާއަށް ވެއްޓިފައި އޮތް އަތްދަބަސް ނެގިއެވެ. ކޮނޑުގައި އަޅުވާލުމާއެކު އޭނާ އެ އެޕާޓްމެންޓް އިން ނުކުންނަން ހިނގައިގަތެވެ.
"ހިނގާ، ގެންގޮސްދޭނަން." ނީރާ ދާން ނޭދޭއިރު ވެސް ލައިޒަލް ހިތާ ދެކޮޅަށް ބުންޏެވެ.
"އެކަނި ދާނީ."
"ވާރޭ ވެހޭ." ނީރާގެ ޖަވާބު އަޑުއިވުނުހާ އަވަހަށް ލައިޒަލް ބުނެލިއެވެ.
"މިއަދު...އެކަނި...ދާނީ." ހިތުގެ ކެކުޅުމުގެ އަސަރު ނީރާގެ އަޑުގައި މަޑު ތުރުތުރެއް އުފައްދައިފަ ވިއެވެ. ގިނަ ވާހަކަތަކެއް ދެއްކުން އޭނާއަށް ދަތިވެފައިވާ ކަހަލައެވެ. ދޮރުގެ ތަޅުގައި ހިފާލައި އަނބުރާލި ހިނދު އެކަން ނީރާއަށް ކާމިޔާބެއް ނުވިއެވެ. އެވަގުތު އޭނާގެ އަތްތިލައާއެކު ތަޅުގައި ލައިޒަލް ހިފާލިއެވެ. ދޮރުހުޅުވުނީ ދެނެވެ. އެ އިޝާރާތް ނީރާއަށް ބުނެދިނީ ތުރާ ލިބިގެންވާ ވާހަކައެކެވެ. ލައިޒަލް އޭނާ ހިފަހައްޓަން ގަސްދުނުކުރާ ކަމެވެ. އޭނާ ނުކުމެގެން ވަކި ހިސާބަކަށް އައެވެ. ދެތިންފިޔަވަޅު ދުރުގައި ލިފްޓު ފެންނަން ހުއްޓެވެ. އެހެންނަމަވެސް ނީރާ ހުއްޓި ފަސްއެނބުރި ބަލާލެވުނީ ލައިޒަލް ކޮބާތޯއެވެ. ހިތް ރޮއެރޮއެ އޮއްވާ އެ ހިތުގެ އެދުމަށް ފުރަގަސްދީ ދާނީ ކިހިނެއް ހެއްޔެވެ. ފަހަތުން ލައިޒަލް ނައިކަން އެނގުމުން ނީރާގެ ހިތްވަރު މުޅިން ގެއްލިއްޖެއެވެ. ކުރިއަކަށް އޭނާއަށް ނުދެވުނެވެ. ކޮޅަށް ހުންނާނޭ ވަރު ނެތި ދެކަކޫ މައްޗަށް އޭނާއަށް ތިރިވެވުނެވެ. ލައިޒަލްގެ ޢަމަލުތަކުންނާއި އެ ދެ ލޮލުން ނީރާ ލޯބި ދުށްޓެވެ. އެކަމަކު މިއަދު ހީވަނީ އެއީ ހަގީގަތެއްނެތް ބިލާހެއް ހެންނެވެ. ލައިޒަލް އޮޅުވާލާނޭ ހީކުރާކަށް ނީރާގެ ހިތް އެއްބަހެއް ނުވިއެވެ. އެހެންވެއްޖެނަމަ އޭނާގެ ނަފްސު ފުނޑުފުނޑުވެދާނެއެވެ. ދުނިޔެދެކެ ފޫހިވެދާނެއެވެ. ހަޔާތުގެ ސަމުގާ ގެއްލި އެއްވެސް މިސްރާބެއްނެތް މުސާފިރަކަށް އޭނާ ބަދަލުވެދާނެއެވެ. މަގްސަދެއްނެތް، މަންޒިލެއްނެތް، އެހެން މީހުން އުފާކޮށްދޭ ގޮޑިކޮއްކޮއަކަށް އޭނާ ވާނެކަން ޔަގީނެވެ. އެފަދަ ދިރިއުޅުމަކުން ލިބޭނެ ހިތްހަމަޖެހުމެއް އޮންނާނެބާއެވެ. އެގޮތުގައި ދިރިހުރުމުގެ ބޭނުމެއް އޮންނާނެބާއެވެ.
"މިތަނަށް އައީ ކީއްކުރަން؟ ލައިޒަލްއަށް ވިސްނޭނެކަމަށް ހީކުރީ ކީއްވެ؟..." މޫނުގައި ދެއަތް އަޅައިގެން އިނދެ ނީރާ އަމިއްލަ ނަފްސާ ޝަކުވާކުރިއެވެ. ލިފްޓު ހުއްޓުމަކަށް އައި އަޑާއެކު އެއިން މީހަކު ނުކުންނަނީ ކަން ނީރާއަށް އެނގުނެވެ. ވަކިން ބޮޑަށް މޫނުފޮރުވާލީ އެހެންވެއެވެ.
"ހާއި... ކިހިނެއްވީ؟ ކީއްވެ ރޮނީ؟ މިތާ ކީއްކުރަނީ؟" ފިރިހެނެއްގެ އަޑު ނީރާގެ ގާތުން އިވުނެވެ. އެހެންވިޔަސް ނީރާ އަނގައިންނެއް ނުބުންޏެވެ. އިރުކޮޅަކު އެމީހާ ހުރެފައި ހިނގައިގަތީއެވެ.
"ދޮރު ހުޅުވާފަ ހުރީމަ ހިތަށް އެރި ލައިޒަލް އުޅެނީބާއޭ. ރޭގަ މިކޮޅުގަތަ؟" ތަޅުވަޅުން ތަޅުދަނޑި ނަގަމުން އެޕާޓްމެންޓަށް ވަން ވިލްދާނަށް ލައިޒަލް ފެނުމުން އަހާލެވުނެވެ. އޭނާ އަޅައިގެން ހުރި ވިއްސާރަކޯޓު ބާލައި ބަދިގޭ ކައުންޓަރު މަތީ ބޭއްވިއެވެ. އޭރު ސިޓިންރޫމުގެ ކުޑަދޮރު ކައިރީ ފުރަގަސްދީގެން ހުއްޓިހުރި ލައިޒަލްގެ މޫނުގައިވާ އުދާސްކަން ވިލްދާނަށް ނުފެނެއެވެ. ލައިޒަލްގެ ފަރާތުން ޖަވާބެއް ލިބޭތޯ ހުރުމުގެ ބަދަލުގައި ވިލްދާނު ގޮސް ވަނީ ޕްރެކްޓިސް ކުރާ ކޮޓަރިއަށެވެ. އެތަނުން އޭނާ ނުކުތީ ފޮތެއް ހިފައިގެންނެވެ.
"ބޭރުގަ ކުއްޖަކު ހުރިކަން އެނގޭތަ؟ އޭނަ ހާދަ ވަރަކަށޭ އެ ރޮނީ." ވިއްސާރަކޯޓު ނަގައިގެން އެޕާޓްމެންޓުން ނުކުންނަން އުޅެފައި ވިލްދާނު މަޑުކޮށްލިއެވެ.
"ކޮންތާކު؟" ލައިޒަލް އެނބުރި ވިލްދާނާ ކުރިމަތިލިއެވެ.
"މިތާ ބޭރުގަ... ލައިޒަލް ދަންނަ ކުއްޖެއްތަ؟" ވިލްދާނަށް އެކުވެރިޔާ އަންހެންކުއްޖަކާ ގުޅިގެން އުޅޭކަމެއް ނޭނގުނަސް އެ އަންހެންކުއްޖާއާއި ލައިޒަލްއާ ގުޅުމެއް އޮވެދާނޭ ހީ ކުރެވުނީއެވެ. އެހެންނޫންނަމަ ލައިޒަލް އެޕާޓްމެންޓުގަ އުޅެނިކޮށް އެބައިގެ ބޭރުގައި އަންހެންކުއްޖަކު ހުންނަން ޖެހޭ ސަބަބެއް ނެތެވެ.
ވިލްދާނާ ވާހަކަދެއްކުމުގެ ބަދަލުގައި ލައިޒަލް ބޭރަށް ނުކުތެވެ. ފާރުކައިރީ އިށީނދެއިން ނީރާ ފެނުމުން ހަލުވި ފިޔަވަޅުގައި އޭނާގެ ގާތަށް އައެވެ. ދެއަތުން ނީރާ ކޮޅަށް ނެގުމާއެކު ލައިޒަލްގެ އަތުގެތެރެއަށް ގެނެސް ބައްދާލިއެވެ. އޭރު ދޮރުކައިރީ ބޯދީގެން ވިލްދާނު ހުރީ ބަލާށެވެ. އަތުގައި އޮތް ފޯނު ހިއްލާލައި ނިކަން އަވަހަށް ލައިޒަލްމެންގެ ފޮޓޯއެއް އޭނާ ނެގިއެވެ. ލައިޒަލްގެ އަތުގެ ތެރޭ ކުއްޖަކު ހުރިކަން ހަމައެކަނި އެނގެނީ އޭނާގެ ފުރަގަހުން ނީރާގެ ދެއަތް އެ ހަށިގަނޑުގައި ހިފަހައްޓާލާފަ ވާތީއެވެ. ބޭންޑު މެންބަރުން ހިމެނޭ ގުރޫޕަށް ވަގުތުން ފޯޓޯ ވިލްދާނު ލައިފިއެވެ. އޭނާއަށް ފެނުނީ އެ ވާހަކައެއް ބުނި ނަމަވެސް އެހެންމީހުން ގަބޫލުނުކުރާވަރުގެ މަންޒަރެކެވެ. ފޮޓޯ ނެގީ އެހެންވެއެވެ. ނީރާ ގޮވައިގެން ލައިޒަލް އެނބުރިލިތަން ފެނި ވިލްދާނު އަވަހަށް ވަނީ އެތެރެއަށެވެ. އޭނާގެ ކުރިމަތިންލާފަ ނީރާ ގޮވައިގެން ލައިޒަލް ވަނީ އެ އެޕާޓްމެންޓުގައި ހުންނަ ނިދާ ކޮޓަރިއަށެވެ. އެ މަންޒަރު ފެނުމުން ލާނެތް ހިންޏެއް ވިލްދާނުގެ ތުންފަތަށް ވެރިވިއެވެ. މީ އެ ދެމީހުން އެކުގައި އެ އެޕާޓްމެންޓުގައި ވަގުތު ހޭދަކުރާ ފުރަތަމަ ފަހަރު ނޫނޭ ވިލްދާނުގެ ހިތް ބުނެލީއެވެ. ލައިޒަލް އެ އަންހެންކުއްޖާ ގޮވައިގެން ކޮޓަރިން ނުކުންނަންދެން މަޑުކުރަން ބޭނުންވިޔަސް ހުރެވެން ނެތުމުން ވިލްދާނު ނުކުތީއެވެ.
ނީރާގެ ނަމުން ލައިޒަލް ގޮވާލީ މަޑުމަޑުންނެވެ. ކޯތާފަތް ފުހެދެމުން ލައިޒަލް ވާހަކަދެއްކިއެވެ. ނީރާ ގަސްދުކުރާގޮތް ބުނުމަށް އޭނާ އެދުނެވެ. ދެމީހުން ވަކިވުމަކީ ލައިޒަލް އެދޭ ގޮތެއް ނޫންކަން ހާމަކުރީ ރޮއެރޮއެ ރަތްވެފައިވާ ނިރާގެ ދެ ލޮލުގައި ބޮސްދީފައެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ނީރާ ބޯޖަހާލީ ނިކަން އަވަހަށެވެ. އެތައްއިރަކު ލައިޒަލްގެ އަތުގެތެރޭގައި ނީރާ ގާތްކޮށްލައިގެން އިނެވެ. އީހާންއާއި ލަމްހާއާ ބެހޭ ގޮތުން ނީރާ ކިޔައިދޭން އުޅުނު ވާހަކަތައް ކުރީން ލައިޒަލް އަޑު ނޭހި ނަމަވެސް މިފަހަރު އޭނާ ނީރާއަށް އެ ފުރުސަތު ދިނެވެ. އީހާން ކުއްލިއަކަށް ބަދަލުވީ ސަބަބެއް ނޭނގެއޭ ނީރާ ބުންޏަސް ލައިޒަލްއަށް ކަންތައް އެވީ ކިހިނެއްކަން ބުނަން އެނގެއެވެ. އީހާން ބޭނުންވަނީ ނީރާކަން ލައިޒަލްއަށް ސާފެވެ. އިހާނުދެކެ އެހާ ގަދަ ރުޅިއެއް އާދެވެނީ އެހެންވެއެވެ. އީހާނުގެ އެއްވެސް ނިންމުމެއް މުހިންމު ނުވިޔަސް ނީރާގެ ވާހަކައިން ލައިޒަލްއަށް ވިސްނުނީ މަންމަގެ ނިންމުން ނީރާއަށް މުހިންމު ކަމެވެ. ލައިޒަލްގެ ހިތްބިރުގަންނަނީ އެހެންވެއެވެ. ނީރާގެ މައްޗަށް އެ މަންމަގެ ނުފޫޒު އޭނާއަށްވުރެ ބޮޑުވާނޭކަން ޚުދު ލައިޒަލްއަށް އެނގެއެވެ. ނީރާގެ ހަޔާތް ވޭތުއެކުރީ އެ މަންމަގެ ހިޔަލުގައެވެ. އެހެންވިޔަސް މަންމައަކީ މުހިންމު މީހެއްކަމުގައި ލައިޒަލް ނުދެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ ކުރީ ހިތި ތަޖުރިބާއެކެވެ. މަންމައޭ ބުންޏަސް ފޫހިވާން ފެށީ އެހެންވެއެވެ. އަމިއްލަ ޖަޒުބާތްތައް މިފަހަރު ލައިޒަލް އެއްފަރާތް ކޮށްލީ ނީރާއަށް ޓަކައެވެ. ބީވެދާން ނޭދޭ އޭނާގެ ލޯތްބަށް ޓަކައެވެ.
"އާއިލާއާ ވާހަކަދައްކާ. ނީރާއަށް ވެސް ރަނގަޅުވާނީ އެގޮތް... ގަބޫލުނޫން ކައިވެންޏެއް ގަދަކަމުން ކުރުވައިގެން ހަމަޖެހޭ ލައިފެއް ނޫޅެވޭނެ. ނީރާ، އެމީހުންނާ ވާހަކަދައްކާފަ ގުޅާ. އައި ވިލް ބީ ވެއިޓިން ފޯ ޔޫ. އަހަރެން ވެސް ދައްކަން ބޭނުންވާ ވާހަކަ އެބަހުރި." ލައިޒަލްގެ ވާހަކަ ނީރާ އަޑުއެހިއެވެ.
* * * * *
ކަންބޮޑުވުމާއެކު ލަމްހާ ވާހަކަދެއްކީ އީހާނާއެވެ. ސައިގަޑި ޖެހުނު އިރު ވެސް ނީރާ ކޮޓަރިން ނުކުމޭތޯ ހުރެހުރެ ނުނިކުތީއެވެ. ލަމްހާއަށްވުރެ ކުރީން ގޭގެ ތަޅުދަނޑިފަތި ހިފައިގެން އައިސް ނީރާގެ ކޮޓަރި ހުޅުވީ އީހާނެވެ. ނީރާގެ ފޯނަށް އޭނާ ވަގުތުން ގުޅަންފެށިއެވެ. ރޭގައި ނީރާ ދެއްކި ވާހަކަތައް އީހާނު ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެފަދަ ގަދަ ރުޅިއަކާއި ހިތްދަތިކަމެއް ނީރާގެ ފުށުން އީހާނު ނުދެކެއެވެ. އެހެންވިޔަސް އޭނާއަށް ނީރާ ދޫކޮށްލެވޭކަށް ނެތެވެ. ނީރާއަކީ އޭނާގެ މީހެކެވެ. ނީރާ ލިބެންޖެހޭނެ މީހަކީ އީހާނެވެ.
"ހުރިހާ އެއްޗެއް ދޫކޮށްލާނަމޭ ބުނީ މިހެންވެތަ؟ ނުކުމެގެން ދިޔައީތަ؟... ކޮންތާކަށް؟. ލައިޒަލް ކައިރިއަށްތަ؟" ލައިޒަލްގެ ނަން ހިތަށް އެރުމާއެކު އީހާނުގެ އަރުގައި ނޭވާ ތާށިވީ ކަހަލައެވެ. އޭނާ ނިކަން ބޮޑަށް ކޮށިއެރިއެވެ.
"ކޮންތާކު ނީރާވީ؟" އީހާނަށް އެނގޭނެކަން ޔަގީންކޮށް ލަމްހާ އަހާލިއެވެ. އަދި ފެންތަށްޓެއް ދަރިފުޅަށް ދިއްކޮށްލީ ހިކި ކެއްސުންގަނޑަށް ފަރުވާއަކަށެވެ.
މަންމައަށް ދޭނޭ ޖަވާބެއް އީހާން އަތަކު ނެތެވެ. ނީރާގެ ޚަބަރެއްނުވެ ގިނައިރުވާނަމަ މަންމަ ބަލާކަށް ނުހުންނާނެކަން އީހާނަށް އެނގެއެވެ. ނީރާ ވީތަނެއް ހޯދަން އެ މަންމަ ދުނިޔޭގައި އަތްފުނާ އަޅާން ފަހަކަށް ނުޖެހޭނެއެވެ. އޭރުން އޮންނާނީ އީހާން ހެދިހާ ދޮގު ފަޅާއާރާފައެވެ. ނީރާ ފިލައިގެން އެ ދިޔައީ އޭނާގެ ސަބަބުންކަން މަންމައަށް އެނގިފައެވެ. އީހާން ހާސްވެ ކަންބޮޑުވީ އެކަމާއެވެ.
ފުރަތަމަ ކަމަކަށް ލަމްހާގެ ނުތަވަސްކަން ދުރުކޮށްދިނުމަށް އީހާން ވާހަކަދެއްކިއެވެ. އޭނާ ނިދާފައި އޮތުމުން ނީރާ ކީއެއްޗެއް ނޭނގެއޭ ބުނެ މަންމަ ކައިރީ އީހާނު ހެދީ ދޮގެވެ. އެ ދިޔަތަނަކަށް ގޮސްފައި އެނބުރި ނީރާ އަންނާނެއޭ އީހާނު ބުނެލީ އެފަދައިން އުންމީދުކޮށްގެން ހުރެއެވެ. ލައިޒަލް ކައިރީގަތޯ ނީރާވީ ބަލާނޭ ގޮތަކާމެދު އީހާނު ވިސްނިއެވެ. ޔަމާނަށް މާގިނައިން ލައިޒަލްގެ ޚަބަރު އޮޅުންފިލުވަން ގުޅާނަމަ ކަމަކާ ޝައްކުވެދާނޭ އީހާނަށް ވިސްނުނެވެ. ނީރާ ވީތަނެއް ނޭނގިގެން އުޅޭކަން އެނގިއްޖެނަމަ އެމީހުން ވެސް ރޭގައި އީހާން ޖެއްސި "ސްޓަންޓް"އާ މެދު ސުވާލު އުފައްދަފާނެއެވެ. މިހުރިހާ ހިޔާލުތަކެއް އީހާނުގެ ސިކުނޑިއަށް ބަރުކުރަމުން ދިޔައެވެ. އެންމެންނަށް ވެސް ނީރާ ހަމަހުރެފައި ކުއްލިއަކަށް އާއިލާ ވަކިވެގެން ނުދާނޭކަން އެނގޭނެއެވެ. އެއީ ނީރާގެ ގޮތެއް ނޫނެވެ. ޚުދު އީހާނު ވެސް ޔަގީން ކުރީ އެހެންނެވެ. މަންމަ ދޫކޮށްލާކަށް ނީރާއަށް ނުކެރޭނެކަމެވެ. އޭނާގެ އަމިއްލަ އެދުން ވަށާޖެއްސުމުގައި މަންމަ ހިމެނީ އެހެންވެއެވެ. އެއީ އެންމެ ބާރުގަދަ ހަތިޔާރުކަން ޔަގީންކޮށްގެން ހުރެއެވެ.
ނީރާ ގެއަށް އައީ ލައިޒަލްއާއެކުއެވެ. އިމާރާތުގެ ތިރިން ދެ ޒުވާނުން ވަކިވީ ދެން ބައްދަލުވާނީ ކިހިނެއްކަން ނިންމައިގެންނެވެ. ނީރާ އައިސް ގެއަށް ވަންއިރު ލަމްހާއާއި އީހާނާ ދެމެދު ދެބަސްވުމެއް ހިނގަނީއެވެ. ނަމަވެސް ނީރާ ފެނުމާއެކު ލަމްހާގެ ހުރިހާ ސަމާލުކަމެއް ހުއްޓުނީ ނީރާއަށެވެ. ފުރަތަމަ ވެސް އައިސް ނީރާގެ ގައިގާ ލަމްހާއަށް ބައްދާލެވުނީއެވެ.
"ކޮންތާކުން ތިއައީ؟ ވާރެއާ ތެމުނީތަ؟... ކިހިނެއްވެފަ ތިހުރީ؟" ނީރާގެ މޫނުގައިވާ ރަތްކަމާއި ލޮލުގައިވާ ދުޅަކަން ލަމްހާއަށް ފާހަގަކުރެވި އިންތިހާއަށް ކަންބޮޑުވިއެވެ. މަންމައަށް ޖަވާބެއް ދިނުމުގެ ކުރީން ލަމްހާގެ ފަހަތުގައި ދުރުގައި ބަލަން ހުރި އީހާނަށް ނީރާގެ ނަޒަރު ދަތުރުކޮށްލިއެވެ. އޭނާ ހުރީ ނީރާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އަމާޒުވެލި ނަޒަރު އެހާމެ އަވަހަށް ވަކިވީ ނީރާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާ ދިމާއަށް ލަމްހާ ދިޔައީމައެވެ. (ނުނިމޭ)