ތިމާވެށި

މަޑިވަރު ފަޅުން ވެލިނަގާ މައްސަލަ މަޖިލީހަށް

ވެލިގަނޑު ރިސޯޓު ގިރުން ހުއްޓުވަން ކަމަށް ބުނެ ކައިރީން އއ. ރަސްދޫ ފަޅުތެރޭގައި އޮންނަ މަޑިވަރު ފަޅުން ވެލި ނަގަމުންދާތީ އެކަން ހުއްޓުވާ ދާއިމީ ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ރަސްދޫ ހިމެނޭ ތޮއްޑޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާން ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 31 މެންބަރުންގެ ވޯޓުންނެވެ.

މަޑިވަރު ސަރަހައްދަކީ ގިނަ ބާވަތްތަކެއްގެ ކަނޑުގެ ދިރުން ހިމެނޭ ސަރަހައްދެކެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ އެ ސަަރަހައްދު ހިމާޔަތްކޮށް ވެލި ނެގުން މަނާ ކޮށްފަ އެވެ. އަދި އެ ސަރަހައްދު ބަލަހައްޓަން ރަސްދޫ ކައުންސިލާ ހަވާލު ކުރަން ވެސް އޮތީ ނިންމާފަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝިޔާން ވިދާޅުވީ ރިސޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ އެ ރަށެއްގެ ހޭޅި ފަށުން ފެށިގެން 500 މީޓަރުގެ އެތެރޭގައި ކަމަށް ޓޫރިޒަމް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ވެލި ފިނޮޅުގެ ނަމުގައި ވެލިގަނޑު ރިސޯޓުން ބޮޑު ކުރަމުންދާ ފަސްގަނޑު ތަރައްގީ ކުރަނީ އެ ރިސޯޓުގެ ބައުންޑްރީގެ ބޭރުން ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ކެނޑިނޭޅި ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށެވެ.

"ވެލި ފިނޮޅު ބޮޑު ކުރުމަށް ވެލި ނެގުމަށް ހިލަ ބާޖެއް ކައިރި ކުރުމަށް ވަގުތީ ވެލި ބެޑެއް ޖެހުމުގެ ސަބަބުން އެއިގެ ސެޑިމެންޓޭޝަން ފެތުރި ސަރަހައްދުގެ މުރަކަތަކުގެ ދިރުމަށް އަސަރު ކޮށްފައި ވުމާއި އެ ސަރަހައްދުގެ ކަހަނބު ޕޮއިންޓާއި ހެމަޑެކް ޝާކް ޕޮއިންޓް ކިލަނބުވެ އެ ދިރުން ނުފެންނާތީ އެ ޝަކުވާ ވެސް ލިބެމުން ދޭ" ޝިޔާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެލިގަނޑު ރިސޯޓުން ވެލި ނަގަމުންދާ ސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަަހައްދަކަށް ވާއިރު ތިމާވެއްޓަށް ގެއްލުންވާ ފަދަ ގޮތަކަށް އެ ރިސޯޓުން އަމަލު ކޮށްފައިވާ ކަމަށެވެ. އެ އަމަލުތަކުގެ ސަބަބުން މަޑިވަރު ފިނޮޅު ނެތިދިއުމުގެ ބިރު އޮތުމާއި، އިގުތިސޯދަށް ނޭދެވޭ އަސަރު ކުރާނެތީ ރިސޯޓުން ބައުންޑްރީ ބޮޑު ކުރުމަށް ކުރާ މަސައްކަތް ހުއްޓުވައި ދާއިމީ ހައްލެއް ހޯދައިދޭން ވެސް ހުށަހެޅުއްވި އެވެ.

މަޑިވަރު ފަޅުން ވެލި ނަގާތީ އެކަމާ ދެކޮޅަށް ރަސްދޫގެ ރައްޔިތުން ގެންދަނީ އިހްތިޖާޖު ވެސް ކުރަމުންނެވެ. މީގެ ކުރިން ޒަަރޫރީ އެކިއެކި ބޭނުންތަކަށާއި ވިޔަފާރި އުސޫލުން ގިނަ އަދަދަކަށް މަޑިވަރު ފަޅު ތެރެއިން ވެލި ނެގުމުގެ ސަބަބުން އެ ފަޅު ތެރޭގައި ހުރި ފިނޮޅުތައް ގިރައި، ގުދުރަތީ ގޮތުން މިހާރު ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރަސްދޫގެ ބައެއް ރައްޔިތުން ބުނެ އެވެ.

ރައްޔިތުންގެ އިހްތިޖާޖު ތަކާ ގުޅިގެން މަޑިވަރު ފަޅުން ވެލި ނެގުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓުވާފަ އެވެ.