ތިމާވެށި

ސަމާލު: ރާއްޖެ ސަރަހައްދުން ނުރައްކާތެރި ބޯވައެއް

ރާއްޖެއިން އާންމުކޮށް ފެންނަ ކަމަށް ފާހަގަކުރެވިފައި ނެތް ނުރައްކާތެރި ވިހަ މާއްދާއެއް ހިމެނޭ ބޯވައެއް ކަމަށްވާ "ބްލޫރިންގްޑް އޮކްޓްޕަސް" ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން މިއަދު ބުނީ މި ފަހަކަށް އައިސް "ބްލޫރިންގްޑް އޮކްޓްޕަސް" ރާއްޖޭގެ އެކި ސަރަހައްދުން ކޮންމެވެސް މިންވަރަކަށް ފެންނަމުންދާ ކަމަށެވެ. މި ވައްތަރުގެ ބޯވައަކީ ރާއްޖެއިން ފެންނަ ބޯވައިގެ ބާވަތްތަކަށް ބަލާއިރު ސައިޒުން ކުޑަ ބޯވައެކެވެ. އެސޮރުމެންނަށް ނުރައްކާ އިހުސާސްވުމުން ވަށް ބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫ ކުލައިގެ ވިދުމެއްހެން ލަތްތަކެއް ހަންގަނޑަށް އަރުވައެވެ.

"ބްލޫރިންގްޑް އޮކްޓްޕަސް" ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެ ސޮރުމެން އުފައްދާ ވިހަ މާއްދާއެއް ބޭނުންކޮށްގެންނެވެ. މިއީ ހިއްސުތަކާއި ބެހޭ ނާރުތަކަށް ހަމަލާ ދޭ ވިހަ (ނިއުރޯޓޮކްސިން) އެކެވެ. މި ބާވަތުގެ ބޯވަ ކާނާ ހޯދަނީ އެ ސޮރުމެންގެ ޝިކާރައިގައި ދަތްއަޅައި ޝިކާރައިގެ ހަށިގަނޑުގެ ތެރެއަށް މިވިހަ ދޫކޮށްލައި މަރާލައިގެންނެވެ. އެކި ބާވަތްތަކުގެ ނުރައްކަލުން ދިފާއުވުމަށްވެސް "ބްލޫރިންގްޑް އޮކްޓްޕަސް" މި ވިހަ ދޫކޮށް އުޅެއެވެ.

މި ވިހައަކީ އިންސާނުންވެސް ވަރަށް ނުރައްކާތެރި ވިހައެކެވެ. މި ބާވަތުގެ ބޯވައިގައި އަތްލައި ހިފާ އުޅޭނަމަ އިންސާނުންގެ ގައިގައިވެސް ދަތް އަޅައި ވިހަ ދޫކުުރުމުގެ ފުރުސަތު އޮވެއެވެ. މި ގޮތަށް ބޯވަ ހިފައިގެން ގެންގުޅުމުގެ ތެރޭގައި ދަތް އެޅިނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެ އެވެ. ނަމަވެސް ހަށިގަނޑުގެ ތެރެއަށް މި ވިހަގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމަތްތައް ފެންނަން ފަށައެވެ.